ޚަބަރު

މަސްޖިދުއްނަބަވީ މިއަދުގެ ފަތިސް ނަމާދާއެކު އަލުން ހުޅުވާލައިފި


ސައުދީ ޢަރަބިއްޔާގެ މަދީނާގައި ހުންނަ މާތްވެގެންވާ މަސްޖިދުއް ނަބަވީ ދެ މަހަށްފަހު މިއަދުގެ ފަތިސްނަމާދާއެކު އެކު ހުޅުވާލައިފިއެވެ.

މަސްޖިދުއް ނަބަވީ ހުޅުވުމުގެ ހުއްދަ ސައުދީ ރަސްގެފާނު ދެއްވި ނަމަވެސް ރައްކާތެރިކަމުގެ ފިޔަވަޅުތައް ނާޅާ މިސްކިތަށް ނުވެދެވޭނެކަމަށް ވަނީ ކަނޑައަޅާފައެވެ. މި ގޮތުން ނަބަވީ މިސްކިތަށް ކުޑަކުދިން ދިޔުން ވަނީ މަނާކޮށްފައެވެ. އަދި މިސްކިތަށް ދާ މީހުންނަށް މިސްކިތަށް ވަދެވޭނީ މާސްކު އަަޅައިގެންކަމަށާއި ޖަމާއަތުގައި ނަމާދުކުރުމުގައި ދެމީހުންގެ މެދުގައި ދުރުން މިން ބެހެއްޓުމަށްވަނީ ކަނޑައަޅާފައެވެ.

ނަމާދުތަކަށް މިސްކިތް ހުޅުވާލިނަމަވެސް މިސްކިތުގެ 40 އިންސައްތަ އަދިވެސް ހުންނާނީ ބަންދުކޮށްފައެވެ. މީގެއިތުރުން މިސްކިތުން ޒަމްޒަމްފެން ނުލިބޭނެކަމަށާއި ރައުޝާ އާއި ކީރިތި ރަސޫލާގެ މަގްބަރާ ހުންނަ ސަރަހައްދު އަދިވެސް ބަންދުންވާނެކަމަށް ސައުދީ ސަރުކާރުން ބުނެއެވެ.

މަދީނާގައި ހުންނަ މަސްޖިދުއް ނަބަވީ ހުޅުވާލިނަމަވެސް މައްކާގެ މަސްޖިދުލް ހަރަމް އަދި ހުޅުވަން ނިންމާފައެއްނުވެއެވެ.

ކޯވިޑްގެ ނުރައްކާތެރިކަން މުޅި ދުނިޔެއަށް ކުރިމަތިވުމުން އެޅި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މުސްލިމުންގެ ދެ ޙަރަމް ކަމަށްވާ، މައްކާގެ މަސްޖިދުލް ހަރަމާއި، މަދީނާގައި ހުންނަ މަސްޖިދުއް ނަބަވީގައި ނަމާދުކުރުން ވަގުތީގޮތުން ހުއްޓާލީ މާރިޗުމަހުގެ 21 ވަނަދުވަހުން ފެށިގެންނެވެ.

ސައުދީ އަރަބިއްޔާގައި ކޯވިޑް ބެލި ޖެހުނު މީހުންގެ އަދަދު ވަނީ 83،384 އަރާފައެވެ. އަދި މި ބަލީގައި އެ ޤައުމުން 480 މީހުންވަނީ މަރުވެފައެވެ.