ކުޅިވަރު

ޙަސަން ސާއިދަށް 350،000 ރުފިޔާ، ސަރުކާރުން ދެއްވައިފި


އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއިން ރަން މެޑަލް ހޯދި ހަސަން ސާއިދަށް ތިންލައްކަ ފަންސާސް ހާސް ރުފިޔާގެ ފައިސާގެ އިނާމެއް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ދެއްވައިފިއެވެ. ރީޔޫނިއަންއަށް ދިއުމަށްފަހު މިއަދު ރާއްޖެއައި ކޮންޓިންޖެންޓްގެ މެޑަލް ހާސިލްކުރި އެތްލީޓުންނަށް ފައިސާގެ އިނާމް ހަވާލުކުރުން އޮތީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. މިއިނާމުތައް ހަވާލްކޮށްދެއްވީ ޔޫތު މިނިސްޓަރ އަޙްމަދު ޒުހޫރުއެވެ.ސާއިދަށް 350،000 ރުފިޔާ ލިބުނީ ރަން މެޑަލަށް ދެއްވާ 250،000 ރުފިޔާއާއި، ރިހި މެޑަލަށް ދެއްވާ 100،000 ރުފިޔާގެ ފައިސާގެ އިނާމާއެކުއެވެ.މިއިނާމްތަކުގެ ތެރެއިން އިންޑިވިޖުއަލް އިވެންޓްތަކުން ލޯ މެޑަލް ހޯދި އެތްލީޓުންނަށް 20،000 ރުފިޔާ ސަރުކާރުން ދެއްވާފައިވެއެވެ. އަދި ޓީމް އިވެންޓްތަކުން ރަން މެޑަލް ހޯދި ޓީމްތަކުގެ ކޮންމެ ކުޅުންތެރިއަކަށް 35،000 ރުފިޔާ ސަރުކާރުންވަނީ ދެއްވާފައެވެ. މީގެ އިތުރުން ޓީމް އިވެންޓްތަކުން ރިހި މެޑަލް ހޯދި ޓީމްތަކުގެ ކޮންމެ ކުޅުންތެރިއަކަށް 25،000 ރުފިޔާ އާއި، ލޯމެޑަލް ހޯދި ޓީމްތަކުގެ ކޮންމެ ކުޅުންތެރިއަކަށް 15،000 ރުފިޔާވެސް ސަރުކާރުންވަނީ ދެއްވާފައެވެ.މިއީ ކުޅިވަރުގެ ބައިނަލްއަޤްވާމީ މުބާރާތްތަކުން ވަނަ ހޯދާ ކުޅުންތެރިންނަށާއި ޓީމުތަކަށް ސަރުކާރުންދެއްވާ ފައިސާގެ އިނާމެކެވެ. ރީޔޫނިއަންނައަށް ފުރުމުގެ ކުރިން ރާއްޖޭގެ ކޮންޓިންޖެންޓާ ބައްދަލުކުރައްވާ ރައީސުލްޖުމްހޫރިއްޔާވަނީ ކާމިޔަބު ހޯދައިފިނަމަ ބޯނަސް ދެއްވާނެ ކަމަށް ވިދާޅުވެފައެވެ. މިގޭމްސްއިން ރާއްޖެއަށް ޖުމްލަ 8 މެޑަލްވަނީ ލިބިފައެވެ.