ސިއްހަތު

ކުޑަކުދިންނާއި ޒުވާނުން ދުންފަތާއި ދުރުކުރުމަށް ކޮންމެ މީހަކުވެސް ފަރުދީޒިންމާ އަދާކުރަންޖެހޭ: މިނިސްޓަރ އަމީން


ކުޑަކުދިންނާއި ޒުވާނުން ދުންފަތާއި ދުރުކުރަން ފަރުދީގޮތުން ކޮންމެ މީހަކު ޒިންމާއަދާކުރުމަށް މިނިސްޓަރ އޮފް ހެލްތް ޢަބްދުﷲ އަމީން ގޮވާލައްވައިފިއެވެ.

ހެލްތް އަމީން މިނިސްޓަރ މިކަމަށް ގޮވާލެއްވީ މިއަދު ފާހަގަކުރާ ދުނިޔޭގެ ދުންފަތުގެ އިސްތިޢުމާލުނުކުރާ ދުވަހުގެ މުނާސަބަތުގައި ދެއްވި ބަޔާނެއްގައެވެ. މިނިސްޓަރ އަމީން ވިދާޅުވީ، ދުންފަތުގެ އިސްތިޢުމާލު ކުރުމުގެ ސަބަބުން އިންސާނާގެ ސިއްހަތަށް ލިބޭ ގެއްލުމާއި، އިޤްތިޞާދީގޮތުން ލިބޭ ގެއްލުމާއި، އިޖްތިމާޢީ ގޮތުން ކުރިމަތިވާ ގޮންޖެހުންތަކަކީ ދެބަސްވުމަށް ފުރުޞަތު އޮތްކަމެއްނޫންކަމަށެވެ. އަދި މިއަހަރުގެ ދުންފަތުގެ އިސްތިޢުމާލުނުކުރާ ދުވަސް ފާހަގަކުރާއިރު މުޅި ދުނިޔެވެސް ދަނީ ކޯވިޑް-19ގެ ނުރައްކާތެރި ޞިއްހީ މުސީބާތެއް ތަޙައްމަލުކުރަމުންދާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މިނިސްޓަރ އަމީން ވިދާޅުވީ، މިއީ ދުންފަތުގެ އިސްތިޢުމާލު ކުރުންފަދަ ސިއްހަތަށް ގެއްލުންވާ ބޮޑުކަމަކުން ސަލާމަތްވުމަށް އަޒުމުކަނޑައަޅާ އެކަމަށް މަސައްކަތް ފަށައިގަންނަންވީ އެންމެ ރަނގަޅު ދުވަސްކަމަށެވެ. އަދި ޒުވާނުންނާއި، ކުޑަކުދިން ދުންފަތުގެ ވަބާއިން ސަލާމަތްކުރުމަކީ އެންމެންގެވެސް ފަރުދީ ޒިންމާއަކަށް ހެއްދެވުމަށް މިނިސްޓަރ އަމީން ގޮވާލެއްވިއެވެ.

"މިފަދަ ދުވަހަކީ ދުންފަތުގެ އިސްތިޢުމާލު ކުރުންފަދަ ސިއްހަތަށް ގެއްލުންވާ ބޮޑުކަމަކުން ސަލާމަތްވުމަށް އަޒުމު ކަނޑައަޅާ އެކަމަށް މަސައްކަތް ފަށައިގަންނަންވީ އެންމެ ރަނގަޅު ދުވަސް. ވަކިން ޚާއްސަގޮތެއްގައި ޒުވާނުންނާއި ކުޑަކުދިން ދުންފަތުގެ އިސްތިޢުމާލުކުރުމާއި ދުރުހެލިކުރުމަށް ފަރުދީގޮތުން ކޮންމެ މީހަކު ޒިންމާއަދާކުރުމަށް އަޅުގަނޑު ގޮވާލަން" މިނިސްޓަރ އަމީން ވިދާޅުވިއެވެ.

ހެލްތް މިނިސްޓްރީން އާއްމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން ރާއްޖޭގެ އާބާދީގެ 42 އިންސައްތަ ފިރިހެނުންނާއި، 3 އިންސައްތަ އަންހެނުންނަކީ ދުންފަތުގެ އިސްތިޢުމާލުކުރާ މީހުންނެވެ. އަދި އަހަރެއްގެ މައްޗަށް އެވަރެޖްކޮށް 461 މިލިއަން ސިނގިރޭޓު ރާއްޖެއަށް އިމްޕޯޓުކުރާއިރު، މިތަކެތީގެ އަގު ގާތްގަނޑަކަށް 1.6 ބިލިއަން ރުފިޔާއަށް އަރާނެކަމަށް ހެލްތް މިނިސްޓްރީން ވިދާޅުވިއެވެ. އަދި އަހަރެއްގެ މައްޗަށް ރާއްޖޭގައި މަރުވާ މީހުންގެ 24 އިންސައްތަ މީހުންނަކީ ދުންފަތުގެ އިސްތިޢުމާލުކުރާ މީހުންކަން އެ މިނިސްޓްރީން ވަނީ ފާހަގަކުރައްވާފައެވެ.

ދުންފަތުގެ އިސްތިޢުމާލުކުރުން ހުއްޓުވުމަށް ބާރު އެޅުމުގެ ގޮތުން ސަރުކާރުންވަނީ އެކަމުން ދުރުވާން ބޭނުންވާ ފަރާތްތަކަށް އެހީތެރިވުމަށް ޙާއްސަ ކްލިނިކެއް ޤާއިމުކޮށްފައެވެ. އަދި ވަކިން ސިނގިރޭޓު ވިއްކުން މަނާކޮށް، ފޮޓޯޖެހި އިންޒާރުނެތި ދުންފަތުގެ ބާވަތްތައް ވިއްކުންވެސް ވަނީ މަނާކޮށްފައެވެ.