ޚަބަރު

ކޯވިޑް-19 : ލުއިތަކަށްފަހު ކޭސްތައް އިތުރުވެއްޖެނަމަ ފަރުވާދެވޭނެ ޤާބިލުކަން އެބަހުރި - ޑރ. އަލީ ލަޠީފް


ބަލި ކޮންޓްރޯލް ކުރުމަށް އެޅި ފިޔަވަޅުތަކާއެކު ރާއްޖޭގައި ކޯވިޑް-19ގެ ޙާލަތު ކޮންޓްރޯލް ކުރެވިފައިވާ ކަމަށާއި، ލުއިތަކަށްފަހު ކޭސްތައް އިތުރުވެއްޖެނަމަ ފަރުވާދެވޭނެ ޤާބިލުކަން އެބަހުރިކަމަށް ޓެކްނިކަލް އެޑްވައިޒަރޫ ގްރޫޕްގެ ހެޑް ޑރ. ޢަލީ ލަތީފް ވިދާލުވެއްޖެއެވެ.

ކޯވިޑް-19ގެ ޙާލަތާއި ގުޅިގެން މާލެ ސަރަހައްދުގައި އިއުލާންކޮށްފައިވާ ފުރަބަންދަށް ލުއި ދިނުމާއި ގުޅޭގޮތުން ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އަލީ ލަތީފް ވިދާޅުވީ ކޯވިޑް-19 އިން ރައްކާތެރިވުމަށް މާލޭގައި އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ބޮޑެތި ދަތިތަކެއްވެސް ދިމާވި ކަމަށެވެ.

ސަރުކާރުން މާލޭ ސަރަހައްދުގައި ފުރަބަންދަށް ލުއި ދިނުމަކީ ބަލިމަޑުކަން މުޖުތަމަޢުން ފިލައިގެން ދިއުން ނޫންކަން ފާހަގަކުރައްވަމުން ޑރ. އަލީ ލަތީފް ވިދާޅުވީ ވޭތުވެދިޔަ 2 ހަފްތާގައި ރާއްޖެއިން ބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދު މަދުވެފައިވާކަމަށާއި އެއީ ހެޔޮފާލެއްކަމަށެވެ.

އެންމެ ފުރަތަމަ މި ބަލި ފެނުނު ދުވަސްވަރު ބަލި ޖެހޭ މީހުންނާއި ދިމާވާ މީހުންގެ އަދަދު ގިނަ ނަމަވެސް ފުރަބަންދުގެ ސަބަބުން އެ އަދަދުވެސް މަދުކުރެވިފައިވާކަމަށާއި، އެގޮތުން ކުރިން ބިދޭސީން އޭރު 45 މީހުންނާއި ބައްދަލުވެފައިހުރި އިރު އެޅި ފިޔަވަޅުތަކާއެކު މިހާރު ބިދޭސީން ބައްދަލުވާ މީހުންގެ ޢަދަަދު މަދުކަން ޑޮކްޓަރ ފާހަގަކުރެއްވިއެވެ. އަދި ބަލިމަޑުކަމުގެ ކުރީކޮޅު ދިވެހިން އެވްރެޖްކޮށް 33 މީހުންނާއި ބައްދަލުވިނަމަވެސް މިހާރު ބައްދަލުވާ އަދަދު 6 އަށް ދަށްކުރެވިފައިވާކަމަށްވެސް ޑރ. އަލީ ލަތީފް ވިދާޅުވިއެވެ.

ފުރަބަންދަށް ލުއިދޭ އިރު ވިސްނި އެންމެ މުހިއްމުކަމަކީ ބަލިޖެހޭ މީހުންނަށް ފަރުވާދެވޭނެ އިންތިޒާމުތައް ހަމަޖެހިފައި ހުރުން ކަމަށާއި ބައްޔަށް ފަރުވާދިނުމާއި، ޓެސްޓް ހެދުމާއި ސާމްޕަލް ނެގުމުގައި ކުރިއެރުންތަކެއްލި ފަރުވާ ދިނުމުގައި ޤާބިލުކަން މިހާރު އެބަހުރިކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑުމެން ފަށައިގެން އިރު ސީދާ ކޯވިޑަށް ޚާއްސަ ފަރުވާދޭ ހޮސްޕިޓަލެއް ނެތް. އެެހެންނަމަވެސް މިހާރު ސީދާ ފަރުވާ ދިނުމަށް ހުޅުމާލެ މެޑިކަލް ފެސިލިޓީވަނީ ތައްޔާރުވެފައި. އަދި ޓްރީ ޓޮޕް ހޮސްޕިަޓަލު އެބަހުރި މިބައްޔަށް ފަރުވާދިނުމަށް ތައްޔާރުވެފައި. މެ ދެތަން އެއްވީމަ ގާތްގަނޑަކަށް 300 އަށްވުރެ ގިނަ އެނގުވަނީ ލިބިފައި" ޑރ. އަލީ ލަތީފް ވިދާޅުވިއެވެ.

ކުރިއަށް އޮތް ދެ ހަފްތާއަށް ފުރަބަންދަށް ލުއިދޭން ނިންމިނަމަވެސް ބަލި ފެތުރުން އިތުވާނަމަ އަލުން ފުރަބަންދަށް ދާން ޖެހިދާނެކަމުގެ އިންޒާރު ޑރ. ޢަލީ ލަތީފްވަނީ ދެއްވާފައެވެ.

ފުރަބަންދަށްފަހު ބޭރަށް ނިކުންނައިރު ސިއްޙީ އިދާރާތަކުން ދޭ އިރުޝާދުތަކަށް އަމަލުނުކޮށްފިނަމަ އަނެއްކާވެސް ކޭސްތައް ގިނަވެ މިހާރު ހުރި ވަސީލަތްތަކުންވެސް ނުފުދިދާނެކަމަށާއި، އެހެންކަމުން އެޗްޕީއޭއީން އަންގާ އެންގުންތަކަށް ތަބާވުން ވަރަށް މުހިއްމުކަމަށް ޑރ. އަލީ ލަތީފް ވިދާޅުވިއެވެ.

"ފިހާރަތަކާއި ބައެއް އޮފީސްތާކާއި އެނޫންވެސް ތަންތަން ހުޅުވާއިރު ރައްކާތެރިވުމުގެ ގޮތުން މާސްކް އެޅުމަކީ މުހިއްމުކަމެއް ކަމަށާއި، ޚާއްސަކޮށް ބަންދު ތަންތަނަށް ވަންނައިރު މާސްކް އެޅުމަކީ މުހިއްމުކަމެއް. ދެން އަލޫގަނޑުމެން އެދޭ އެދުމަކީ ޚާއްސަކޮށް ބޮޑެތި އޮފީސްތަކަށް ދާއިރުވެސް ޓެމްޕަރޭޗަރ ޗެކްކުރެވެންވާނެ" ޑރ. އަލީ ލަތީފް ވިދާޅުވިއެވެ.

މިހާލަތުގައިވެސް ކޯވިޑް19 އިން ރައްކާތެރިވުމަށް އެޅިދާނެ އެންމެ މުހިއްމު ފިޔަވަޅުތަކަކީ ގައިދުރުކަން އިޚްތިޔާރުކުރުމާއި ގިނަގިނައިން ރަނގަޅަށް އަތްދޮވުމުގެ އިތުރުން މާސްކްއެޅުމަށް އިސްކަންދިނުންކަމަށާއި އެކަންކަމަށް ސަމާލުކަންދީފިނަމަ ބަލިފެތުރުން މަދުވާނެކަމަށް ޑރ. އަލީ ލަތީފް ވިދާޅުވިއެވެ.