ވިޔަފާރި

ކޯވިޑް19 - ކުރީ ސަފުގައި މަސައްކަތްކުރާ ކުންފުނިތަކުގެ ވެރިންގެ ޚާއްސަ ވެބިނާއެއް


ކޯވިޑް19ގެ ޙާލަތުގައި ކުރީ ސަފުގައި މަސައްކަތްކުރާ ކުންފުނިތަކުގެ ވެރިންގެ ޚާއްސަ ވެބިނާއެއް ބޭއްވުމަށް އޮޑިޓަރ ޖެނެރަލްގެ އޮފީހުން ނިންމައިފިއެވެ.

އޮޑިޓަރ ޖެނެރަލް އޮފީހާއި އިންސްޓްޓިޓިއުޓް އޮފް އޮޑިޓް އެންޑް އެޝުއަރެންސްއިން އިންތިޒާމްކޮށްގެން ބާއްވާ ވެބިނަރގައި ކޯވިޑް19ގެ މިހާލަތުގައި އާންމުންނަށް ޙިދުމަތް ދިނުމަށް އެންމެ ކުރީ ސަފުގައި މަސައްކަތްކުރަމުންދާ ބައެއް ކުންފުނިތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވާނެކަމަށް އޮޑިޓަރ ޖެނެރަލްގެ އޮފީހުން ވިދާޅުވެއެވެ.

ހޮނިހިރު ދުވަހުގެ ރޭ 9:00 އިން 11:00 ބާއްވާ މި ވެބިނަރގައި ބައިވެރިވާ ކުންފުނިތަކުގެ އިސްވެރިންނަކީ އެމްއޭސީއެލްގެ ޑެޕިއުޓީ ޗިފް އޮފިސަރ އެއަރޕޯޓް އެމެރަޖެންސީ ސާރވިސް އަހްމަދު ފަޔާޒާއި، އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމްއާއި، ހެޕީ މާކެޓް ޓްރޭޑިންގ ކޮންޕެނީގެ ސީއީއޯ އަލީ އިހުސާންއާއި، ކްރައުން ކޮންޕެނީގެ މެނޭޖިންގ ޑިރެކްޓަރ އާދަމް ސަލީމްއާއި، ޕަބްލިކް ސަރވިސް މީޑިއާގެ މެނޭޖިންގ ޑިރެކްޓަރ އަލީ ޙާލިދުގެ އިތުރުން އެސްޓީއޯގެ ޗީފް ފައިނޭންޝިއަލް އޮފިސަރ މުހައްމަދު މިހާދުއެވެ. މި ވެބިނަރ މޮޑެރޭޓްކޮށްދެއްވާނީ އޮޑިޓަރ ޖެނަރަލް އޮފީހުގެ އެސިސްޓެންޓްް އޮޑިޓަރ ޖެނެރަލް ހުސެއިން ނިޔާޒީއެވެ.

އޮޑިޓަރ ޖެނެރަލް އޮފީހުން ވިދާޅުވީ، ކޯވިޑް19ގެ ސަބަބުން ކުންފުނިތަކުން ޙިދުމަތް ދެމުން އައި ގޮތްތަކަށް ބަދަލުތަކެއް ގެންނަން މަޖުބޫރުކުރުވާފައިވާކަމަށެވެ. ނަމަވެސް ޓެކްނޮލޮޖީގެ އެހީގައި ބަދަލުތައް ގެނެސްގެން މަސައްކަތްކުރަމުންދާކަންވެސް އޮޑިޓަރ ޖެނަރަލްގެ އޮފީހުން ފާހަގަކުރެއެވެ.

އޮޑިޓަރ ޖެނެރަލް އޮފީހުން ވަނީ މީގެ ކުރިންވެސް ކޯވިޑް19ގެ ހާލަތާއި ގުޅިގެން އެކި މައުޟޫއުތަކަށް ވެބިނަރތައް ބާއްވާފައެވެ. އެގޮތުން ވެބިނަރ ބާއްވާފައިވާ ބައެއް މައުޟޫތަކުގެ ތެރޭގައި "ޕޯސްޓް ކޯވިޑް ޕްރިޕެއަރޑްނެސް" އާއި "ކޯވިޑް19 ޕީޕަލް މެޓާސް" އަދި "ވޯކިން ފްރޮމް ހޯމް، އެންބްރޭސިންގ ޓެކްނޮލޮޖީ" ފަދަ މައުޟޫތައް ހިމެނެއެވެ.