ޚަބަރު

ފުރަބަންދު އިއުލާނު ކުރިފަހުން މާލޭގެ މިސްކިތްތަކުން 16 ފަންކާ ވަގަށްނަގައިފި


ފުރަބަންދު އިއުލާނުކުރިފަހުން މިވީ މުއްދަތުގައި މާލޭގެ 4 މިސްކިތަކުން 16 ފަންކާ އާއި މައިކެއް ވަގަށް ނަގައިފިއެވެ.

މާލޭ ސިޓީކައުންސިލްގެ އޮފިޝަލަކު ވިދާޅުވީ އެންމެ ފަހުން ވައްކަންކޮށްފައި ވަނީ، މާލޭގެ މިސްކިތްތަކުގެ ތެރެއިން، މާފަންނު ބޮޑުގޭގައި ހަދާފައިވާ ވަގުތީ މިސްކިތުންނާއި، ހީނާމާގޭ ޕާކިންގެ ހުޅަނގު ފަރާތުން މަޖިދީމަގަށްވާގޮތަށް ހުންނަ މިސްކިތް މަސްޖިދުލްޢާދިލް، ނުވަތަ ދެބުރި މިސްކިތުން ކަމަށެވެ.

މިގޮތުން ބޮޑުގޭގައި ހަދާފައިވާ ވަގުތީ މިސްކިތުން 11 ފަންކާއެއް ވަގަށް ނަގާފައި ވަނީ، މި މެއި މަހުގެ 26 ވަނަ ދުވަހުގެ ރޭގައެވެ. އަދި މަސްޖިދުލް އާދިލްއިން ވައްކަންކޮށްފައި ވަނީ ރޭ ނުވަތަ މިއަދުގެ ވަގުތެއްގައެވެ. އެމިސްކިތުން ވަގަށް ނަގާފައި ވަނީ ބަންގިގޮވުމަށް ބޭނުން ކުރާ ކޯޑުމައިކެވެ.

އޭޕްރީލް 15ގައި މާލެ ސިޓީ ފުރަބަންދުކުރިފަހުން ވައްކަންކޮށްފައިވާ އިތުރު މިސްކިތްތަކުގެ ތެރޭގައި މާފަންނު އީދު މިސްކިތާއި، ދަރުމަވަންތަ މިސްކިތް ހިމެނެއެވެ. މިގޮތުން ދަރުމަވަންތަ މިސްކިތުން 3 ފަންކާ އަދި އީދު މިސްކިތުން 2 ފަންކާ ވަގަށް ނަގާފައިވެއެވެ. މިސްކިތްތަކުން ޖުމުލަ 16 ފަންކާއެއް މި ފުރަބަންދުގެ ތެރޭގައި ވަގަށް ނަގާފައިވާއިރު، މުޅިންވެސް ވަގަށް ނަގާފައި ވަނީ ފާރުގައި ހަރުކުރާ ފަންކާއެވެ.

ސިޓީކައުންސިލްގެ އޮފިޝަލް ވިދާޅުވީ ވައްކަންކޮށްފައިވާ މިސްކިތްތަކަކީ ތަޅުލެވޭ ގޮތަށް ދޮރު ހުންނަ މިސްކިތްތަކެއް ނޫންކަމަށެވެ.

އަދި މިސްކިތްތަކުން ވައްކަން ކުރުމުގެ މައްސަލައަކީ އަބަދުވެސް ދިމާވަމުން އަންނަ މައްސަލައެއް ކަމަށާއި އެކަން ފުލުހުންނަށް ހުށައަޅައިގެން ބަލަމުން ގެންދާކަމުގައި ވެސް މާލޭ ސިޓީކައުންސިލުން ވަނީ ވިދާޅުވެފައެވެ.

ކޯވިޑް-19 އާއި ގުޅިގެން ގުރޭޓާމާލެ އޭރިއާގެ މިސްކިތްތަކުގައި ޖަމާއަތުގެ ނަމާދު ކުރުން މާރިޗު 18 ވަނަ ދުވަހުން ފެށިގެން ވަނީ ހުއްޓާލާފައެވެ، އެހެން ނަމަވެސް މިސްކިތްތަކަށް އިމާމުން ގޮސް ފަސްވަގުތު ބަންގި ގޮވަމުން ދެއެވެ. އަދި ވަކިވަކިން މިސްކިތަށް އަރައި މީހުންނަށް ނަމާދު ކުރުމުގެ ފުރުޞަތުވެސް އޮތީ ދީފައެވެ.