ޚަބަރު

ސައޫދީގައި އިއުލާނުކޮށްފައިވާ ފުރަބަންދަށް ބުރާސްފަތި ދުވަހުން ފެށިގެން ލުއިތަކެއް ދެނީ


ސަޢުދީ ޢަރަބިޔާގައި މިހާރު އޮތް ފުރަބަންދުގެ ހާލަތަށް އަންނަ ބުރާސްފަތިދުވަހުން ފެށިގެން ލުއިތަކެއް ދިނުމަށް ނިންމާފައި ވާކަމަށް އެޤައުމުގެ ހެލްތު މިނިސްޓަރ ތައުފީޤް އަލް ރާބިއާ ވިދާޅުވެއްޖެއެވެ.

ސަޢުދީ ހެލްތު މިނިސްޓަރ ވިދާޅުވީ ފުރަބަންދަށް ލުއިތަކެއް ދިނުމަށް ނިންމާފައި ވަނީ ދެ ފިޔަވައްސަކަށް ބަހާލައިގެން ކަމަށެވެ. އަދި ލޮކްޑައުންއަށް ލުއި ދެމުންގެންދާނީ މިދެ ފިޔަވައްސާއިއެކު އަޅާ ފިޔަވަޅުތަކުގެ ސަބަބުން ވައިރަސް ފެތުރޭ މިންވަރާއި ރިޕޯޓުކުރާ ނިސްބަތަށް ބެލުމަށްފަހުގައި ކަމަށެވެ. އެގޮތުން ފުރަތަމަ ފޭސްގައި ކޯވިޑް ނަވާރައިގެ ސަބަބުން އެންމެ ނާޒުކު ޙާލަތުގައި ތިބޭ ބަލިމީހުންގެ ފަރުވާ ހަރުދަނާކޮށް މިހާރަށްވުރެ މިމަސައްކަތް ފުޅާކުރުމަށް ވަނީ ނިންމާފައެވެ. ދެވަނަ ފޭސްގައި ކޯވިޑް ނަވާރައަށް ޓެސްޓުކުރުން މިހާރަށްވުރެ އިތުރުކޮށް ދުރާލާ ބަލިހުރި މީހުން ދެނެގަނެވޭ ކެޕޭސިޓީ އިތުރު ކުރުމަށް ވަނީ ނިންމާފައެވެ.

ހެލްތު މިނިސްޓަރގެ ވާހަކަފުޅުގައި ވަނީ ސަޢުދީ ސަރުކާރުން ސިއްޙީ މާހިރުންގެ ލަފަ އާއި އިރުޝާދުގެ ދަށުން އެއްހާލަތުން އަނެއް ޙާލަތަށް ދިޔުމަށް އަޅަމުންދާ ސްޓްރެޓެޖިކް ފިޔަވަޅުތައް ވަނީ ފާހަގަކުރައްވާފައެވެ. އެގޮތުން އަންނަ ބުރާސްފަތިދުވަހުން ފެށިގެން ދެ ފިޔަވައްސަކަށް ބަހާލައިގެން ގެނައުމަށް ނިންމާފައިވާ ބަދަލަކީ ޢާއްމު ޙާލަތަކަށް ދިޔުމުގެ ކުރިން ރައްކާތެރިކަން އިތުރަށް ކަށަވަރުކޮށް ދެން އަންނަން އޮތް ޙާލަތަށް ޢާއްމުންނާއި ކަމާބެހޭ ފަރާތްތަކަށް ތައްޔާރުވުމަށް ކޮންމެހެން ފަރިތަވާންޖެހޭ ހަރުފަތެއްގެ ގޮތުގައި ސައުދީ ސަރުކާރުން ވިދާޅުވެއެވެ.

ސަޢުދީ ހެލްތު މިނިސްޓަރ ވިދާޅުވީ މިބަލިމަޑުކަމަށް 5 މަސްވެގެންދާއިރު މީގެ ސަބަބުން މުޅި ދުނިޔޭގެ ސިއްޙީ ނިޒާމަށްވެސް ބޮޑެތި ގޮންޖެހުންތަކާއި ކުރިމަތިވެފައިވާކަމަށެވެ. އަދި މިހާރު މުޖުތަމަޢުގައި ތިބި ގިނަބަޔަކު ކޯވިޑާއި ގުޅޭގޮތުން ހޭލުންތެރިވެފައިވާކަމަށެވެ. ހެލްތު މިނިސްޓަރ ތައުފީޤް ވިދާޅުވީ ސަޢުދީ ރައްޔިތުންވަނީ ފުރަބަންދުގަޔާއި އިޖުތިމާޢީ ގައިދުރުކަން ކަށަވަރުކުރުމުގައި ވޭތުވެދުވަސްތަކުގައި ނަމޫނާ ދައްކާފައިކަމަށެވެ.

މިއީ މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ބަލިމަޑުކަމެއްކަން ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާއިން އިއުލަންކުރުމާއެކު ރައްކަތެރިކަމުގެ ފިޔަވަޅު އެންމެ ފުރަތަމަ އެޅި އެއް ޤައުމަކީ ސައުދީޢަރަބިއްޔާއެވެ. ސަޢުދީގައި އަޅާފައިވާ ފިޔަވަޅުތަކާއެކުވެސް މިހާތަނަށް ކޯވިޑަށް ޕޮޒިޓިވް ވީމީހުންގެ ޢަދަދު އެޤައުމުގައި ވަނީ ހަތްދިހަ ހަތަރުހާހަށްވުރެ މައްޗަށް އަރާފައެވެ. މިބަލީގައި ސަޢުދީން މިހާތަނަށް ތިންސަތޭކަ ނުވަދިހަނުވަ މީހުންވަނީ މަރުވެފައެވެ.