ޚަބަރު

ޖަޕާން ސަރުކާރުންދޭ ސްކޮލަރޝިޕަށް ކުރިމަތިލުމަށް ހުޅުވާލައިފި


ޖަޕާން ސަރުކާރުން ރާއްޖެއަށް ދޭ ސްކޯލަރޝިޕްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ރާއްޖޭގައި ހުންނަ ޖަޕާނު އެމްބަސީން ވިދާޅުވީ ޖަޕާނު ސަރުކާރުން އެހެން ޤައުމުތަކުގެ ދަރިވަރުންނަށް ހުޅުވާލާ މިފުރުސަތުގައި ދިވެހި ކުދިންނަށްވެސް އެކި ދާއިރާތަކުން ދިރާސާކުރުމަށް ހުރި ފުރުސަތުތަކަށް އެޕްލިކޭޝަން ފޮނުވުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާކަމަށެވެ. އެގޮތުން ރިސަރޗް ކުރުމަށްޓަކާ ޖަޕާނު ސަރުކާރުންވަނީ އެޤައުމުގެ މިނިސްޓްރީ އޮފް އެޑިއުކޭޝަނާއި މިނިސްޓްރީ އޮފް ކަލްޗަރއާއި ކުޅިވަރާއި މިނިސްޓްރީ އޮފް ސައިންސާއި ޓެކްނޮލޮޖީއާ ގުޅުންހުރި އެކި ދާއިރާތަކުން ރިސަރޗްގެ ދާއިރާއިން ކުރިއަށް ދިޔުމަށް ބޭނުންވާ ފުރުސަތަށް ހުޅުވާލާފައެވެ.

2021 ވަނަ އަހަރު ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މިކޯސްތަކަށް ކުރިމަތިލުމުގެ ފުރުސަތު މިމަހުގެ ނިޔަލަށް އޮންނާނެކަމަށް އެމްބަސީން ވިދާޅުވެއެވެ. އެމްބަސީން މަޢުލޫމާތު ދެއްވާގޮތުގައި ސްކޯލަރޝިޕްތަކުގައި ބައިވެރިވެވޭނީ
- މާސްޓަރސް ނުވަތަ ޑޮކްޓޯރަލް ލެވެލްގެ މީހުންނާއި ގުޅުންހުރި ދާއިރާއަކުން ގްރެޖުއޭޓުވެފައިވާ މީހުން
- ގުޅުން ހުރި ދާއިރާއަކުން ރިސަރޗް ހަދަންޖެހޭ ފަރާތްތައް
- ޖަޕާނުގެ ޔުނިވަރސިޓީއަކާއި ގުޅިގެން ކިޔަވަމުންދާ ފަރާތްތައް

ކޯސްތަކާއި ގުޅޭ އިތުރު މަޢުލޫމާތު "ސްޓަޑީ އިން ޖަޕާން" ވެބްސައިޓުން ލިބެން ހުންނާނެކަމަށް އެމްބަސީން ވިދާޅުވެއެވެ. އަދި އެޕްލިކޭޝަން ފޮނުވާ ފަރާތްތަކުގެ ތެރެއިން ރާއްޖޭގައި ހުންނަ ޖަޕާނު އެމްބަސީގައި އޮންނަ ލިޔުމުގެ ޓެސްޓާއި އިންޓަވިއުއަށް ހޮވޭ ފަރާތްތައް ޝޯޓްލިސްޓް ކުރާނީ އެމްބަސީން ރިވިއުކުރުމަށްފަހުކަމަށް ޖަޕާން އެމްބަސީން ވިދާޅުވެއެވެ.

1954 ވަނަ އަހަރުން ފެށިގެން ޖަޕާނުން އެހެން ޤައުމުތަކުގެ ދަރިވަރުންނަށް ހުޅުވާލާފައިވާ ފުރުސަތުގެ ދަށުން މިހާތަނަށް 9000 އަށްވުރެ ގިނަ ދަރިވަރުން ވަނީ މިޕްރޮގްރާމުގައި ބައިވެރިވެ ޖަޕާނުގައި ތަޢުލީމު ޙާސިލުކޮށްފައެވެ. ޖަޕާނުން ރާއްޖެއަށް އެކި ރޮނގު ރޮނގުން އެހީތެރިކަން ފޯރުކޮށްދެމުން އަންނައިރު ޖަޕާނުގެ އެހީ ރާއްޖެއަށް އެންމެ ބޮޑަށް ލިބޭ އެއް ދާއިރާއަކީ ތަޢުލީމީ ދާއިރާއެވެ. ރާއްޖޭގައި ސްކޫލްތަކަށް ބޭނުންވާ ޢުމްރާނީ ތަރައްޤީއާއި އެކި ވަޞީލަތްތައް ފޯރުކޮށްދިނުމުގައި ޖަޕާނަކީ އަބަދުވެސް ފާހަގަކުރެވޭ ޤައުމެކެވެ.