ވިޔަފާރި

11 ޖޫންގެ ނިޔަލަށް އެމްޕީއެލްއިން ސްޓޯރޭޖް ފީއެއް ނުނަގާނެ


ފުރަބަންދު މުއްދަތުގައި ސްޓޯރޭޖް ފީ ނުނަގާ ގޮތަށް އެމްޕީއެލްއިން ހަމަޖައްސަވައިފިއެވެ.

އެމްޕީއެލްއިން ވިދާޅުވީ ކޮވިޑް-19 ރޯގާ އާ ގުޅިގެން މާލެ ސަރަޙައްދު 15 އޭޕްރީލް 2020 އިން ފެށިގެން ފުރަބަންދު ކޮށްފައިވާތީ، މާލޭ ކޮމާޝަލް ހާބަރާއި ހުޅުމާލޭ ޓާރމިނަލްގައި ކުލިއަރ ނުކޮށް މުދާ އެބަހުރިކަމަށެވެ. އަދި މުދާ އެތެރެކުރާ ގިނަ ފަރާތްތަކުން މުދާ ކްލިއަރ ކުރުމަށް އިސްކަން ދެއްވާފައި ނުވުމުގެ ސަބަބުން، މުދަލާއެކު ގިނަ ކޮންޓެއިނަރތަކެއް މާލޭ ވިޔަފާރި ބަނދަރުގައި ބަހައްޓަން ޖެހި ބަނދަރު ތޮއްޖެހިފައިވާކަމަށް އެމްޕީއެލްއިން މަޢުލޫމާތުދެއެވެ. މިހެން ވުމުގެ ސަބަބުން މުދާ ހިފައިގެން އަންނަ އިތުރު ބޯޓުތަކުން މުދާބާލައި ބަހައްޓާނެ ޖާގަ ނެތި ވިޔަފާރި ބަނދަރުގެ އޮޕަރޭޝަންތަކަށް ބުރޫ އަރައި ބޯޓު ފަހަރުން ކޮންޓެއިނަރ ބޭލުމުގައި ދަތިތަކާ ކުރިމަތިވަމުންދާކަމަށްވެސް އެމްޕީއެލްއިން ބުނެއެވެ.

އެމްޕީއެލްއިން ބުނީ ރަމަޟާންމަސް ނިމިފައިވާތީ ބަނދަރުގެ އޮޕަރޭޝަން ގަޑިތައް އިތުރު ކުރުމަށް ހަމަޖެހިފައިވުމާއި އަދި މާލޭ ސަރަހައްދުގެ ފުރަބަންދަށް ލުއިތަކެއް ދީފައިވުމުން މުދާ ނެރޭ ފަރާތްތަކަށް ދަތި އުނދަގޫކަމެއްނެތި މުދާ ކްލިއަރ ކުރެވޭނެ އިންތިޒާމްތައް ހަމަޖައްސާފައިވާކަމަށެވެ. އަދި މިހާރު ކްލިއަރ ނުކޮށް ބަނދަރުގައި ހުރި ކޮންޓެއިނަރތަކަށް 10 ޖޫންގެ ފަހުން ސްޓޯރޭޖް ފީ، ތިރީގައި ބަޔާން ކުރާ އުސޫލުތަކާއެކު ނެގުމަށް ހަމަޖެހިފައިވާކަމަށްވެސް އެމްޕީއެލްއިން ބުނެއެވެ.

-ސްޓޯރޭޖް ފީ ނަގާއިރު ޞިއްޙީ ކުއްލި ނުރައްކަލުގެ ހާލަތުގައި ކޮންޓެއިނަރައިޒް ކާރގޯގެ ސްޓޯރޭޖް ފީ އިން %20 މާފްކުރަން މި ކުންފުނިން ކުރިން ނިންމާފައިވާ ނިންމުމާ އެއްގޮތަށް %20 މާފް ކޮށްދެވޭނެ.

-ޞިއްޙީ ކުއްލި ނުރައްކަލުގެ ހާލަތުގައި ކޮންޓެއިނަރައިޒްޑް ކާރގޯގެ ފްރީސްޓޯރޭޖްގެ ގޮތުގައި ހަމަޖައްސާފައިވާ 12 ދުވަސް (ބަނދަރު ބަންދުދުވަސްތައް ނުހިމަނާ) ފްރީ ސްޓޯރޭޖްގެ ގޮތުގައި އަދިވެސް ލިބޭނެ.

-މިގޮތަށް ހަމަޖެއްސުމާ ގުޅިގެން ފުރަބަންދު މުއްދަތުގައި ބަނދަރަށް ބާލާފައިވާ މުދަލުގެ ތެރެއިން 10 ޖޫން 2020 ވަނަ ދުވަހުގެ ނިޔަލަށް ފްރީ ސްޓޯރޭޖް 12 ދުވަސް ހަމަވެފައިވާ މުދަލަށް ސްޓޯރޭޖް ފީ ނަގާނީ 11 ޖޫން 2020 އިން ފެށިގެން ސްޓޯރޭޖްފީ ނަގާ އުސޫލުން.

-10 ޖޫން 2020 ވަނަ ދުވަހުގެ ނިޔަލަށް 12 ދުވަސް ހަމަނުވާ މުދަލަށް ސްޓޯރޭޖް ފީ ނަގާނީ މުދާ ބަނދަރަށް ބޭލި ތާރީޚުން ފެށިގެން 12 ދުވަސް ހަމަވުމަށްފަހުއެވެ.

މިބަދަލާއެކު އެމްޓީ ކޮންޓެއިނަރ ސްޓޯރޭޖް ކުރިންވެސް ނަގަމުން ދިޔަ އުޞޫލުން 11 ޖޫން 2020 އިން ފެށިގެން ނެގުމަށް ހަމަޖެހިފައިވާކަމަށްވެސް އެމްޕީއެލްއިން ވިދާޅުވެއެވެ.