ޚަބަރު

ތ. ގުރައިދޫގައި ބިދޭސީ މީހާ މަރާލި މައްސަލާގައި ބަންގްލަދޭޝް މީހަކު ހައްޔަރުކޮށްފި


ތ ގުރައިދޫގައި ބަނގުލަދޭޝް މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ މަރާލި މައްސަލައިގެ މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ އިދާރާއިން ވިދާޅުވީ މިމައްސަލައިގެ ތުހުމަތުކުރެވޭ 22 އަހަރުގެ ބަންގްލަދޭޝް މީހަކު ހައްޔަރުކޮށްފައި ވާކަމަށެވެ. އަދި މައްސަލައިގައި ތުހުމަތު ކުރެވޭ މީހާ ހުރީ މިމަހުގެ 21 ވަނަ ދުވަހުން ފެށިގެން ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށެވެ.

ފުލުހުން ބުނީ މިހާދިސާ ހިނގާފައި ވަނީ މަރާލާފައިވާ ބަންގްލަދޭޝް މީހާ އާއި ހައްޔަރު ކުރެވުނު މީހާއާއި ދެމެދު ހިނގާފައިވާ ހަމަނުޖެހުމެއްގެ ތެރޭގައިކަމަށް މިހާތަނަށް ކުރި ތަހުޤީޤުން ހާމަވެފައިވާ ކަމަށެވެ. ފުލުހުން ވިދަޅުވީ މިމައްސަލައި އާއި ގުޅިގެން ފުލުހުން ހޯދަންޖެހޭ ފޮރެންސިކް ހެކި ހޯދައި ތަހުޤީޤު ފުރިހަމަ ކުރުމަށް ކުރަންޖެހޭ މަސައްކަތް ކުރިޔަށްދާކަމަށެވެ.

ފުލުހުންގެ އިދާރާއިން ވިދާޅުވީ، ތ ގުރައިދޫގައި ބިދޭސީން ދިރިއުޅޭ ގެއެއްގެ ތެރޭގައި ބިދޭސީއަކަށް ތޫނު އެއްޗަކުން ހަމަލާދީފައިވާ ކަމުގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވަނީ މޭމަހުގެ 21 ވަނަ ދުވަހުގެ މެންދަމުން އަލިވެ 1:00 ހާއިރުގައި ކަމަށެވެ.