ޚަބަރު

"މި ސަރަހައްދުގެ ޤައުމުތަކުގެ ތެރެއިން ރާއްޖޭގައި ކުރިއަށްގެންދިޔަ ޓެލިކިލާސްތައް ރަނގަޅު"


މި ސަރަހައްދުގެ ޤައުމުތަކުގެ ތެރެއިން ރާއްޖޭގައި ކުރިއަށްގެންދިޔަ "ޓެލިކިލާސް" ތަކަކީ ރަނގަޅަށް އިންތިޒާމްކޮށްގެން ކުރިއަށްގެންގޮސްފައިވާ ކްލާސްތަކެއްކަމަށް ޔުނިސެފުން ބުނެފިއެވެ.

ޕީއެސްއެމް ނިއުސްގެ ކޯވިޑް-19 ގެ ލައިވްކަވަރޭޖްގައި ވާހަކަދައްކަވަމުން އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޑރ.އަބްދުﷲ ރަޝީދު ވިދާޅުވީ ކޯވިޑް-19 ގެ ފުރަބަންދަށް ދިޔުމުގެ ކުރިން ކުރިއަށް ގެންދިޔަ "ޓެލިކްލާސް"ތަކުގެ މައްޗަށް ބިނާކޮށް ޔުނިސެފްގެ ރީޖަނަލް އޮފީހުން ދިރާސާއެއް ކޮށްފައިވާކަމަށެވެ. މި ދިރާސާގައި މިކްލާސްތަކަކީ ވަރަށް ރަނގަޅަށް އިންތިޒާމްކޮށްގެން ކުރިއަށްގެންދެވުނު ކްލާސްތަކެއްކަން ފާހަގަކުރައްވާފައިވާކަމަށް ސްޓޭޓް މިނިސްޓަރ ވިދާޅުވިއެވެ. އަދި ކުރީގެ ފިލާވަޅުތައް ކުރިއަށްގެންދިޔަގޮތް ޔުނިސެފުން ބަލާފައިވާކަމަށްވެސް ސްޓޭޓް މިނިސްޓަރ ވިދާޅުވިއެވެ.

"ފިލާވަޅުގެ ބައިތަކާއި، ގެންދެވުނުގޮތާ، ރަނގަޅު ކުރަންޖެހޭ ކަންކަން ފާހަގަކޮށްފައި އެބަހުރި. ކޮލިޓީ ރަނގަޅު ކުރުމަށް މަސައްކަތް ކުރަމުން މި ގެންދަނީ. މި ފީޑްބެކްތައް މުދައްރިސުންނަށް ހިއްސާކުރީމަ ރަނގަޅު ކުރަަން ޖެހޭ ކަންކަން ކިޔަދީ ރަނގަޅު ކުރެވޭނީ." ސްޓޭޓް މިނިސްޓަރ އަބްދުﷲ ރަޝީދު ވިދާޅުވިއެވެ.

ސްޓޭޓް މިނިސްޓަރ ޑރ.އަބްދުﷲ ރަޝީދު ވިދާޅުވީ މި ދިރާސާގައި ރަަނގަޅު ގިނަ ކަންތައްތަކެއް ފާހަގަކޮށްފައިވަކަމަށާއި ކުރިއަށްވެސް ރަނގަޅުކުރުމަށް ގިނަ ކަންތައްތަކެއް ހުރިކަން ފާހަގަކޮށްފައިވާކަމަށެވެ. އަދި ޓީވީ މެދުވެރިކޮށް ކިޔަވާދޭއިރު ވިސްނަންޖެހޭ ކަންކަން ހިމަނާފައިވާ ގައިޑްލައިނެއްވެސް ފޮނުވާފައިވާކަމަށް ސްޓޭޓް މިނިސްޓރަ ވިދާޅުވިއެވެ. އެގޮތުން މިގައިޑްލައިންނަށް އަހުލުވެރިކުރުމަށްޓަކައި މުދައްރސިުންނަށް ތަމްރީންތަކެއް ހިންގުމަށް މަސައްކަތް ކުރަމުންދާކަމަށްވެސް ސްޓޭޓް މިނިސްޓަރ ޑރ.އަބްދުﷲ ރަޝީދު ވިދާޅުވިއެވެ.

ކޯވިޑް-19ގެ ޙާލަތާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެގޮތުން ރާއްޖެގެ ސްކޫލްތައް ބަންދުކުރުމަށްފަހު ކިޔަވައިދެމުންއައީ އޮންލައިންކޮށް ނުވަަތަ ޓީވީ މެދުވެރިކޮށެވެ. އެހެންނަމަވެސް މާލެ ސަރަޙައްދު ފުރަބަންދު ކުރުމާ ގުޅިގެން މިކްލާސްތައްވެސް ހުއްޓާލުމަށްފަހު އަލުން މިވަނީ ފަށާފައެވެ. މިފަހަރު ކިޔަވައިދެމުން ދަނީ ސިލަބަހަށް ބަދަލުގެނެސް މުހިންމު ބައިތައް ހިމަނައިގެންނެވެ. އަދި މިފަހަރު ޓެލިކިލާސްތައް ހިންގަނީ ހުރިހާ ސްކޫލްތަކެއްވެސް ހިމަނައިގެންނެވެ.

ސްކޫލްތައް ބަންދުވެފައި އޮންނަތާ ދެމަސްވެފައިވާއިރު އެންމެ އަވަހަށްވެސް ސްކޫލްތައް ހުޅުވޭނީ އަންނަ ޖޫން މަބުގެ 14ވަނަ ދުވަހުކަމަށް ނޭޝަނަލް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ވަނީ ވިދާޅުވެފައެވެ. އަދި އަންނަ އަހަރުގެ ކިޔެވުން އަހަރުގެ މެދުތެރޭގައި ފެށުމަށްވެސް ވަނީ ނިންމާފައެވެ.