އުމުރުން ދުވަސްވީ މީހުން ކަސްރަތަށް ނުކުންނަ އިރު މާސްކު އެޅުން ރަގަޅު ނޫންކަމަށް އެޗްޕީއޭގެ އެފިޑޮމޮލަޖިސްޓް ޑރ އިބްރާހިމް އަފްޒަލް ވިދާޅުވެއްޖެއެވެ.
ކޯވިޑުން ރައްކާތެރިވުމަށް މާލޭ ސަރަހައްދުގައި އިއުލާންކޮށްފައިވާ ފުރަބަންދަށް ދީފައިވާ ލުއިތަކާއި އެކު ދުވަސްވީ މީހުންނަށް މަގުމައްޗަށް ނުކުތުމުގެ ހުއްދަވަނީ ދޭން ފަށާފައެވެ. މިގޮތުން ފުލުހުންގެ ހުއްދައާއި އެކު ކޮންމެ ދުވަހެއްގެ ފަތިހު 05:00 ފެށިގެން 08:00 ނުކުމެ ހިނގާލާ ކަސްރަތުކުރުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.
ޑރ އަފްޒަލް ވިދާޅުވީ ކަސްރަތު ކުރަން ނުވަތަ ހިންގާލަން ނުކުންނަ ދުވަސްވީ މީހުން މާސްކު އަަޅަން ނުޖެހޭކަމަށެވެ. ޑރ އަފްޒަލް ވިދާލުވީ އުމުރުން ދުވަސްވީ މީހުންގެ ފުއްޕާމެޔާއި ހަށިގަނޑު އާއްމު ހާލަތަށް ބަލާއިރު ފަހަރެއްގައި އާއްމުކޮށް ކުރާވަރަަށް ވުރެ ބޮޑަށް ހަށިގަނޑަށް ބާރުލާ ކަސްރަތުކުރާ އިރު މާސްކު އަޅައިގެން ހުރުމުން ހަށިގަޑަށް ބޭނުންވާ ވަރަށް އޮކްސިޖަން ނުލިބުން އެކަށިގެންވާކަމަށެވެ. އެހެންކަމުން ކަސްރަތު ކުރާއިރު ނުވަތަ ބައިސްކަލް ދުއްވާލަން ނުކުންނައިރު މުހިއްމީ ދުރުމިން ބެހެއްޓުންކަމަށް ޑރ އަފްޒަލް ވިދާޅުވިއެވެ.
" މި ބައްޔަކީ ވައިގެ ތެރޭގައި އުޅޭ ޖަރާސީމެއް ނޫން. މީ އެބަލި ޖެހިފައިވާ މީހަކާއި ވަކި ވަރަކަށް ވުރެ ގާތްވުމުން އޭނާ ކެއްސާ ކިނބިހި އަޅާއިރު ނޫނީ ވާހަކަދެއްކުމުން ވައިގެ ތެރެއަށް ބުރައިގެންދާ ކުޅު ތިކިތަކުން ޒަރިއްޔާއިން އެކަކު އަނެކަކުގެ ގަޔަށް އަރާ ބައްޔެއް. ހަމަ ކަނޑައެޅިގެން ހިނގާލަން އަދި ކަސްރަތުކުރާއިރު މި އުމުރާފުރަައިގެ މީހުން މާސްކް އަަޅައިގެން ހުންނާކަށް ނުޖެހޭނެ. . އަދި ހާއްސަކޮށް ކަސްރަތު ކުރެއްވުމަށް އާއްމުކޮށް ހިނގާ ވަރަށް ވުރެ ބާރަށް ހިނގާއިރު ނުވަތަ ބައިސްކަލެއް ދުއްވާއިރު މިހަކަލަ ކަސްރަތެއް ކުރާއިރު މި ބޭފުޅުންނަށް ހާއްސަކޮށް ރަނގަޅީ މާސްކު ނޭޅުއްވިއްޔާ. އެއީ އެބޭފުޅުން ފުއްޕާމެ އާއި ހަށިގަނޑުގެ އާއްމު ހާލަތަށް ބަލާއިރުވެސް ފަހަރެއްގައި އާއްމުކޮށް ކުރާ ވަރަށް ވުރެ ބޮޑަށް ހަށިގަނޑަށް ބާރުލާއިރު ހަށިގަޑަށް ބޭނުންވާ ވަރަށް އޮކްސިޖަން ނުލިބުން އެކަށިގެންވޭ. އެހެންވީމާ އެކަހެރިކޮށް އެކްސަސައިޒް ކުރައްވާ ދުވާފައި ދާއިރުވެސް އެ ދުރުމިން ބަހައްޓަވާ." ޑރ އަފްޒަލް ވިދާޅުވިއެވެ.
ދުވަސްވީ މީހުން ހެނދުނު ނުކުންނަ އިރު ބައެއް ފަރާތްތަކުން ކުޑަކުދިން ނެރޭތީ އެކަން ނުކުރެއްވުމަށްވެސް ޑރ އަފްޒަލް ވަނީ ގޮވާލައްވާފައެވެ. ޑރ އަފްޒަލް ވިދާޅުވީ މިވަގުތު ކުޑަކުދިން ނެރުމަކީ އެހާ ރައްކާތެރިކަމެއް ނޫންކަމަށެވެ.
" އެބޭފުޅުންނާއި އެކު އެހެން އުމުރުގެ ފުރައިގެ މީހުންވެސް ދާތަން އެބަފެނޭ. ނުވަތަ އެބޭފުޅުންނާއި އެކު ކުޑަކުދިންވެސް ދާތަން އެބަފެނޭ. އެ އީ އަޅުގަނޑުމެންގެ ހުއްދަ ލިބިގެންވާކަމެއް ނޫންވީމާ އަދި އެއީ ރައްކާތެރި ގޮތަކަށްވެސް ނުވޭ. ހަމަ ރަގަޅު ގޮތަކީ ހުއްދަ ލިބިގެންވާ އުމުރުން ދުވަސްވީ މީހުން އެ ފުރުސަތުގެ ބޭނުންކޮށް ކަސްރަތުކުރުމަށް ވަޑައިގަތުން ކަސްރަތު ކުރައްވާއިރުވެސް ގައިދުރުކަން ބަހައްޓަންޖެހޭނެ . ތިން ފޫޓް ތިން ފޫޓް ދުރުގައި ތިބޭނީ . " ޑރ އަފްޒަލް ވިދާޅުވިއެވެ.
ކޯވިޑާއި ގުޅިގެން މާލެ ސަރަހައްދުގައި އިއުލާންކޮށްފައި ފުރަބަންދުގައި ދޭ ލުއިތަކުގެ ތެރެއިން ކުޑަކުދިންނަށް މަގުމައްޗަށް ނުކުމެވޭނީ މިހާރު މިހިނގާ 14 ދުވަހަށްފަހުއެވެ. އެއަށްފަހު ކޮންމެ ދުވަހެއްގެ ފަތިހު 05:00 އިން 08:00 އަށް ކުޑަކުދިންނަށްވެސް މަގުމައްޗަށް ނުކުމެވޭނެކަން އެންއީއޯސީން ވަނީ ހާމަކޮށްފައެވެ.