ޚަބަރު

ސްކައުޓް ޙަރަކާތަށް 64 އަހަރު، މިދަނޑިވަޅުގައިވެސް ޤައުމީ ޚިދުމަތުގައި


ރާއްޖޭގެ 64 ވަނަ ސްކައުޓް ދުވަހުގެ މުނާސަބަތުގައި ރާއްޖޭގެ ހުރިހާ ސްކައުޓުންނަށް ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު ދުވަހުގެ ތަހުނިޔާ އަރިސްކުރައްވައިފިއެވެ.

ސްކައުޓުންގެ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ޓުވީޓެއްގައި ވަނީ ޒަމާނުއްސުރެ މުޖުތަމަޢުގައި ހަރުދަނާ ޒުވަނުންތަކެއް ބިނާކުރުމަށް ސްކައުޓުން ކުރައްވަމުން ގެންދަވާ މަސައްކަތް ފާހަގަކުރައްވާފައެވެ.

ރާއްޖޭގައި ސްކައުޓް ޙަރަކާތް ފެށުނީ 1956 ވަނަ އަހަރުގައި މަޖީދިއްޔާ ސްކޫލްގައެވެ. ހަމައެކަނި ފިރިހެން ކުދިންނަށް ޚާއްސަ ޙަރަކާތެއްގެ ގޮތުގައެވެ. މަޖީދިއްޔާ ސްކޫލުން މީގެ 64 އަހަރުކުރިން ފެށި ސްކައުޓު ޙަރަކާތް މިހާރު މުޅި ރާއްޖެއަށް ފުޅާވެ، އެތައްހާސް ސްކައުޓުން ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި އަންނަނީ ޙަރަކާތްތެރިވަމުންނެވެ. މީގެ ކުރިން ހަމައެކަނި ސެކަންޑަރީން ފެށިގެން ހަޔަރ ސެކަންޑަރީއާ ހަމައަށް ސްކައުޓުން ޙަރަކާތްތެރިވި ނަމަވެސް ސްކޫލް ކުދިންގެ މެދުގައި އިތުރު ޙަރަކާތެއްގެ ގޮތުގައި ކުރިއަށްގެންދާ އެންމެ މަޤުބޫލު ޙަރަކާތަކަށް މިޙަރަކާތްވެ ޕްރީ ކަބްސްކައުޓްއިން ފެށިގެން އެޑަލްޓް ލީޑަރސްއާއި ހަމައަށް ސްކައުޓުންގެ ޙަރަކާތް މިހާރުވަނީ ފުޅާކޮށްފައެވެ.

ދެހާހުގެ އަހަރުތަކާއި ހަމައަށް ހަމައެކަނި މާލޭގައި ސްކައުޓުންގެ ދައުރު އޮތްނަމަވެސް ދެހާހުގެ އަހަރުތަކުގެ ކުރީކޮޅު ހއ.ހޯރަފުއްޓާއި ހއ.ދިއްދޫއާއި ތ.ގުރައިދޫގެ އިތުރުން ޅ.ނައިފަރާއި ގދ.ތިނަދޫގައި ސްކައުޓުންގެ ޚިދުމަތް ވަނީ ފަށާ ރާއްޖެއަށް ސްކައުޓްގެ ޙަރަކާތް ފުޅާކޮށްފައެވެ.

ސްކައުޓުންނަކީ މުޖުތަމަޢުތެރޭގައި ހުންނަ ގިނަ ކަންކަމުގައި އެހީތެރިވުމުގެ ނަމޫނާ ޒަމާނުއްސުރެ ދައްކަމުން އަންނަ ޖަމާޢަތަކެވެ. އަޚުލާގީ މިންގަނޑު ހިފަހައްޓާ ޤައުމަށް ބޭނުންޖެހޭ ކޮންމެ ދަނޑިވަޅެއްގައި ގިނަ ޤުރުބާނީތަކެއް ވާންޖެހުނުނަމަވެސް ކުރީ ސަފުގައި ތިބޭ އެއްބަޔަކަށް ސްކައުޓުންވެއެވެ. އެގޮތުން ތާރީޚުގެ ތެރެއިން ސުނާމީ ކާރިސާގައި ސްކައުޓުންވަނީ ނަމޫނާ ހިތްވަރެއް ދައްކާފައެވެ.

ސްކައުޓުންނަކީ ޤައުމު ގޮވާލާ ކޮންމެ ދަނޑިވަޅެއްގައި ނިކުންނަން ތައްޔާރަށް ތިބޭ ބައެކެވެ. މިހާރު ރާއްޖޭގައި ފެތުރެމުން އަންނަ ކޯވިޑް-19އާ ގުޅިގެން އެންމެ ފުރަތަމަ އެން.އީ.އޯ.ސީގެ މަސައްކަތް ދަރުބާރުގޭގައި ފެށި ހިސާބުން ސްކައުޓުން އަންނަނީ އެކަމުގައި އެންމެ ކުރީ ސަފުގައި ބައިވެރިވެ ޙަރަކާތްތެރިވަމުންނެވެ. އެގޮތުން ސްކައުޓް ލީޑަރުންނާއި ރޯވާ ސްކައުޓުން އަންނަނީ މަސައްކަތްކުރަމުންނެވެ. އަދި މިހާރު އޮތް ކޯވިޑް-19ގެ ޚާއްސަ ޚާލަތާއި ގުޅިގެން މިއަހަރު ބޭއްވުމަށް ހަމަޖެހިފައި އޮތް ސްކައުޓް ޖަމްބަރީވެސްވަނީ ފަސްކޮށްފައެވެ.