ރާއްޖެއިން ޙައްޖަށްދިޔަ ފުރަތަމަ ގްރޫޕް މިއަދު ޖިއްދާއަށް ގޮސްފިއެވެ. ރާއްޖެއިން ޙައްޖަށްދިޔަ މީހުންގެ ފުރަތަމަ ފްލައިޓުގައި 238 ޙައްޖާޖީން ގޮސްފައިވެއެވެ.
ފުރަތަމަ ފްލައިޓުގެ ޙައްޖުވެރިންނަށް ޖިއްދާ އެއަރޕޯޓުން ވަނީ ހޫނު މަރުޙަބާއެއް ކިޔާފައެވެ.
ރާއްޖެއަށް މިއަހަރުވެސް ރަސްމީ ކޯޓާގައި 1000 ކޯޓާ ވަނީ ލިބިފައެވެ. ސަޢޫދިއާ އެއާލައިންގެ 2 ފްލައިޓާއި މޯލްޑިވިއަންގެ 2 ފްލައިޓުން މިއަހަރު ރާއްޖެއިން ޙައްޖަށް މީހުން ގެންދިއުމަށް ހަމަޖެހިފައިވެއެވެ.
ފުރަތަމަ ފްލައިޓުގެ ޙައްޖުވެރިންނަށް ޖިއްދާ އެއަރޕޯޓުން މަރުޙަބާ ކިޔުން#އިތުބާރާއިޔަޤީންކަން#ޙައްޖު1447 pic.twitter.com/D760hnyTQT
— Maldives Hajj Corporation Limited (@Hajjcorporation) May 15, 2026
ޙައްޖާޖީންނަށް ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގައިވެސް ވަނީ ވަރަށް ލުއިފަސޭހަ އިންތިޒާމްތަކެއް ހަމަޖައްސާފައެވެ. އެގޮތުން، އެ އެއާޕޯޓުގައި ހޭދަކުރާނެ ވަގުތުތަކުގައި، ނަމާދުކުރުމާއި، ފާޚާނާ ބޭނުންކުރުމާއި، ފެނާއި ކާބޯތަކެތި ލިބޭނެ އިންތިޒާމު، ވަނީ ހަމަޖައްސަވާފައެވެ.
ފުރަތަމަ ގްރޫޕްގައި ހިމެނޭ 238 މީހުން މިއަދު ޖިއްދާއަށް ގޮސްފައިވާއިރު މިމަހުގެ 17 ވަނަ ދުވަހާއި 18 އަދި 19 ވަނަ ދުވަހުވެސް ޙައްޖުވެރިން ފުރުމަށް ހަމަޖެހިފައިވެއެވެ. މިމަހުގެ 17 ވަނަ ދުވަހު އޮންނަ މޯލްޑިވިއަންގެ ފްލައިޓުގައި 257 ޙައްޖުވެރިން ފުރުމަށް ހަމަޖެހިފައިވެއެވެ.
އަދި 18 ވަނަ ދުވަހު އޮންނަ ސަޢޫދިއާ އެއާލައިންގައި 267 ޙައްޖުވެރިން ފުރާއިރު، މިމަހުގެ 19 ވަނަ ދުވަހު އޮންނަ މޯލްޑިވިއަންގެ ފްލައިޓުގައި 256 ޙައްޖުވެރިން ފުރުމަށް ވަނީ ހަމަޖެހިފައެވެ.