ޚަބަރު

ބެލަރޫސްއާއި އިނގިރޭސިވިލާތާއި ލަންކާގައި ތިބި ދިވެހިން ރާއްޖެއަށް


ރާއްޖެއިން ބޭރުގައި ތިބި 103 ދިވެއްސަކު މިއަދު ރާއްޖެ ގެނެސްފިއެވެ.

މިއަދު ރާއްޖެ ގެނައި މީހުންގެ ތެރޭގައި ހިމެނެނީ ބެލަރޫސްގައި ތިބި 48 ދިވެހިންނާއި އިނގިރޭސިވިލާތުގައި ތިބި 23 ދިވެހިންގެ އިތުރުން ލަންކާ ތިބި 32 ދިވެހިންނެވެ. މި މީހުން ރާއްޖެ އައިސްފައިވަނީ މިއަދު ހެނދުނެވެ.

ފޮރިން މިނިސްޓްރީގެ ޑިރެކްޓަރ އޮފް ކޮމިއުނިކޭޝަން މިއުވާން މުހައްމަދު ވިދާޅުވި ގޮތުގައި ބެލަރޫސްއާއި އިނގިރޭސިވިލާތުގައި ތިބި ދިވެހިން ރާއްޖެ ގެނައީ އެކި ޤައުމުތަކުގައި ތާށިވެފައިތިބި ރައްޔިތުންގެ ތެރއިން އަނބުރާ ރާއްޖެ އަންނަން ބޭނުންވާ ދިވެހިން ގެނައުމަށް ދިވެހި ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިންނެވެ.

ބެލަރޫސްގައި ފުރަބަންދު އިއުލާންނުކޮށް ގިނަ ދުވަސްވެ އެ ޤައުމުގައި ތިބި ދިވެހިން ރާއްޖެ ނުގެނެވުމުގެ ސަބަބުން މީގެ ކުރިން ދިވެހިންގެ ގިނަ ބަޔަކު ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އޭރު ސަރުކާރުން ވިދާޅުވި، މި ދިވެހިން ގެނެވިފައި ނުވަނީ ކޯވިޑްއާއި ގުޅިގެން ވައިގެ ދަތުރުފަތުރު ހުއްޓި އެ ފަރާތްތައް ގެންނާނެ ފްލައިޓެއް ހަމަނުޖެހުމުގެ ސަބަބުން ކަމަށެވެ. ސަރުކާރުން މިހާރު ދަނީ ސައުދީގައި ތާށިވެފައިތިބި ދަރިވަރުންތަކެއްވެސް ގެނައުމުގެ މަސައްކަތް ކުރަމުންނެވެ. މަދީނާ ޔުނިވަސިޓީގެ މިދަރިވަރުން ރާއްޖެ ގެނައުމަށް ބޭނުންވާ ޓިކެޓް ސައުދީ ސަރުކާރުން ސައުދީ އެއަރލައިންސް މެދުވެރިކޮށް ހަމަޖައްސާދީފައިވާއިރު، މި އެއަރލައިންގެ ދަތުރުތައް ފެށުނުހާ އަވަހަކަށް މި ދަރިވަރުންވެސް ރާއްޖެ ގެންނާނެކަމަށް ސަރުކާރުން ވަނީ ހާމަކުރައްވާފައެވެ.

ސަރުކާރުން ދާދިފަހުން ވަނީ ރާއްޖެ ނާދެވި ތައިލެންޑުގައި ތިބި 26 ދިވެހިންވެސް ރާއްޖެ ގެނެސްފައެވެ.
މީގެކުރިން އިންޑިއާއާއި ސްރީލަންކާއާއި މެލޭޝިއާގައި ރާއްޖެ ނާދެވި ތިބި ދިވެހިންވެސް ސަރުކާރުން ވަނީ ރާއްޖެ ގެނެސްދީފައެވެ. މިހާތަނަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ރާއްޖެ ނާދެވިތިބި 1000 އަށްވުރެ ގިނަ ދިވެހިން ރާއްޖެ ގެނެސްދީފައިވާ ކަމަށް ސަރުކާރުން ވަނީ ވިދާޅުވެފައެވެ.

ބޭރު ޤައުމުތަކުގައި ދިރިއުޅޭ ދިވެހިން އަނބުރާ ޤައުމަށް އަންނަން ބޭނުންވެއްޖެނަމަ ފޮރިން މިނިސްޓްރީގައި ނުވަތަ އެ ޤައުމުތަކާއި އެންމެ ކައިރީގައިވާ ދިވެހި މިޝަންތަކުގައި ރަޖިސްޓްރީކުރުމަށް ފޮރިން މިނިސްޓްރީން ވަނީ އެދިވަޑައިގެންފައެވެ.

ރާއްޖޭގައި ތިބި އެހެން ޤައުމުތަކުގެ މީހުންވެސް އެމީހުންގެ އަމިއްލަ ޤައުމަށް ދެވޭނެ އިންތިޒާމް ސަރުކާރުން އަންނަނީ ހަމަޖައްސާދެމުންނެވެ. އެގޮތުން އިންޑިއާ، ބަންގްލަދޭޝް އަދި ތައިލެންޑްގެ އިތުރުން ބައެއް އެހެން ޤައުމުތަކުގެ ރައްޔިތުންވެސް އެމީހުންގެ ޤައުމަށްދަނީ ފޮނުވަމުންނެވެ.