ޕަބްލިކް ސަރވިސް މީޑިޔާއާއި ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސްއާއި ދެމެދު ދެފަރާތުން ގުޅިގެން މަސައްކަތް ކުރުމުގެ ފަހުމުނާމާ އެއްގައި ސޮއިކޮށްފިއެވެ. ޕީ އެސް އެމްގެ ޓީވީ ބިލްޑިންގްގައި މިއަދު މިކަމަށްޓަކައި ބޭއްވުނު ރަސްމިއްޔާތުގައި މި ފަހުމުނާމާގައި ސޮއި ޕީ.އެސް.އެމްގެ ފަރާތުން ސޮއި ކުރެއްވީ، މެނޭޖިން ޑިރެކްޓަރ އިބްރާހިމް ޚަލީލްއެވެ. އެން.ސީ.އޭގެ ފަރާތުން ސޮއި ކުރެއްވީ އެގްޒެކްޓިވް ކޮންސަލްޓެންޓް މުހައްމަދު ޝިޔާމްއެވެ.ފަހުމުނާމާގައި ސޮއި ކުރެއްވުމަށްފަހު ވާހަކަފުޅު ދައްކަވަމުން ޕީ.އެސް.އެމްގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ޚަލީލް ވިދާޅުވީ، ދެ ފަރާތުގެ މެދުގައި ވެވުނު އެއްބަސްވުމުގެ ދަށުން އެންމެ ބޮޑު އިސްކަމެއް ދެއްވާނީ ދިވެހި ޒުވާނުންގެ ފަންނުތައް ކުރިއެރުވުމަށް ކަމަށެވެ. ޚާއްސަކޮށް މިއުޒިކާއި، އެހެނިހެން އާޓްސްތަކުގެ ދާއިރާއިން ކުރިއަށް ދިއުމުގައި ދަތިކަންހުރި ފަރާތްތަކަށް ދެ ތަނުގެ ވަސީލާތްތައް ބޭނުން ކޮށްގެން ކުރިއަށްދިއުމަށް ފުރުސަތު ހުޅުވިގެންދާނެ ކަމަށް ޚަލީލް ވިދާޅުވިއެވެ. އެގޮތުން ލަވަ އަލްބަމްފަދަ ފިކުރީ މުދާ އުފެއްދުމާއި، އެތަކެތި މާކެޓް ކޮށްދިނުމަށް ވިސްނާފައިވާ ކަމަށް ޚަލީލް ވިދާޅުވިއެވެ. މީގެ އިތުރުން ހުރިހާ ވައްތަރެއްގެ އާޓްސްތަކުގެ ދާއިރާގެ ފަންނުވެރިން ހިމަނައިގެން ދެފަރާތުން ގުޅިގެން ދަފްތަރެއް ހެދުމަށް ހަމަޖެހިފައިވާ ކަމަށްވެސް ޚަލީލް ފާހަގަކުރެއްވިއެވެ. " އަޅުގަނޑުމެން އެންމެ އިސްކަން މިދެނީ ޒުވާނުންގެ ތަރައްގީއަށް. މިކަމުގައި ދެ ތަނުގައި ހުރި ވަސީލާތްތައް ހެޔޮގޮތުގައި ބޭނުން ހިފުން މަޤްސަދަކީ. ލަވައަލްބަމެއް ފަދަ އެއްޗެއް ރެކޯޑްކުރަން ސްޓޫޑިއޯ ނުލިބިއްޖެނަމަ އެ ފުރުސަތުވެސް އަޅުގަނޑުމެންނަށް ފަހިކޮށްދެވިދާނެ. ފިލްމީ ދާއިރާއިން މީހުން ބިނާ ކުރުންފަދަ ކަންކަންވެސް ކުރެވޭނެ." ޚަލީލް ވިދާޅުވިއެވެ.އެން.ސީ.އޭގެ އެގްޒެކްޓިވް ކޮންސަލްޓަންޓް މުހައްމަދު ޝިޔާމް ވިދާޅުވީ، އެން.ސީ.އޭއިން މިވަގުތު އެންމެ އިސްކަމެއް ދީފައިވަނީ ދިވެހި ޒުވާނުންގެ ފަންނުތައް ކުރިއެރުވުމަށް ކަމަށެވެ. އެހެންކަމުން މި ފަހުމުނާމާގެ ފައިދާ ފެނިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ."އެން.ސީ.އޭއިން މިވަގުތު އެންމެ އިސްކަންދީފައި މިއޮތީ ދިވެހި ބޭންޑްތައް ކުރިއެރުވުމަށް. އެކަމަކު އެހެން ދާއިރާތަކުންވެސް އެބަ މަސައްކަތް ކުރެވޭ. މި އެއްބަސްވުމަކީ ތާރީޚީ އެއްބަސްވުމެއްގެ ގޮތުގައި އަޅުގަނޑުމެން ދެކެނީ. " ޝިޔާމް ވިދާޅުވިއެވެ. ޕީއެސް އެމްއާއި، އެންސީއޭއަކީ ގުޅިގެން ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ދެ ތަންކަން ފާހަގަކޮށްލެވެއެވެ. ދިވެހި ޒުވާނުންގެ ފަންނުތައް ކުރިއެރުވުމުގެ ގާނޫނީ ޒިންމާ ޕީ އެސް އެމުން އަދާކުރަމުންދާއިރު، އެ ޒިންމާ ސަރުކާރުގެ ފަރާތުން ނަގަމުންދާ އިދާރާއަކީ އެންސީއޭއެވެ. އެހެންކަމުން ސޮއި ކުރެވުނު ފަހުމުނާމާއާއެކު ވަސީލަތްތަކުގެ ބޭނުން ހެޔޮގޮތުގައި ހިފި ، ކާމިޔާބު މަސައްކަތްތަކެއް ކުރެވޭނެ ކަމަށް ޕީ އެސް އެމްއާއި އެންސީއޭއިން ދެކެއެވެ.