ޚަބަރު

މިއަހަރު ފިޠުރު ޒަކާތުގެ ގޮތުގައި ބޮލަކަށް ބެހީ 3800 ރުފިޔާ


މިއަހަރުގެ ފިޠުރު ޒަކާތުގެ ގޮތުގައި މާލެ ސަރަޙައްދުގައި ތިބި ފަޤީރުންގެ ބޮލަކަށް 3800 ރުފިޔާ ބަހާފައިވާކަމަށް އިސްލާމިކް މިނިސްޓަރ ޑރ.އަޙްމަދު ޒާހިރު އަލީ ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން އިސްލާމިކް މިނިސްޓަރ ވިދާޅުވީ މާލެ ސަރަޙައްދުން މިއަހަރު ފިޠުރު ޒަކާތުގެ ގޮތުގައި 6.7 މިލިޔަން ރުފިޔާ ލިބިފައިވާކަމަށެވެ. އަދި ފަޤީރުންގެ ލިސްޓުގައި ތިބި 1717 މީހުންގެ ތެރެއިން 1697 މީހަކަށް ޒަކާތް ބަހާފައިވާކަމަށެވެ. އަދި ފަޤީރުންގެ ލިސްޓުގައި ތިބި 2 މީހަކު މަރުވެފައިވާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

އެހެން އަހަރުތަކާ ޚިލާފަށް މިއަހަރުގެ ޒަކާތް އޮންލައިންކޮށް ބަލައިގަނެފައިވާއިރު ޒަކާތް ބަހާފައިވަނީވެސް އޮންލައިންކޮށެވެ.

އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒާހިރު ވިދާޅުވީ އެހެން އަހަރުތަކާ ޚިލާފަށް މިއަހަރު ޒަކާތް ދެއްކި މީހުންގެ އަދަދުވެސް ގިނަކަމަށާއި ޒަކާތުގެ ގޮތުގައި ރަމަޟާން މަހުގެ 27 ވަނަ ދުވަހު ލިބުނު ފައިސާ ބަހާފައިވަނީ ފަޤީރުންގެ ލިސްޓުގައި ތިބި މީހުންނަށްކަމަށެވެ. އަދި 28 ވަނަ ދުވަހު ލިބުނު ފައިސާ ހަވާލުކޮށްފައިވަނީ ކުޑަކުދިންގެ ހިޔާއާއި ފިޔަވައްޗާއި ގުރައިދޫގައި ހުންނަ މަރުކަޒަށްކަމަށެވެ. މީގެ ތެރޭގައި ފަޤީރުންގެ ލިސްޓުގައި ތިބި މީހުންގެ ތެރެއިން ނުގުޅުނު 18 މީހުންގެ ބޮލަކަށް ޖެހޭ ފައިސާވެސް މިތަންތަނަށް ހަވާލުކުރިކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"އެންމެ ފުރަތަމަ ހަވާލު ކުރީ ގުރައިދޫ މަރުކަޒަށް. އެތަނަށް 2 ލައްކަ ރުފިޔާ ހަދިޔާ ކުރިން. އެއި ޒަކާތުގެ ގޮތުގައި ލިބުނު 6.7 މިލިޔަން ރުފިޔާގެ ތެރެއިން ބޮލަކަށް 3800ގެ މަގުން" މިނިސްޓަރ ޑރ.އަޙްމަދު ޒާހިރު ވިދާޅުވިއެވެ.

އިސްލާމިކް މިނިސްޓަރ ވިދާޅުވީ ޒަކާތުގެ ގޮތުގައި ލިބުނު ފައިސާ ފަޤީރުންގެ ލިސްޓުގައި ތިބި މީހުންގެ އެކައުންޓްތަކަށް ޖަމާކުރުމުގެ ކުރިން އެ އެކައުންޓުތަކުގެ ވެރިފަރާތް ބެންކު މެދުވެރިކޮށް ކަށަވަރުކޮށްފައިވާކަމަށެވެ. އަދި އެކައުންޓު ނެތް ފަޤީރުންނަށްވެސް އިސްލާމިކް މިނިސްޓްރީން ޢީދުވިލޭރޭ އެ ފައިސާ ހަވާލުކުރިކަމަށެވެ. މިގޮތުން އެކައުންޓު ނެތް 76 މީހަކަށް އިސްލާމިކް މިނިސްޓްރީން ފައިސާ ހަވާލުކުރިކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މާލެ ސަރަޙައްދުގައި އޮންލައިންކޮށް ޒަކާތް ބަހާފައިވާއިރު ރާއްޖޭގެ އެކި ރަށްތަކުގައިވެސް އަމަލުކޮށްފައިވަނީ މި އުޞޫލްގެ ދަށުންނެވެ. އެގޮތުން ރަށެއްގައި ފަޤީރުންގެ ގޮޮތުގައި އެއްވެސް މީހަކު ނެތްނަމަ އެ ފައިސާ އެހެން ރަށަކަށް ހަވާލުކޮށް ޒަކާތުގެ ފައިސާ ބަހާ ޚަލާސްވަނީ ކޮށްފައެވެ.

މިއަހަރުގެ ފިޠުރު ޒަކާތް ބަހާފައިވަނީ މިދިޔަ އަހަރުގައި އެކުލަވާލާފައިވާ ފަޤީރުންގެ ލިސްޓަށެވެ. އިސްލާމިކް މިނިސްޓްރީން ވިދާޅުވީ މިވަގުތު ރާއްޖޭގައި ފަޤީރުންގެ ގޮތުގައި ތިބީ 8764 މީހުން ކަމަށެވެ. އޭގެ ތެރޭގައި މާލޭގެ ދަފްތަރުގައި 1717 މީހަކާއި އަތޮޅުތަކުން 7047 މީހުން ހިމެނެއެވެ.