ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅޭ ބަންގްލަދޭޝް މީހުން އަނބުރާ އެޤައުމަށް ފޮނުވާލުމަށް ސަރުކާރުން ކުރާ މަސައްކަތުގެ ދަށުން، 200 މީހަކު މިއަދު ފޮނުވާލާއިފިއެވެ.
ސަރުކާރުން މިއަދު ފޮނުވާލި 200 މީހުންނާއެކު އަނބުރާ ޤައުމަށް ފޮނުވާލި ބަންގްލަދޭޝް މީހުންގެ ވަނީ އެއްހާސް ތިންސަތޭކަ ނުވަދިހައަށް އެރީއެވެ.
މިއަދު ބަންގްލަދޭޝްއަށް ފޮނުވާލި ދުއިސައްތަ ބިދޭސީން ފޮނުވާލާފައިވަނީ މޯލްޑިވިއަންގެ ފްލައިޓެއްގައެވެ. މިދިޔަ ހޮނިހިރު ދުވަހުވެސް ވަނީ މޯލްޑިވިއަންގެ ދެ ފްލައިޓުގައި އެޤައުމަށް 350 މީހުން ފޮނުވާލާފައެވެ.
ރާއްޖޭގައި ތިބި ބިދޭސީންގެ ތެރެއިން އަނބުރާ ޤައުމަށް ދާން ބޭނުން މީހުންނަށް އެފުރުސަތު ހޯދައިދީ އެމީހުން ގެންދިޔުމުގެ ކަންކަން ސަރުކާރުން ކުރިއަށްގެންދަނީ ބަންގްލަދޭޝްގެ ސަރުކާރާއި ގުޅިގެންނެވެ. ރާއްޖޭގައި ތިބި ބިދޭސީން ޤައުމަށް ފޮނުވާލުމުގެ މަސައްކަތް ކުރަމުން އަންނައިރު ރަސްމީގޮތެއްގައި ލިޔެކިޔުންތައް ނެތް އެތައް ހާސް ބިދޭސީންނެއް ރާއްޖޭގައި ތިބިކަމަށް ސަރުކާރުން ވިދާޅުވެއެވެ. މިފަދަ މީހުނަށް ރާއްޖޭގައި އުޅުމުގައި ގިނަ ޙައްގުތަކަކުން މަޙުރޫމްވެފައިވާއިރު ކޯވިޑްގެ ސަބަބުން ދިމާވެފައިވާ ޙާލަތުގައި ބިދޭސީންނާ މެދު ހުރި ކަންބޮޑުވުންތައް ވަނީ އިތުރުވެފައެވެ. އެގޮތުން އެތަނެއްގައި ގިނަބަޔަކު ތޮށްޖެހިގެން އުޅެންޖެހިފައިވުމުގެ ސަބަބުން ވައިރަހުގެ ނުރައްކާ އެންމެ ބޮޑުވެފައިވަނީ ބިދޭސީންގެ ތެރޭގައެވެ.
އަދި މިޙާލަތުގައި ޢާމްދަނީ ހޯދުމަށް ކުރާ މަސައްކަތްތައް ހުއްޓުމަކަށް އައިސްފައިވާ މިދަނޑިވަޅުގައި އެންމެ އަސާސީ ޙައްގުތަކުގައިވާ ކާބޯތަކެތި ހޯދުމުގެ މަގުވެސް ގިނަ ބިދޭސީންނަށްވަނީ ބަންދުވެފައެވެ. މިފަދަ މީހުންނަށް އެހީވުމުގެ މަސައްކަތް މިދަނޑިވަޅުގައި އައްމިލަ ފަރާތްތަކުން އަންނަނީ ޢާއްމުނާއި ރެސްޓޯރެންޓުތަކާއި ރެޑްކްރެސެންޓާއި ގުޅިގެންކުރަމުންނެވެ.