ޚަބަރު

ޖީ7 ބައްދަލުވުމުގައި ޖަރުމަންގެ އެންގެލަރ މާރކެލް ބައިވެރިއެއްނުވާނެ


ޖަރުމަނުވިލާތުގެ ޗާންސެލަރ އެންގެލަރ މާރކެލް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިސްވެ އިންތިޒާމްކުރައްވާ ޖީ7 ބައްދަލުވުމަށް ހާޒިރުވެވަޑައި ނުގަންނަވާނެކަމަށް އޭނާގެ ރަސްމީ އޮފީހުން ބުނެފިއެވެ.

ޖޫން މަހުގެ 10ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައި އޮތް ޖީ7 ސަމިޓު ވަނީ ކޯވިޑް-19 ފެތުރޭތީ ކެންސަލްކޮށްފައެވެ. ނަމަވެސް ޓްރަމްޕް ވަނީ އަލުން އެ ބައްދަލުވުން ބާއްވަން ވިސްނަވާކަމަށާއި ކޯވިޑް-19 ފެތުރޭ މި ދަނޑިވަޅުގައި އެ ބައްދަލުވުން ބާއްވައިފިނަމަ ކުރީގެ ޙާލަތަށް ރުޖޫޢަވާން ފަށާފައިވާކަމުގެ އިޙްސާސު ކުރެވޭނެކަމަށް ވިދާޅުވެފައެވެ.

ނަމަވެސް މާރކެލްގެ އޮފީހުން ބުނީ ކޯވިޑް-19ގެ ޙާލަތަށް ބަދަލެއް ނާންނަނަމަ އެ ކަމަނާ އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިނުގަންނަނަވާނެކަމަށާއި ބަލިމަޑުކަމުގެ ސަބަބުން ކުރިމަތިވެފައިވާ ޙާލަތު ކައިރިން ބަލަމުން ގެންދަވާނެކަމަށެވެ.