ޚަބަރު

ބޯކޮށް ވާރޭވެހި ހދ ފިނޭގައި ފެންބޮޑުވެއްޖެ


މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި މިއަދު މެންދުރު ފަހުން ފެށިގެން ބޯކޮށް ވާރޭވެހި ހދ.ފިނޭގައި ފެންބޮޑުވެއްޖެއެވެ.

ފިނޭ ކައުންސިލްގެ ރައީސް ޙަސަން ރަޝީދު ވިދާޅުވީ މިއަދު ހަވީރު 3:00 އިން ފެށިގެން އަދިވެސް އެރަށަށް ބޯކޮށް ވާރޭ ވެހެމުންދާކަމަށެވެ. ހުއްޓާނުލައި ބޯކޮށް ވާރޭވެހެމުންދާތީ ރަށުގެ ތިރި ސަރަހައްދުގައި ވަރަށް ބޮޑަށް ފެންބޮޑުވެ ގިނަގޭގެއަށް ފެންވަންނަމުންދާކަމަށްވެސް ޙަސަން ރަޝީދު ވިދާޅުވިއެވެ.

ފިނޭ ކައުންސިލްގެ ރައީސް ވިދާޅުވީ ކައުންސިލާއި އާންމު ރައްޔިތުން ގުޅިގެން ފެން ހިއްކުމުގެ މަސައްކަތް މިހާރު ކުރަމުންގެންދާކަމަށެވެ. އަދި ބައެއް ގޭގޭގެ މީހުން އަމިއްލަޔަށްވެސް ވެލިބަސްތާ ޖަހަމުންދާކަމަށާ، އެހެންނަމަވެސް ހުއްޓާނުލައި ވާރޭ ވެހެމުންދާތީ އަދިވެސް ރަށުގައި ފެންބޮޑުވަމުންދާކަމަށް އެނާ ވިދާޅުވިއެވެ.

ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވެ، ބޯކޮށް ވާރޭ ވެހި ފެން ބޮޑުވެދާނެކަމަށް ލަފާކޮށް ލަފާކޮށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ ހއ.އަތޮޅުން ފެށިގެން ށ.އަތޮޅާހަމައަށް އޮރެންޖް އެލާރޓްވެސް ނެރެފައެވެ.