18 އަހަރުން ދަށުގެ ދަންވަރު އަންހެން ކުއްޖަކު ދަންވަރު ގެއިން ބޭރަށް ނެރި ބަދުއަހްލާގީ އަމަލު ހިންގަން އުޅުނު މައްސަލައެއް ބަލަމުން އަންނަކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
ފުލުހުން ވިދާޅުވީ މާލެ އަތޮޅާއި އއ އަތޮޅާއި އދ އަތޮޅާއި ވ އަތޮޅު ހިމެނޭ ސަރަހައްދުގެ ރަށެއްގައި މިކަން ހިންގާފައިވަނީ މިމަހުގެ 23 ވަނަދުވަހުގެ ރޭކަމަށެވެ. އަދި މި މައްސަލަ ފުލުހުންނަށް ހުށައަޅާފައިވަނީ ރޭގައި ކަމަށާއި މި މައްސަލަ އެ އިދާރާއިން މިހާރު ބަލަމުން އަންނަކަމަށެވެ. އެހެންނަމަވެސް މި މައްސަލަ އާއި ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.
ފުލުހުން އަންނަނީ މިމަހުގެ28 ވަނަދުވަހުގެ ރޭ އައްޑޫ ސިޓީ މީދޫގައި 64 އަހަރުގެ އަންހެނަކު ރޭފްކުރަން އުޅުނު މައްސަލައެއްވެސް ބަލަމުންނެވެ. ފުލުހުން ވިދާޅުވީ މި މައްސަލަ މިހާތަނަށް ބެލިބެލުމުން މި އަމަލު ހިންގަން އުޅުނު މީހާ އުމުރުން ދުވަސްވީ އިތުރު ދެމީހަކަށްވެސް ޖިންސީ ގޯނާކޮށްފައިވާކަމަށެވެ. މި ގޮތުން 66 އަހަރުގެ މީހަކާއި 65 އަހަރުގެ މީހަކަށް ޖިންސީ ގޯނާ ކޮށްފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.
މި މައްސަލާގައި ކޯޓު އަމުރެއްގެ ދަށުން 30 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަުކޮށް މި މައްސަލަ އިތުރަށް ތަހުޤީގުކުރަމުން އަންނަކަމަށް ފުލުހުން ވިދާޅުވެއެވެ.