ސިއްހަތު

2 އަތޮޅަކަށް މި ހަފްތާގެ ތެރޭގައި އެމްބިއުލާންސް ފޮނުވަނީ


ސަރުކާރުގެ ޚަރަދުގައި، އެސްޓީއޯއަށް ހަވާލުކޮށްގެން ގެންނަ 50 އެމްބިއުލާންސްގެ ތެރެއިން މިމަހު 6 އެމްބިއުލާންސެއް ގެނެސްފައިވާކަމަށް ހެލެތު މިނިސްޓްރީން ބުނެފިއެވެ. ޕީއެސްއެމްއަށް ދެއްވި ބަސްދީގަތުމެއްގައި ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް އަހުމަދު ޤާސިމް ވިދާޅުވީ މިގެނައި އެމްބިއުލާންސް ގެތެރެއިން 2 އެމްބިއުލާންސް މިހަފްތާގެ ތެރޭގައި 2 އަތޮޅަކަށް ފޮނުވުމަށް ހަމަޖެހިފައިވާކަމަށެވެ. އެމްބިއުލާންސް ފޮނުވުމަށް ހަމަޖެހިފައިވާ ދެއަތޮޅަކީ ހދ ކުޅުދުއްފުއްޓާއި، ގދ ތިނަދޫކަމަށް ގާސިމް ވިދާޅުވިއެވެ. މިގެނައި 6 އެމްބިއުލާންސް ފޮނުވުމަށް ހަމަޖެހިފައިވަނީ މިވަގުތު އެމްބިއުލާންސްގެ ހިދުމަތް ނުދެވޭ އާބާދި ބޮޑު، ބިންބޮޑު ރަށްތަކަށްކަމަށް ގާސިމް ވިދާޅުވިއެވެ. އެގޮތުން އެމްބިއުލާންސް ފޮނުވުމަށް ހަމަޖެހިފައިވަނީ ހދ ކުޅުދުއްފުއްޓާއި، ހދ ހަނިމާދޫ، ނ ކެނދިކުޅުދޫ، ލ ފޮނަދޫ، ގއ ވިލިގިލީގެ އިތުރުން ގދ ތިނަދޫ އަބުދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަށް ކަމަށް ގާސިމް ވިދާޅުވިއެވެ. މިމަހުގެ މެދެއްހާ ހިސާބުގައި އިތުރު 8 އެމްބިއުލާންސް މާލެގެނެވޭނެކަމަށާއި މި އެމްބިއުލާންސްތައްވެސް އެންމެ ބޮޑަށް ބޭނުން ޖެހިފައިވާ އަތޮޅުތަކަށް އިސްކަންދީގެން ފޮނުވާނެކަމަށް ގާސިމް ވިދާޅުވިއެވެ. އެސްޓިއޯއާއި ހަވާލުކޮށްގެން ގެންނަ 50 އެންބިއުލާންސްގެ ތެރެއިން 10 އެންބިއުލާންސެއް މިހާރު ވަނީ ރާއްޖެ ގެނެސްފައެވެ.