ޚަބަރު

ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްސަ ސްކޮލަރޝިޕަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި


ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްސަ ސްކޮލަރޝިޕް އާއި ހައި އެޗީވަރސް ސްކޮލަރޝިޕް 2019 އަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މިދިޔަ އަހަރު މަތީ ސާނަވީ އިމްތިހާނު ފުރިހަމަކުރި ދަރިވަރުންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ ސްކޮލަރޝިޕަށް ހޮވޭ ދަރިވަރުންނަށް އެ ދަރިވަރަކު ބޭނުން ދާއިރާއަކުން ބޭނުން ޤައުމެއްގައި ފުރަތަމަ ޑިގްރީ ފުރިހަމަ ކުރުމުގެ ޚަރަދު ސަރުކާރުން ހަމަޖައްސާދެއްވާނެކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.

ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ ރައީސްހެ ހާއްސަ ސްކޮލަރޝިޕަށް ކުރިމަތިލުމުގެ ޝަރުތަކީ އޭލެވެލް 5 މާއްދާއިން އޭ ސްޓާރ ފާސް ލިބިފައިވުން ނުވަތަ ޝަހާދަ ސާނަވީ އިމްތިޙާނުގައި ބައިވެރިވި ހުރިހާ މާއްދާއަކުން އޭ ސްޓާރ ހާސިލްކޮށްފައި ވުމެވެ.

މިދިޔަ އަހަރު މަތީ ސާނަވީ އިމްތިހާނު ފުރިހަމަކުރި ދަރިވަރުންގެ ތެރެއިން ހައި އެޗީވަރސް ސްކޮލަރޝިޕަށް ކުރިމަތިލާ ދަރިވަރުންނަށް ފުރުޞަތު ލިބޭނީ "ނެޝެނަލް ޓްރެއިނިންގް ނީޑްސް ލިސްޓް" ގައި ހިމެނޭ ދާއިރާތަކުން ފުރަތަމަ ޑިގްރީ އަށް ކިޔެވުމުގެ ފުރުސަތުކަމަށް މިނިސްޓްރީން ވިދާޅުވެއެވެ. މި ކުދިންނަށްވެސް ކިޔެވުމުގެ ޚަރަދު ހަމަޖައްސާނީ ސަރުކާރުންނެވެ.

ހައި އެޗީވަރސް ސްކޮލަރޝިޕަށް ކުރިމަތިލުމުގެ ޝަރުތު ތަކުގެ ތެރޭގައި އޭ ލެވެލް 5 މާއްދާއިން އޭ ފާސް ހޯދައިފައިވުން ނުވަތަ ޝަހާދާ ސާނަވީ އިމްތިހާނުގައި ބައިވެރިވި ހުރިހާ މާއްދާއަކުން އޭ ހާސިލްކޮށްފައިވުން ހިމެނެއެވެ. މި ސްކޮލަރޝިޕްގެ ދަށުން ކިޔަވަން ފުރުސަތު ލިބޭނީ ދިވެހިރާއްޖޭގެ އިތުރުން ސާރކްގެ ޤައުމުތަކާއި މެލޭޝިޔާ، ތައިލެންޑް، ފިލިޕީންސް، ޗައިނާ އަދި އޯއީސީޑީ ޤައުމުތަކުގެ މަތީ ތައުލީމް ފޯރުކޮށްދޭ ތަންތަނުގައިކަމަށް ހަޔަރ އެޑިއުޚޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.

މި ސްކޮލަރޝިޕްތަކަށް ކުރިމަތިލާން އެދޭ ދަރިވަރުން މައި އެޑިއު ޕޯޓަލhttps://myedu.egov.mvް މެދުވެރިކޮށް ފޯމް ފުރިހަމަކުރުމަށްފަހު ހުށަހެޅުމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.