ޚަބަރު

މައިނޯރިޓީ ލީޑަރު އެއްބަސްނުވުމުން ޤާނޫނީ ހުސްކަމަކަށް ދިއުމާ ދިމާލަށް


ޤާނޫނު އަސާސީ އިސްލާހުކުރުމަށް މުޅި މަޖިލިސް ކޮމިޓީން ފާސްކޮށް ތަޅުމުން ފާސް ކުރުން އަވަސް ކުރުމާ ގުޅޭގޮތުން މައިނޯރިޓީ ލީޑަރު އެއްބަސްނުވުމުން ޤާނޫނު އަސާސީގައިބުނާ ކައުންސިލްތަކުގެ ދައުރު ހަމަވާ ދުވަހުގެ ކުރިން ޤާނޫނު އަސާސީ އިސްލާހު ކުރެވިދާނެކަމާއިމެދު ސުވާލު އުފެދިއްޖެއެވެ.

ލޯކަލް ކައުންސިލް އިންތިޚާބު ބާއްވާ، ކައުންސިލްތަކަށް އަލަށް އިންތިޚާބުކުރެވޭ މެންބަރުން އެމީހުންގެ މަޤާމާއި ހަވާލުވަންދެން މިހާރު މަޤާމުތަކުގައި ތިބި މެންބަރުން އެމީހުންގެ މަޤާމުގައި ދެމިތިބޭނެގޮތަށް ޤާނޫނު އަސާސީއަށް އިސްލާހު ގެނައުމަށް މުޅި މަޖިލީހުގެ ކޮމިޓީން ރޭވަނީ ފާސްކޮށްފައެވެ. މަޖިލީހުގެ ޤަވާއިދު ބުނާގޮތުން ކޮމިޓީން ފާސްކުރާ ރިޕޯޓާ މެދު ބަހުސް ކުރެވޭނީ އެ ރިޕޯޓް ފާސްކޮށް، މެމްބަރުންނަށް ފޮނުވާތާ ތިން ދުވަސް ފަހުންނެވެ. އެ ނޫން ގޮތަކަށް އަމަލު ކުރެވޭނީ މަޖިލީހުގެ މެޖޯރިޓީ ލީޑަރާއި މައިނޯރިޓީ ލީޑަރު އެކަމަށް އެއްބަސްވެވަޑައިގަންނަވާ ނަމައެވެ.

މަޖިލީހުގެ ރައީސް ވިދާޅުވީ މަޖިލީހުގެ އިދިކޮޅު ލީޑަރާއި ރޭވެސް ވާހަކަ ދެކެވުނުކަމަށާއި، އަދި މިއަދުވެސް 3 ފަހަރެއްގެ މަތީން ވާހަކަ ދެކެވިފައިވާކަމަށެވެ. ނަމަވެސް އިދިކޮޅު ލީޑަރު މަޖިލީހުގެ ގަވާއިދުގައި ބުނެފައިވާ 3 ދުވަހުގެ މުއްދަތު ހަމަނުކޮށް ޤާނޫނު އަސާސީއަށް އިސްލާހު ގެނެއުމަށް އެއްބަސްވެފައި ނުވާކަމަށެވެ.

ޤާނޫނު އަސާސީގައި ބުނެފައިވާގޮތުން ޤާނޫނު އަސާސީއަށް އަންނަ މަހުގެ 2 ވަނަ ދުވަހުގެ ކުރިން އިސްލާހު ނުގެނެވިއްޖެނަމަ ޤާނޫނު އަސާސީގައި ބުނާ ކައުންސިލްތަކުގެ މުއްދަތު ހަމަވާއިރުވެސް ޤާނޫނީ ހައްލެއް ނުގެނެވި ޤާނޫނީ ހުސްކަމަކަށްދާނެއެވެ. މަޖިލީހުގެ ގަވާއިދު ބުނާގޮތުން ކޮމިޓީން ހުށަހަޅާ ރިޕޯޓް ފާސްކުރުމަށް ދޭ 3 ވަނަ ދުވަސް ހަމަވާނީ އަންނަ މަހުގެ 2 ވަނަ ދުވަހަށެވެ.

މިހާރު އިންތިޚާބުކޮށްފައިތިބި ކައުންސިލަރުންގެ ދައުރު ދިގު ދަންމާލަން ޤާނޫނު އަސާސީއަށް އިންތިޤާލީ މާއްދާއެއް އިތުރުކޮށް ޤާނޫނުއަސާސީ އިސްލާހުކުރުމަށް ސުޕްރީމް ކޯޓުން ރައްޔިތުންްގެ މަޖިލީހަށް ދެއްވި ލަފަޔާއެކު ރޭ ބޭއްވި މަޖިލީހުގެ ޖަލްސާގައި ޤާނޫނު އަސާސީއަށް 5 ވަނަ އިސްލާހު ގެނައުމަށް މުޅި މަޖިލިސް ކޮމިޓީން ފާސްކޮށްފައިވަނީ ޖަލްސާގައި ބައިވެރިވެ ވަޑައިގެންނެވި މެމްބަރުންގެ ތެރެއިން 63 މެމްބަރުންގެ ތާއީދާއެކުއެވެ.

ޤާނޫނު އަސާސީއަށް ހުށަހަޅުއްވާފައިވާ އިސްލާހަކީ ޤާނޫނު ނަންބަރު 22/2019 ކައުންސިލް މެމްބަރުންގެ މުއްދަތު އިތުރުކުރުމަށް ބަދަލު ގެނެވުނު ޤާނޫނުގެ 231 ވަނަ މާއްދާއަށް އިސްލާހު ގެނައުމަށެވެ.

ސުޕްރީމް ކޯޓުގެ ލަފައެއް މިމައްސަލައިގަ ހޯދުމަށް ޤަރާރެއް ހުށައެޅުއްވީ ހަނިމާދޫ ދާއިރާގެ މެންބަރު ޢަބްދުލްޣަފޫރު މޫސާއެވެ. މެންބަރު ޣަފޫރު ވިދާޅުވީ ޤާނޫނު އަސާސީ އިސްލާހު ކުރެއްވުމާމެދު އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ މެމްބަރުންގެ މެދުގައިވެސް ޚިޔާލުތަފާތުވުންތަކެއް ހުރިކަމަށެވެ. އެހެންނަމަވެސް މިމައްސަލައަކީ ޚިޔާލުތަފާތުވެ، ބަހުސްކުރެވި ރައްޔިތުންގެ ނިންމުމާ އެއްގޮތަށް ނިމެންޖެހޭ މައްސަލައެއްކަމަށް ޣަފޫރު ވަނީ ވިދާޅުވެފައެވެ.