ވިޔަފާރި

އައްޑޫ ސިޓީ ހިތަދޫގައި ގޭދޮށު މަސްޕްލާންޓް ޤާއިމްކުރުމަށް ބަޔަކާ ހަވާލުކޮށްފި


އައްޑޫ ސިޓީ ހިތަދޫގައި ޤާއިމުކުރެވޭ ގޭދޮށު މަސް ޕްލާންޓް ތަރައްޤީކޮށް ހިންގުމަށް އައްޑޫ ސިޓީ ކައުންސިލާއި އެލްނާތު މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

އައްޑޫ ސިޓީ ކައުންސިލްގެ އިދާރާގައި އިއްޔެ ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ކައުންސިލްގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އައްޑޫ ސިޓީގެ މޭޔަރ، ޢަބްދުﷲ ޞާދިޤްއެވެ. އަދި އެލްނާތު މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ޕްރޮޖެކްޓް މެނޭޖަރ، އިބްރާހިމް ޚަލީލްއެވެ.

އައްޑޫ ސިޓީ ކައުންސިލުން ބުނީ މި އެއްބަސްވުމުގެ ދަށުން މަސް ޕްލާންޓު 280 ދުވަހުގެ ތެރޭގައި ތަރައްޤީކޮށް ހިންގަން ފަށަންޖެހޭނެކަމަށެވެ. އަދި މި މަޝްރޫޢަށް 6 މިލިއަން ރުފިޔާ ޚަރަދު ކުރުމަށް ހަމަޖެހިފައިވާއިރު، މިމަޝްރޫއު ހިންގާނީ އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުންކަމަށެވެ. އެލްނާތު މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ތިން މިލިއަން ދެލައްކަ އެއްހާސް އަށްސަތޭކަ އަށްޑިހަ ފަސް ރުފިޔާ މަޝްރޫއުގެ ފުރަތަމަ ފޭސްގައި އިންވެސްޓްކުރުމަށް ނިންމާފައިވާކަމަށް އައްޑޫ ސިޓީ ކައުންސިލުން މައުލޫމާތުދެއެވެ.

މި އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ވާހަކަފުޅުދައްކަވަމުން މޭޔަރ ވިދާޅުވީ މި މަސްޕްލާންޓްގެ ސަބަބުން މަސްވެރިން އަތުން މަސް ގަނެވި، އެ މަސް ރަނގަޅަށް ޕްރޮސެސްކުރެވިގެން އައްޑޫގެ ރައްޔިތުންނާއި މުޅި ރާއްޖޭގެ އިތުރުން މުސްތަޤްބަލުގައި ދުނިޔޭގެ ބާޒާރަށްވެސް އެ އުފެއްދުންތައް ނެރެވޭނެ ކަމުގައި އުއްމީދުކުރައްވާ ކަމަށެވެ.

"އައްޑޫގެ އިޤްތިޞާދު، ދެކުނުގެ އިޤްތިޞާދީ ޙަރަކާތްތައް ފަށައިގަތުމުގެ މަސައްކަތް ކުރެވެން ވަރަށް އަވަހަށް ފަށާނެ. އެހެންކަމުން އެއާއެކު އަޅުގަނޑުމެންނަށް އެބަޖެހޭ މަސްވެރިކަން ނުވަތަ އެހެން ސިނާޢަތްތައްވެސް ފަށައިގަންނަން. އެހެންކަމުން އަޅުގަނޑު މި ދެކެނީ މިއަދު މި ވެވުނު އެއްބަސްވުމަކީ އޭގެ އެއް ފެށުން ކަމަށް. މި އެއްބަސްވުމާއެކު އަޅުގަނޑުމެންނަށް މަސައްކަތް ކުރެވި، ދާދި އަވަހަށް މަސްވެރިކަމުގެ ސިނާޢަތަށް ދެވޭ އިތުރު ރަނގަޅު ބޮޅެއް ކަމުގައި އަޅުގަނޑު ދެކެނީ"، މޭޔަރ ވިދާޅުވި އެވެ.

