ޚަބަރު

ޤާނޫނުއަސާސީ އަށް އިސްލާހު ގެންނަން ސުޕްރީމް ކޯޓުން ދެއްވި ލަފަޔާއެކު މަޖިލީހުގެ ޖަލްސާއެއް މިރޭ ބާއްވަނީ


ޤާނޫނުއަސާސީއަށް އިސްލާހު ގެނައުމަށް ސުޕްރީމް ކޯޓުގެ އިސްތިޝާރީ ލަފާ ރައްޔިތުންގެ މަޖިލީހަށް ދެއްވުމާއި ގުޅިގެން މަޖިލީހުގެ ޖަލްސާއެއް މިރޭ ބާއްވަން ނިންމައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ވިދާޅުވީ ސުޕްރީމް ކޯޓުގެ ލަފާ ލިބިފައިވާތީ މަޖިލީހުގެ މިއަހަރުގެ 41 ވަނަ ޖަލްސާ މިރޭ 9:00 އޮންނާނެކަމަށެވެ.

މަޖިލީހުގެ ލަފާގައިވަނީ މިހާރު އިންތިޚާބުކޮށްފައިތިބި ކައުންސިލަރުންގެ ދައުރު ދިގުދަންމާލަން ޤާނޫނުއަސާސީއަށް އިންތިގާލީ މާއްދާއެއް އިތުރުކޮށް ޤާނޫނުއަސާސީ އިސްލާހުކުރުމަށެވެ.

ލޯކަލް ކައުންސިލް އިންތިޚާބު ބާއްވައި އައު ކައުންސިލަރުން އިންތިޚާބުކުރެވެންދެން މިހާރުތިބި ކައުންސިލް މެންބަރުން މަޤާމުގައި ދެމިތިބެވޭނެ ގޮތަކަށް ޤާނޫނު އަސާސީއަށް އިޞްލާޙު ގެނައުމާގުޅޭގޮތުން ސުޕްރީމް ކޯޓުގެ އިސްތިޝާރީ ލަފައެއް ހޯދުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރީ ބުދަ ދުވަހުގެ ރޭ ބޭއްވި ޖަލްސާގައެވެ.

ސުޕްރީމް ކޯޓުގެ ލަފައެއް މިމައްސަލާގައި ހޯދުމަށް ޤަރާރެއް ހުށައެޅުއްވީ ހަނިމާދޫ ދާއިރާގެ މެންބަރު ޢަބްދުލްޣަފޫރު މޫސާއެވެ. މެންބަރު ޣަފޫރު ވިދާޅުވީ ޤާނޫނު އަސާސީ އިސްލާހު ކުރެއްވުމާމެދު އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ މެމްބަރުންގެ މެދުގައިވެސް ޚިޔާލުތަފާތުވުންތަކެއް ހުރިކަމަށެވެ. އެހެންނަމަވެސް މިމައްސަލައަކީ ޚިޔާލުތަފާތުވެ، ބަހުސްކުރެވި ރައްޔިތުންގެ ނިންމުމާ އެއްގޮތަށް ނިމެންޖެހޭ މައްސަލައެއްކަމަށް ޣަފޫރު ވަނީ ވިދާޅުވެފައެވެ.

ސުޕްރީމް ކޯޓުގެ ލަފައެއް ހޯދުމަށް މަޖިލީހުން ފާސްކޮށްފައިމިވަނީ، ޤާނޫނު އަސާސީއަށް އިޞްލާހުކޮށް ކައުންސިލް މެންބަރުންގެ ދައުރު ދައްމައިލެވިދާނެކަމަށް ބަންޑާރަ ނާއިބާއި، މަޖިލީހުގެ ކައުންސިލަ ޖެނެރަލް ލަފާދެއްވާފައިވަނިކޮށެވެ.