ސިޔާސީ

ނެޝަނަލް އިންޓެގްރިޓީ ކޮމިޝަނެއް އުފެއްދުމަށް ހުށައަޅައިފި


ޕޮލިސް އިންޓެގްރިޓީ ކޮމިޝަނާއި، ކަސްޓަމްސް އިންޓެގްރިޓި ކޮމިޝަން އުވާލާ، ނެޝަނަލް އިންޓެގްރިޓީ ކޮމިޝަނެއް އުފެއްދުމަށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށައަޅައިފިއެވެ. 

ސަރުކާރުގެ ފަރާތުން ކަނޑިތީމު ދާއިރާގެ މެމްބަރު މުހައްމަދު ހުސައިން ހުށައަޅުއްވާފައިވާ އެބިލްގައި ބުނެފައިވަނީ، މިބިލު ގާނޫނަކަށްވެ އަމަލު ކުރަން ފެށުމާއެކު ޕޮލިސް އިންޓެގްރިޓީ ކޮމިޝަނާއި، ކަސްޓަމްސް އިންޓެގްރިޓީ ކޮމިޝަން އުވޭނެކަމަށެވެ. އަދި ދެ ކޮމިޝަންގެ މަސައްކަތްތަކުގެ އިތުރުން އިމިގްރޭޝަނާއި، ކަރެކްޝަނަލް ސާރވިސްގެ މަސައްކަތްތައް ބެލެއްޓުން ނެޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ ދަށަށް ބަދަލުވާނެކަމަށެވެ. އެކޮމިޝަންގައި ތިއްބަވާނީ ފަސް މެމްބަރުންކަމަށް ބިލްގައި ކަނޑައަޅާފައިވެއެވެ. 

އެއީ ގާނޫނީ ދާއިރާގެ ބޭފުޅަކާއި، ސަރުކާރު ހިންގުމުގެ ދާއިރާގެ ބޭފުޅަކާއި، އިގްތިސާދީ ދާއިރާގެ ބޭފުޅަކާއި، ހިއުމަން ރިސޯސް ދާއިރާގެ ބޭފުޅެއްގެ އިތުރުން ކޮމާސް ނުވަތަ ބިޒްނަސް އެޑްމިނިސްޓްރޭޝަން ދާއިރާގެ ބޭފުޅެކެވެ. މިހާރު ހިނގަމުން އަންނަ ޕޮލިސް އިންޓެގްރިޓީ ކޮށްމިޝަނުގައި ފަސް މެމްބަރުން ތިއްބަވާއިރު، ކަސްޓަމްސް އިންޓެގްރިޓީ ކޮމިޝަންގަވެސް ފަސް މެމްބަރުން ތިއްބަވައެވެ. 

މުހައްމަދު ހުސައިން ހުށައެޅުއްވި ނެޝަނަލް އިންޓެގްރިިޓީ ބިލުގައި އެކޮމިޝަންގެ މަސްއޫލިއްޔަތުގެ ތެރޭގައި ހިމަނާފައިވާ ކަންކަމުގެ ތެރޭގައި ޤާނޫނު ތަންފީޒްކުރާ އިދާރާތަކާއި، އެއިދާރާތަކުގެ މުވައްޒަފުންކުރާ ޤާނޫނާއި ޤަވާއިދާއި ޚިލާފު އަމަލްތައް ބަލައި ތަޙުޤީޤުކުރުމާއި، އެފަދަ އަމަލެއްކަމަށް  ތުހުމަތު ކުރެވޭ އަމަލެއް އެއްވެސް ފަރާތަކުން ހިންގައިފިނަމަ ނުވަތަ ހިންގަން އުޅޭކަމަށް ތުހުމަތުކޮށް މައްސަލައެއް ހުށައަޅައިފިނަމަ އެކަމެއް ބަލައި ތަޙުޤީޤު ކުރުން ހިމެނެއެވެ. 

މީގެއިތުރުން އެކޮމިޝަނުން ބަލަމުންދާ މައްސަލައަކާއި ގުޅިގެން ހާޒިރުވާން އަމުރު ކުރެވޭއިރު، ހާޒިރު ނުވެއްޖެ ނަމަ، ނުވަތަ ކޮމިޝަނަށް މައުލޫމާތު ދިނުމަށް އިންކާރު ކުރާނަމަ، ނުވަތަ، ކޮމިޝަނުގެ އެންގުމަކާ ޚިލާފުވެއްޖެ ނަމަ އެފަރާތެއް ފަންސާސް ހާސް ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރުމުގެ ބާރުވެސް އެކޮމިޝަނަށް ލިބިގެންވާނެކަމަށް މިބިލުގައި ކަނޑައަޅާފައިވެއެވެ.