ޚަބަރު

"ވަން ވޯލްޑް ޓުގެދަރ އެޓް ހޯމް " ކޮންސެޓް ދެ ރިކޯޑު މުގުރާލާ ދުނިޔޭގެ ރިކޯޑުފޮތަށް


ކޯވިޑް-19 އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ކުރިއަށްގެންދިޔަ "ވަން ވޯލްޑް-ޓުގެދަރ އެޓް ހޯމް' ކޮންސެޓް އެއް ފަހަރާ ދެ ރިކޯޑެއް މުގުރާލާ ދުނިޔޭގެ ރިކޯޑު ފޮތުން ޖާގަހޯދައިފިއެވެ.

މަޝްހޫރު ގިނަ ފަންނާނުންތަކެއް ބައިވެރިވެގެން ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާއާއި ގްލޯބަލް ސިޓިޒެން ގުޅިގެން ކުރިއަށް ގެންދިޔަ މި ކޮންސެޓުން 128 މިލިއަން ޑޮލަރުވަނީ ހޯދާފައެވެ. 8 ގަޑިއިރަށް ކުރިއަށްގެންދިޔަ މި ކޮންސެޓުވަނީ 2 ރިކޯޑެއް މުގުރާލާ ގިނީސް ވޯލްޑް ރިކޯޑު ޤާއިމުކޮށްފައެވެ.

މި ކޮންސެޓުން މުގުރާލާފައިވާ ދެ ރިކޯޑަކީ އެންމެ ގިނަ ފަންނާނުން ދުނިޔޭގެ އެކި ހިސާބުތަކުން ގޭގައި ތިބެގެން ބައިވެރިވެ ކުރިއަށް ގެންދިޔަ އެންމެ ބޮޑު ކޮންސެޓްގެ ރިކޯޑާއި ދުނިޔޭގެ އެކި ސަރަޙައްދުތަކުގައި ތިބި ފަންނާނުން ގުޅިގެން ކުރިއަށްގެންދިޔަ އިވެންޓަކުން އެންމެ ގިނަ ފައިސާ ހޯސި ކޮންސެޓްގެ ރިކޯޑްވެސް ހިމެނެއެވެ.

ދުނިޔޭގެ މަޝްހޫރު ބޮޑެތި ޓީވީ ޗެނަލްތަކުން ލައިވްކުރި މި އިވެންޓުން ހޯދާފައިވާ ފައިސާގެ ތެރެއިން 55 މިލިއަން ޑޮލަރު ހަދިޔާކުރުމަށް ނިންމާފައިވަނީ ޑަބްލިއުއެޗްއޯގެ ކޯވިޑް-19 ސޮލިޑެރިޓީ ރެސްޕޮންސް ފަންޑަށެވެ. އަދި މި ކޮންސެޓުން ލިބުނު ފައިސާ ގާތްގަނޑަކަށް 73 މިލިއަން ޑޮލަރު ޚަރަދުކުރާނީ ކާބޯތަކެއްޗާއި ބޯހިޔާވަހިކަން މިދަނޑިވަޅުގައި ބޭނުންވާ ފަރާތްތަކަށް އެހީތެރިވުމުގައި ޙަރަކާތްތެރިވާ އެހީދޭ ޖަމާޢަތްތަކަށެވެ.

ޑަބްލިއުއެޗްއޯއަށް ލިބޭ ފައިސާގެ އެހީ ޚަރަދުކުރުމަށް ނިންމާފައިވަނީ ކޯވިޑް-19 އަށް ޓެސްޓުކުރުމާއި ފަރުވާކުރުމުގެ އިތުރުން މިބައްޔަށް ވެކްސިނެއް ހޯދުމަށް ކުރާ މަސައްކަތްތަކަށެވެ.

