ޚަބަރު

"ޗައިނާ ސްޓޭޓް ހިޔާ ކަރަންޓީން ފެސިލިޓީ"، އިސްލާޙްކުރަންޖެހޭ 7 ކަމެއް


ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ޤާއުމްކޮށްފައިވާ "ޗައިނާ ސްޓޭޓް ހިޔާ ކަރަންޓީން ފެސިލިޓީ"ގައި މީހުން ބައިތިއްބަން ފެށުމުގެ ކުރިން 7 ކަމެއް ރަނގަޅުކުރުމަށް ކަމާގުޅޭ އިދާރާތަކަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް)އިން ހުށަހަޅައިފިއެވެ.

ޗައިނާ ސްޓޭޓް ހިޔާ ކަރަންޓީން ފެސިލިޓީއަށް އެޗްއާރުސީއެމުން ކުރި މޮނިޓަރިންގ ޒިޔާރަތުގެ ރިޕޯޓްގައި ބުނެފައިވަނީ އެފެސިލިޓީއަކީ ދައުލަތުގެ ބެލުމުގެ ދަށުގައި މީހުން ބޭތިއްބުމަށް ކަނޑައަޅާ މިންގަނޑުތަކާ އެއްގޮތަށް ފަރުމާކޮށްފައިވާ ތަނެއްތޯބަލައި، މީހުން ބައިތިއްބަން ފެށުމުގެ ކުރިން ރަނގަޅުކުރަންޖެހޭ ބައެއްކަންކަން ފާހަގަކުރެވިފައި ވާކަމަށެވެ.

އެގޮތުން، އެ ފެސިލިޓީގައި މީހުން ކަރަންޓީނުކުރުމަށް ބައިތިއްބަން ފެށުމުގެކުރިން، ތަނުގައި ބައިތިއްބާ މީހުންނާއި މުވައްޒަފުން ފެންވަރާތަނުގައި އެކަކު އަނެކަކު ފަރުދާވެގެން ތިބެ ފެންވެރޭނެ އިންތިޒާމު ހަމަޖެއްސުމަށާއި، ކޯވިޑް-19އާ ގުޅިގެން އެޗް.ޕީ.އޭއިން ތައްޔާރުކޮށްފައިވާ އުޞޫލާ އެއްގޮތަށް ނިދުމުގެ ކަންތައްތައް ހަމަޖެއްސުމަށާއި، އެ ފެސިލިޓީގައި ފުރަތަމަ އެހީއަށް ބޭނުންވާ ތަކެއްޗާއި، ބޭސް އަދި އާލާތްތައް ފުރިހަމަކޮށް ރައްކާކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށްވަނީ އަންގާފައެވެ.

ހިއުމަންރައިޓްސް ކޮމިޝަނުން ވިދާޅުވީ މިފަދަ ފެސިލިޓީތަކާ ގުޅޭގޮތުން ދުނިޔޭގެ ފެންވަރުގައާއި ޤައުމީ ފެންވަރުގައި އެކުލަވާލާފައިވާ ޤަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިން، ފެސިލިޓީގައި މީހުން ބޭތިއްބުމަށް ހަމަޖެހިފައިވާ ޢަދަދަށް ބަލައި، މޫނުދޮވުމަށާއި އަތްދޮވުމަށް ބޭނުންކުރާ ތަންތަން އިތުރުކުރުމަށާއި، ފެސިލިޓީގެ ސަލާމަތީ ކަންކަން، އެންމެއެދެވޭ ގޮތެއްގައި ބެލެހެއްޓުމަށް ކެމެރާސިސްޓަމްތައް ޤާއިމުކޮށް ފެސިލިޓީގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިނަމަ، އަލިފާން ނިއްވާލެވޭނެ އިންތިޒާމުތައް ހަމަޖެއްސުމަށްވެސް ހުށަހަޅުއްވާފައިވާނެކަމަށެވެ.

މީގެއިތުރުން، އެކޮމިޝަނުގެ ހުށަހެޅުންތަކުގައިވާ ކަންކަން އިސްލާޙުކުރުމަށްފަހު ނޫނީ ޗައިނާ ސްޓޭޓް ހިޔާ ކަރަންޓީން ފެސިލިޓީގައި މީހުން ކަރަންޓީނު ނުވަތަ ޞިއްޙީ ގޮތުން އެކަހެރި ނުކުރުމަށް އެކޮމިޝަނުންވަނީ އަންގަވާފައެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ބިދޭސީންނަށް ޚާއްސަކޮށްގެން ތަރައްޤީކުރި 800 މީހުންގެ ޖާގައިގެ މި ކަރަންޓީން ފެސިލިޓީގެ މަސައްކަތް ނިންމައި މިހާރުވަނީ އެޗްޑީސީއާ ޙަވާލުކޮށްފައެވެ. މިއީ ޗައިނާ ސްޓޭޓް ކޮންސްޓްރަކްޝަން އިންޖިނިއަރިންގ ކޯޕަރޭޝަނުން ޚަރަދުކޮށްގެން އިމާރާތްކުރި ފެސިލިޓީއެކެވެ.