ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި މާދަމާ ބާއްވާ ޖަލްސާ އެޗްޕީއޭއިން ކަނޑައަޅަފައިވާ ކަންކަން ފުރިހަމަކުރުމުން ބޭއްވޭނެކަން ފުލުހުން ރައްޔިތުންގެ މަޖިލީހަށް އަންގަވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް ފުލުހުންގެ ފަރާތުން ފޮނުވާފއިވާ ސިޓީގައިވަނީ ޖަލްސާތައް ތަޅުމުގައި ބޭއްވުމަށް މެންބަރުން ވަޑައިގަތުމުގެ ހުއްދައާ ގުޅޭގޮތުން އެޗްޕީއޭގެ ލަފައަކަށް ފުލުހުން އެދުމުން އެޗްޕީއޭއިން ކަނޑައަޅާ ކަންކަން ފުރިހަމަކުރުމުން މެންބަރުންނަށް ޖަލްސާއަށް ވަޑައިގަތުމުގެ ހުއްދަ ދެވޭނެކަން އެޗްޕީއޭއިން އަންގާފައިވާކަމަށެވެ.
މަޖިލީހުން ފުރިހަމަކުރުމަށް އެޗްޕީއޭއިން ލަފާދީފައިވާ ކަންކަމުގެ ތެރޭގައި ޖަލްސާކުރާ މާލަމަށް މެންބަރުން ވަދެވަޑައިގަތުމުގެ ކުރިން މެންބަރުންގެ ހުން ނުވަތަ ޓެމްޕަރޭޗަރ ބެލުމާއި، ބައްޔަށް ޝައްކުކުރެވޭ އެއްވެސް އަލާމާތެއް ހުރިނަމަ އެ މެންބަރަކު ޖަލްސާގައި ބައިވެރިނުކުރުން ހިމެނެއެވެ. އަދި މަޖިލީހުގެ މެންބަރުން ޖަލްސާއަށް މާލަށް ވަދެވަޑައިގަންނަވާއިރުއާއި ނުކުމެވަޑައިގަންނަވާއިރު ގައިދުރުކަން ބެހެއްޓުމުގެ ގޮތުން ތިންފޫޓްގެ ދުރުމިނެއް ބެހެއްޓުމަށާއި، ޖަލްސާގައި ބައިވެރިވާ ހުރިހާ އެންމެނަށް އަތް ދޮވެވޭނެ އިންތިޒާމް ހަމަޖެއްސުމާއި، އެނޫންވެސް ބައްޔަށް ހުށައެޅޭ އެންމެހާ ކަންކަމުން ދުރުވެ ތިބުމަށް އެޗްޕީއޭއިން ލަފާދީފައެވެ. އަދި ކޮންމެހެން ބާއްވަންޖެހޭ ޖަލްސާތައް މެނުވީ މަޖިލީހުގެ ތަޅުމަށް މެންބަރުންވަޑައިގެން ނުބޭއްވުމަށާއި، އެންމެ އެދެވިގެންވަނީ ވީޑިއޯ ކޮންފަރެންސް ނުވަތަ ވާރޗުއަލްކޮށް ޖަލްސާތައް ބޭއްވުންކަމަށްވެސް މަޖިލީހަށް ފުލުހުން ފޮނުވި މިސިޓީގައިވެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ބޭއްވުމަށް ނިންމެވި ޖަލްސާއަށް މެންބަރުން ވަޑައިގަތުމުގެ ހުއްދަ ފުލުހުން މިހާރުވަނީ ދޫކުރަންފަށާފައެވެ. ކޯވިޑް-19އާ ގުޅިގެން މިހާރު އިޢުލާންކޮށްފައިވާ ސިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތުގައި މަޖިލީހުގެ ޗެމްބަރުގައި ޖަލްސާ ބޭއްވުމަށް މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ނިންމެވުމުން އެކަމާ ބައެއް މެންބަރުންވަނީ ޚިޔާލުތަފާތުވުން އުފެދިފައެވެ.