ގިނީސް ވޯލްޑް ރިކޯޑްސްއިން ވަން ވޯލްޑް ޓުގެދަރ އެޓް ހޯމްއިން ދެ ރިކޯޑު ޤާއިމުކުރުމާއި ގުޅިގެން ކުރި ޓުވީޓު

ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ނުރައްކާތެރި ކޯވިޑް-19 ގުޅިގެން އެހީ ފޯރުކޮށްދޭންޖެހޭ ފަރާތްތަކަށް އެހީވުމަށް ބޭނުންވާ ފައިސާ ހޯދުމަށް ކުރިއަށްގެންދިޔަ މި އިވެންޓުގައި ގިނަ އަދަދެއްގެ މިއުޒިކް ފަންނާނުންނާއި މަޝްހޫރު ވާހަކަ ދެއްކުންތެރިން ބައިވެރިވެފައިވެއެވެ.

ޖުމްލަ 72 ފަންނާނުން ބައިވެރިވި މި ކޮންސެޓުގައި ވަނީ ކޯވިޑް-19 ގުޅިގެން ކުރީސަފުގައި ޙަރަކާތްތެރިވާ ފަރާތްތަކަށް ޚާއްސަ އެކި ލަވަތަކާއި ހިތްވަރު ދިނުމުގެ އެކި ޝުޢޫރުތަކާއި އެފަރާތްތަކުގެ އަގުވަޒަން ކުރުމާއި ގުޅޭ އެކި ޙަރަކާތްތައްވަނީ ދައްކާލާފައެވެ.

މިކޮންސެޓުގައި ދުނިޔޭގެ ރިކޯޑު ފޮތުން މިހާރުވެސް ޖާގަ ހޯދާފައިވާ ބިލީ އައިލިޝް، އެލްޓަން ޖޯން، ޓެއިލަރ ސްވިފްޓް، ޖެނިފާ ލޮޕޭޒް، ސޭމް ސްމިތްގެ އިތުރުންވެސް މަޝްހޫރު ފަންނާނުން ތެރޭގައި ހިމެނޭ ޑޭވިޑް، ވިކްޓޯރިއާ ބެކަމް، ބިޔޯންސޭ އަދި އޯޕްރާ ވިންފްރީވަނީ ބައިވެރިވެފައެވެ.

މީގެ އިތުރުންވެސް ދުނިޔޭގެ ސިއްހަތު ޖަމްޢިއްޔާގެ ޑިރެކްޓަރ ޖެނެރަލް ޑރ.ޓެޑްރޯސާއި އެމެރިކާގެ ކުރީގެ ފަސްޓް ލޭޑީ ލައުރާ ބުޝް، މިޝޭލް އޮބާމާ، ޔޫއެންގެ ސެކްރެޓަރީ ޖެނެރަލް އެންތޯނިއޯ ގުތެރޭޝްވެސް ވަނީ ކޮންސެންޓްގައި ބައިވެރިވެފައެވެ.

ދުނިޔޭގެ ރިކޯޑު ފޮތުން މި އިވެންޓު ޖާގަ ހޯދުމާއި ގުޅިގެން ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާ އާއި ގްލޯބަލް ސިޓިޒެންއިންވަނީ މިޙަރަކާތް އިންތިޒާމުކުރުމަށް އެހީތެރިވި ބައިނަލްއަޤުވާމީ ހުރިހާ ފަންނާނުންނަށާއި އެހީތެރިވި ޖަމްޢިއްޔާ ޖަމާޢަތްތަކަށް ޝުކުރުއަދާކޮށްފައެވެ. އަދި މި ރިކޯޑުތަކުން ހާމަކޮށްދެނީ ގުޅިގެން ރަނގަޅުކަމެއްގައި ކުރިއަށްދާން ކުރާ ކޮންމެ މަސައްކަތެއް ނަތީޖާއެއް ކާމިޔާބުވާނެކަމެއްގެ ގޮތުގައިކަން އެފަރާތުން ފާހަގަކުރެއެވެ. "ވަން ވޯލްޑް ޓުގެދަރ އެޓް ހޯމް" އަކީ ވަރަށް އާދަޔާ ޚިލާފު ދަނޑިވަޅެއްގައި އާދަޔާ ޚިލާފު ގޮތެއްގައި ކުރިއަށް ގެންދިޔަ ތަފާތު ޙަރަކާތެއްގެ ގޮތުގައިކަމަށް ގިނީސް ވޯލްޑްސް ގެ އެޑިޓަރ އިން ޗީފް ކްރެއިގް ގްލެންޑޭވަނީ ފާހަގަކޮށްފައެވެ.