މޭޑޭ މުޒާހަރާގައި ހައްޔަރުކުރި ޢަބްދުﷲ ރަޝީދު މުޙައްމަދު ޖަލުގައި ޙުކުމް ތަންފީޒުކުރަމުންދަނިކޮށް މަރުވި މައްސަލާގައި މިނިވަން މުވައްސަސާތަކުން ބޮޑެތި އިހުމާލުތަކެއް ވެފައިވާކަމަށް އޭނާގެ ޤާނޫނީ ވަކީލުގެ ގޮތުގައި މަސައްކަތް ކުރެއްވި ފުނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖް ވިދާޅުވެއްޖެއެވެ.
މިނިވަން މުވައްސަސާތަކާއި ބެހޭ ކޮމިޓީން ހުށަހެޅުނު ރިޕޯޓަކަށް ވާހަކަ ދައްކަވަމުން މޫސާ ސިރާޖް ވިދާޅުވީ މިނިވަން މުވައްސަސާތަކާއި ބެހޭ ކޮމިޓީތަކުން ވެފައިވާ އިހުލާލުތަކަކީ މިއަދުވެސް ފެންނަން ހުރި ކަންތައްތަކެއްކަމަށެވެ. އޭގެ ތެރެއިން ވީނުވީއެއްނޭގި ގެއްލިފައިވާ މީހުންނާއި، މަރާލެވިފައިވާ މީހުންނާއި، ޖަލުގައި މަރުވި މީހުންގެ މައްސަލަތަކުގެ ވާހަކަ ސިރާޖްވަނީ ފާހަގަކުރައްވާފައެވެ.
އެގޮތުން 2017 ވަނަ އަހަރުން ފެށިގެން ޖަލުގައި އަބުދުއްﷲ ރަޝީދު ހޭދަކުރި ގޮތާއި، އުޅުއްވި ހާލުވަރަށް ކައިރިން ފެނި އޭނާގެ ޤާނޫނީ ވަކީލެއްގެ ގޮތުގިވެސް މަސައްކަތް ކޮށްފައިވާނެކަމަށް ސިރާޖް ވިދާޅުވިއެވެ. ސިރާޖު ވަނީ އޭނާއަށް އިންސާފު ނުލިބި ނިޔާވެފައިވާއިރު، މިއަދާއި ހަމަޔައަށްވެސް މިނިވަން މުވައްސަސާ ކޮމިޓީތަކުން މިކަމުގައި އަދާކުރަންޖެހޭ ޒިންމާތައް އަދާނުކުރެވި ވާކަމަށް ވިދާޅުވެފައެވެ.
ސިރާޖްގެ މިވާހަކަތަކާއިއެކު އޭނާއަށް ވާހަކަ ދައްކަން ދަތިފުޅުވެ ކީރިތި ކުރައްވަން ފެއްޓުވުމުން، ރިޔާސަތުން ވަނީ ފަހުން ފުރުސަތު ދެއްވާނެކަމަށް ވިދާޅުވެފައެވެ.
އަބްދުﷲ މަރުވިއިރު، އޭނާއަށް އެންމެ ފުރަތަމަ ފަރުވާ ދިނީ ޖަލުގައި ހުންނަ މެޑިކަލް ސެންޓަރުން އޮކްޓޯބަރު 7، 2017 ގަ އެވެ. އެއަށް ފަހު އޮކްޓޯބަރު 9، 2017 ގައި އޭނާ އައިޖީއެމްއެޗަށް ގެންދިއުމާ ހަމައަށް ޖަލުގައި ތިން ފަހަރު ފަރުވާދީފައި ވެއެވެ.
ކ. މާފުށީ ޖަލުގައި ހުކުމް ތަންފީޒުކުރަމުން ދަނިކޮށް ޢަބްދުﷲ ރަޝީދު މަރުވެފައިވަނީ 2107 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 10 ވަނަ ދުވަހުއެވެ. އެހެން ކަމުން އެޗްއާރުސީއެމުން ވަނީ މައްސަލައިގައި އެ ކޮމިޝަނުގެ ތަހުޤީޤަށް ރިޢާޔަތްކޮށް ދައުވާކޮށްދިނުމަށް އެދި ޕީޖީގައި 2019 އެދިފައެވެ. އެޗްއާރުސީއެމުން ބުނީ ޢަބްދުﷲ ރަޝީދު މަރުވި މައްސަލާގައި އިހުމާލުވި ކަމަށް ތަހުގީގަށް ފާހަގަވި މީހުންގެ ނަންތައް މައްސަލަ ފޮނުވުމަށް ފަހު ހާމަކުރާނެ ކަމަށެވެ.
ޢަބްދުﷲ ރަޝީދު މަރުވީ އޭނާގެ އެތެރެ ހަށީގައި އިންފެކްޝަނެއް އުފެދި އެކަމަށް އެކަށީގެންވާ ފަރުވާ ނުލިބި ގިނަ ދުވަސްވުމުގެ ސަބަބުންނެވެ. އަދި އެއިންފެކްޝަންގެ ސަބަބުން އެތެރެ ހަށީގެ ބައެއް ގުނަވަންތަކަށް އެކަމުގެ އަސަރު ކޮށްފައިވާ ކަމަށް އާއިލާއިން ހާމަކުރެއެވެ. ޢަބްދުﷲ ރަޝީދު މަރުވެފައިވަނީ ހާލު ބޮޑުވެ ފަރުވާ ދިނުމަށް އައިޖީއެމްއެޗުގައި އެޑްމިޓުކޮށްފައި އޮއްވައެވެ.