ކައުންސިލަރުންގެ ދައުރު އިތުރުކޮށް ޤާނޫނު އަސާސީއަށް ގެންނަ އިސްލާހުތަކާއިއެކު އިންތިޚާބެއް ބޭއްވެންދެން ކައުންސިލް މެމްބަރުން އަމަލުކުރާނެ ޚާއްސަ ޤާނޫނުގެ ބިލުގެ ބަހުސް މަރުހަލާ ފަށައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީން ދިރާސާކުރެއްވި މި ބިލު މަޖިލީހަށް ހުށަހަޅައި ދެއްވަމުން ކޮމިޓީގެ މުޤައްރިރު ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒް ވިދާޅުވީ މިބިލަކީ އިދާރީ ދާއރާތައް ލާމަރުކަޒީ އުސޫލުން ހިންގުން ކަށަވަރުކުރުމަށް ހުށަހެޅިފައިވާ ޚާއްސަ ބިލެއްކަމަށެވެ. ކޯވިޑް 19 އާއި ގުޅިގެން ރާއްޖޭގައި އިއުލާންކޮށްފައިވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތާއި ގުޅިގެން ފަސްކުރި ކައުންސިލް އިންތިޚާބް ބޭއްވެންދެން މަޤާމުތަކުގައި ތިއްބަވާ ކައުންސިލަރުން މިބިލުގައިވާ ކަންކަމަށް އަމަލުކުރަންޖެހޭނެކަމަށެވެ.
މިހާރު ތިއްބެވި ކައުންސިލަރުންގެ މުއްދަތު އަންނަ މަހުގެ 3 ވަނަ ދުވަހަށް ހަމަވާނެއެވެ. މިބިލް ކޮމިޓީން ފާސްކުރުމުގެ ކުރިންވަނީ ރައްޔިތުންގެ ޚިޔާލުވެސް ހޯދާފައެވެ. އަދި މެމްބަރުންގެ ކަންބޮޑުވުން ހުރި ކަންކަމުގައި އެލްޖީއޭއާއި، އޭޖީ އޮފީހާއި މަޖިލީހުގެ ކައުންސެލަރ ޖެނެރަލްގެ ލަފާވެސްހޯދާފައިވާނެކަމަށް ކޮމިޓީގެ މުޤައްރިރު އަލީ ނިޔާޒް ވިދާޅުވިއެވެ.
ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ހުށަހަޅުއްވާފައިވާ މި އިސްލާހުގައި މައިގަނޑު 9 ނުކުތާއެއް ވަނީ ހިމަނާފައެވެ.
މިޤާނޫނުގައިވާ ގޮތުން ކައުންސިލްތަކަށް 6 މަސްދުވަހަށްވުރެ ދިގު މުއްދަތަކަށް އެއްވެސް ބިމެއް އެލްޖީއޭގެ ހުއްދަނެތި ނުދެވޭނެއެވެ. އަދި ކައުންސިލަށް މުވައްޒަފުންވެސް ނެގޭނީ އެލްޖީއޭގެ ހުއްދަ ދިނުމުންނެވެ.
ކޮމިޓީން ހުށަހެޅުނު މި ބިލުގެ މަސައްކަތް މިރޭ ކުރިއަށް ގެންދިޔަ ނަމަވެސް މާދަމާ ބާއްވާ މަޖިލީހުގެ ޖަލްސާގައި މިބިލަށް އިތުރު އިސްލާހު ހުށަހަޅާ ބިލު ފާސްކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި މާދަމާގެ ޖަލްސާގައި ޤާނޫނު އަސާސީއަށް އިސްލާހު ގެނެސް މިބިލް މަޖިލީހުން ފާސްކުރުމަށް ވޯޓަށް އަހާނެކަމުގައި މިރޭގެ ޖަލްސާގައި މަޖިލީހުގެ ރައީސް ވަނީ ވިދާޅުވެފައެވެ.