މީގެއިތުރުން ކޮވިޑް-19 ބަލިމަޑުކަމުގެ ސަބަބުން ވަރަށް ގިނަ ރައްޔިތުންގެ ވަޒީފާތައް ގެއްލިފައިވާކަން ފާހަގަކުރައްވަމުން މޭޔަރ ވިދާޅުވީ މި ޤާއިމްކުރެވޭ މަސްޕްލާންޓްގެ ސަބަބުން ސީދާ ގޮތުންނާއި ނުސީދާ ގޮތުންވެސް ވަޒީފާތައް އުފެދިގެންދާނެކަމަށް ޤަބޫލުކުރައްވާ ކަމަށެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެލްނާތު ޕްރައިވެޓް ލިމިޓެޑްގެ ޕްރޮޖެކްޓް މެނޭޖަރ، އިބްރާހިމް ޚަލީލް ވިދާޅުވީ މިއީ އަލަށް ރާއްޖޭގައި ކުރެވޭ މަސައްކަތަކަށް ވާއިރު، ގޭދޮށު މަސްފެކްޓްރީތަކުގެ ސަބަބުން ރާއްޖޭގެ މަސްވެރިކަމަށް ބޮޑެތި ކުރިއެރުންތަކެއް އަންނާނެ ކަމަށެވެ.

"މުޅި ރާއްޖޭގައިވެސް މަސް ޕްރޮސެސްކޮށް، ބާނާ ރޯމަސް އެކްސްޕޯޓްކުރުމުގެ ބަދަލުގައި ރާއްޖޭގައި މި މަސް ޕްރޮސެސްކުރެވޭނީ ގިނަ ފަރާތްތަކެއް ގުޅިގެން މަސައްކަތް ކުރެވިގެން. އެހެންކަމުން އަޅުގަނޑުމެންގެ އެންމެ ބޮޑު އެއް އުންމީދަކީ މި ޕްރޮޖެކްޓް ކުރިއަށް ގެންދިއުން"، ޚަލީލް ވިދާޅުވި އެވެ.

މި މަޝްރޫޢަކީ އައްޑޫސިޓީގެ އިޤްތިޞާދު އިތުރަށް ފުޅާކުރުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން ކުރިއަށް ގެންދެވޭ މަޝްރޫއެއް ކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެއެވެ. މި މަޝްރޫޢުގެ ދަށުން ހިތަދޫގައި މަސް ޕްލާންޓް ބަހައްޓައި، ކަނޑުމަސް ގަނެ، ޕްރޮސެސްކޮށް، މަހުގެ ބާވަތްތައް އުފެއްދުމަށް މަގުފަހިވެގެންދާނެއެވެ. އަދި މި މަސްޕްލާންޓް ޤާއިމުކުރެވޭނީ އައިސް އުފައްދައި މަސް ފިނިކޮށް ބެހެއްޓޭނެ ވަސީލަތްތައް ހިމެނޭ ގޮތަށެވެ. މި މަސްޕްލާންޓުން މަސް ކިރުމާއި ސާފުކުރުމާއި ފިނިކުރުމާއި ގަނޑުކުރުމާއި ވެކިއުމް ޕެކް ކުރުމާއި ޕެކޭޖް ކުރުމާއި ކޮލިޓީ ޓެސްޓުކުރުމާއި ތަފާތު ވައްތަރުގެ މަސް ޕްރޮސެސްކުރުމުގެ މަސައްކަތް ކުރެވޭނެއެވެ.

އައްޑޫ ސިޓީ ހިތަދޫ އިތުރުން މަރަދޫ އަދި ހުޅުމީދޫގައިވެސް ގޭދޮށު މަސްޕްލާންޓް ޤާއިމްކޮށްދޭނެ ބަޔަކު ހޯދުމަށް ދަނީ މަސަައްކަތްކުރަމުންނެވެ. މިޕްލާންޓްތަކުގައި 20 ޓަނުގެ އައިސް އުފައްދާ 10 ޓަނުގެ މަސް ރައްކާކުރެވޭނެއެވެ. އަދި މިމަސް ޕްލާންޓުތަކުގެ ސަބަބުން 400 ޓަނާއި 800 ޓަނާއި ދެމެދު މަސް ގަނެ ޕްރޮސެސް ކުރުމަށް މަގުފައިވެގެން ދާނެކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެއެވެ.

އައްޑޫ ސިޓީގެ އިތުރުން މިއަހަރުގެ ތެރޭގައި ގޭދޮށު މަސް ފެކްޓަރީއެއް މ.އަތޮޅުގައި ޤާއިމްކުރާނެކަމަށް ފިޝަރީޒް މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.