ޚަބަރު

ޤާނޫނު އަސާސީ އިސްލާހު ކުރަން މުޅި މަޖިލީހުގެ ކޮމެޓީން ފާސްކޮށްފި


ލޯކަލް ކައުންސިލް އިންތިޚާބު ބާއްވާ ކައުންސިލްތަކަށް އަލަށް އިންތިޚާބުކުރެވޭ މެންބަރުން އެމީހުންގެ މަޤާމާއި ހަވާލުވަންދެން މިހާރު މަޤާމުތަކުގައި ތިބި މެންބަރުން އެމީހުންގެ މަޤާމުގައި ދެމިތިބޭނެގޮތަށް ޤާނޫނު އަސާސީއަށް އިސްލާހު ގެނައުމަށް މުޅި މަޖިލީހުގެ ކޮމިޓީން ފާސްކޮށްފިއެވެ.

މިހާރު އިންތިޚާބުކޮށްފައިތިބި ކައުންސިލަރުންގެ ދައުރު ދިގު ދަންމާލަން ޤާނޫނުއަސާސީއަށް އިންތިޤާލީ މާއްދާއެއް އިތުރުކޮށް ޤާނޫނުއަސާސީ އިސްލާހުކުރުމަށް ސުޕްރީމް ކޯޓުން ރައްޔިތުންްގެ މަޖިލީހަށް ދެއްވި ލަފަޔާއިއެކު މިރޭ ބޭއްވި މަޖިލީހުގެ ޖަލްސާގައި ޤާނޫނު އަސާސީއަށް 5 ވަނަ އިސްލާހު ގެނައުމަށް މުޅި މަޖިލިސް ކޮމިޓީން ފާސްކޮށްފައިވަނީ ޖަލްސާގައި ބައިވެރިވެ ވަޑައިގެންނެވި މެމްބަރުންގެ ތެރެއިން 63 މެމްބަރުންގެ ތާއީދާއެކުއެވެ.

ޤާނޫނު އަސާސީއަށް ހުށަހަޅުއްވާފައިވާ އިސްލާހަކީ ޤާނޫނު ނަންބަރު 22/2019 ކައުންސިލް މެމްބަރުންގެ މުއްދަތު އިތުރުކުރުމަށް ބަދަލު ގެނެވުނު ޤާނޫނުގެ 231 ވަނަ މާއްދާއަށް އިސްލާހު ގެނައުމަށެވެ.

ލޯކަލް ކައުންސިލް އިންތިޚާބު ބާއްވާ އައު ކައުންސިލަރުން އިންތިޚާބުކުރެވެންދެން މިހާރުތިބި ކައުންސިލް މެންބަރުން މަޤާމުގައި ދެމިތިބެވޭނެ ގޮތަކަށް ޤާނޫނު އަސާސީއަށް އިޞްލާޙު ގެނައުމާގުޅޭ ގޮތުން ސުޕްރީމް ކޯޓުގެ އިސްތިޝާރީ ލަފައެއް ހޯދުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރީ ބުދަ ދުވަހުގެ ރޭ ބޭއްވި ޖަލްސާގައެވެ.

ސުޕްރީމް ކޯޓުގެ ލަފައެއް މިމައްސަލާގައި ހޯދުމަށް ޤަރާރެއް ހުށައެޅުއްވީ ހަނިމާދޫ ދާއިރާގެ މެންބަރު ޢަބްދުލްޣަފޫރު މޫސާއެވެ. މެންބަރު ޣަފޫރު ވިދާޅުވީ ޤާނޫނު އަސާސީ އިސްލާހު ކުރެއްވުމާމެދު އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ މެމްބަރުންގެ މެދުގައިވެސް ޚިޔާލުތަފާތުވުންތަކެއް ހުރިކަމަށެވެ. އެހެންނަމަވެސް މިމައްސަލައަކީ ޚިޔާލުތަފާތުވެ، ބަހުސްކުރެވި ރައްޔިތުންގެ ނިންމުމާ އެއްގޮތަށް ނިމެންޖެހޭ މައްސަލައެއްކަމަށް ޣަފޫރު ވަނީ ވިދާޅުވެފައެވެ.

ސުޕްރީމް ކޯޓުގެ ލަފައެއް ހޯދުމަށް މަޖިލީހުން އެ ކޯޓަށް ހުށައެޅީ ، ޤާނޫނު އަސާސީއަށް އިޞްލާހުކޮށް ކައުންސިލް މެންބަރުންގެ ދައުރު އިތުރުކުރެވިދާނެކަމަށް ބަންޑާރަ ނާއިބާއި، މަޖިލީހުގެ ކައުންސިލަ ޖެނެރަލް ލަފާދެއްވާފައިވަނިކޮށެވެ.