ޚަބަރު

އައްޑޫސިޓީ ކައުންސިލުގެ ދަށުގައި ހުރި ބިންތަކުގެ ކުލި 6 މަސް ދުވަހަށް ފަސްކޮށްފި


އައްޑޫ ސިޓީގެ ކުލީ ބިންތަކުގެ ބިމު ކުލި 6 މަސް ދުވަހަށް ފަސްކޮށްދިނުމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެފިއެވެ.

އައްޑޫސިޓީ ކައުންސިލުން ނެރެފައިވާ އިއުލާނުގައި ބުނެފައިވަނީ، ސިޓީ ކައުންސިލުގެ މިނިންމުމާއެކު، އެއްބަސްވުމުގެ މުއްދަތުގައި އަމަލު ކުރަން ޖެހޭ ކަންކަން ފަސްކޮށްދިނުމަށް ވެސް ނިންމާފައިވާ ކަމަށެވެ. ސިޓީ ކައުންސިލުން ވިދާޅުވީ، ކުލި ފަސްކޮށްދޭން ހަމަޖެހިފައިވަނީ އެކަމަށް އެދި ހުށަހަޅާ ފަރާތްތަކަށް ކަމަށެވެ.

އައްޑޫސިޓީ ކައުންސިލުން ވިދާޅުވީ ކުލި ފަސްކޮށްދިނުމަށް އެދޭ ފަރާތްތަކުން ކުލީ ބިމުގެ އެއްބަސްވުމުގެ ކޮޕީ އަކާއިއެކު، ސިޓީ ކައުންސިލުގެ މެއިލް، [email protected] އަށް ފޮނުވައި ދެއްވުމަށެވެ. އަދި ކުލި ފަސް ކޮށްދިނުމަށް އެދެވޭނެ އެންމެ ފަހު ތާރީހަކީ މިމަހުގެ 30 ވަނަ ދުވަސްކަމަށް ކައުންސިލުން ވިދާޅުވެއެވެ.

އައްޑޫސިޓީ ކައުންސިލުން މިފަދަ ނިންމުމެއް ނިންމާފައި މިވަނީ ކޯވިޑް-19އާ ގުޅިގެން އެސިޓީގެ ގިނަ ފިޔަވަޅުތަކެއް އަޅައި، މިފަހުން ފިޔަވަޅުތަކަށް ލުއިތަކެއް ދިނުމަށް ފަހުއެވެ. އައްޑޫ ސިޓީ ކައުންސިލުން ވިދާޅުވި ގޮތުގައި ކުލި ފަސް ކުރުމަށް ހުށަހެޅުމަށް ހުޅުވާލީ އެކަމަށް ދަތިވާ ފަރާތްތައް ދެނެގަތުމަށް ކަމަށެވެ. އެގޮތުން މިދުވަސްކޮޅު ބައެއް ފަރާތްތަކަށް ބިމު ކުލި ދެއްކުމުގައި ދަތިތަކެއް ހުރެދާނެ ކަމަށާއި، ގަވާއިދުން ކުލި ދެއްކޭނެ ފަރާތްތައްވެސް ތިބެނެކަން ސިޓީ ކައުންސިލުން ފާހަގަކުރެއެވެ.

އައްޑޫ ސިޓީގައި މިވަގުތަށް މަޑުޖެހިފައިވާ އިޤްތިޞާދީ ހަރަކާތްތައް ވީހާވެސް އަވަހަށް ފެށުމަށް ތައްޔާރުވަމުންދާކަމަށް ސިޓީ ކައުންސިލުން މީގެކުރީން ވަނީ ވިދާޅުވެފައެވެ.