ޚަބަރު

ދަރިވަރުންގެ މިއަހަރުގެ ކޯސްފީން %20 އުނިކުރަން އިސްލާމީ ޔުނިވަރސިޓީން ނިންމައިފި


ކޯވިޑް-19 ގެ ހާލަތާއި ގުޅިގެން ދަރިވަރުންނަށް ވީހާވެސް ލުއިގޮތްތަކެއް ހަދައިދިނުމުގެ ގޮތުން އިސްލާމީ ޔުނިވަރސިޓީގައި ތައުލީމު ހާސިލްކުރާ ދަރިވަރުންގެ މި އަހަރުގެ ފީ އިން 20 އިންސައްތަ އުނިކުރުމަށް އެޔުނިވަރސިޓީން ނިންމަވައިފިއެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ޑެޕިއުޓީ ވައިސް ޗާންސެލަރ ޑރ. ޞައުދުﷲ ޢަލީ ވިދާޅުވީ ކޯވިޑް-19 އާއި ގުޅިގެން މާލެ ފުރަބަންދުކުރުމާއި ދަރިވަރުންނަށް ދިމާވާ މާލީ ދަތިތަކާއި ގުޅިގެން ލުޔެއްދިނުމުގެ ގޮތުން މިއަހަރުގެ ފީކުޑަކޮށްދޭން ޔުނިވަރސިޓީގެ ކައުންސިލުން ނިންމައި އެކަން މިހާރު ދަރިވަރުންނަށް އަންގާފައިވާކަމަށެވެ.

"އޮންލައިންކޮށް ކިޔަވަން ޖެހުނީމަ ދަރިވަރުން އިްނޓަނެޓަށްކުރާ ޚަރަދު ކުޑަކުރުމާއި އަދި ލޮކްޑައުްނގެ ހާލަތައް އައުމުން އިޤްތިސާދީގޮތުން ދިމާވާ ކަންކަން ހައްލުކުރުމައްޓަކައި މިއަހަރު ދަރިވަރުން ކޯހަށް ދައްކަންޖެހޭ ފީން %20 އުނިކުރަން މިވަނީ ނިންމާފައި" ޑރ. ޞައުދުﷲ ޢަލީ ވިދާޅުވިއެވެ.

ޑރ. ޞައުދުﷲ ޢަލީ ވިދާޅުވީ އޮންލައިންކޮށް ކިޔަވައިދޭން ފަށާތީ ދަރިވަރުކުރަންޖެހޭ ޚާރަދުތައް ވީހާވެސް ކުޑަކުރުމަށް އިންޓަރނެޓްގެ ޚިދުމަތްދޭ މައިގަނޑު ދެފަރާތާއެކު މަޝްވަރާކޮށް ކޮންމެ ދަރިވަރަކަށް 5 ޖީބީގެ އިންޑަރނެޓް ހިލޭ ދިނުމާއި، ކަނެކްޝަން ހުންނަ ގޭގެއިން ހިލޭ މޫޑުލްއަށް ވަދެވޭގޮތަށް ހަދާފައިވާކަމަށެވެ.

ކޯވިޑް-19 އާއި ގުޅިގެން ޚާއްސަ ޕްލޭނަތަކެއް ހަދައި އޮންލައިންކޮށް ކިޔަވައިދިނުމުގެ ކަންކަން ފެށުފަހުން މާލެ ފުރަބަންދުކުރުމާއި ގުޅިގެން އޮންލައިންކޮށް ކިޔަވައިދިނުންވެސް ހުއްޓާލާފައިވާކަމަށާއި މިމަހުގެ 28 ވަނަ ދުވަހުން ފެށިގެން އަނެއްކާވެސް އޮންލައިންކޮށް ކިޔަވައިދޭން ފަށާނެކަމަށް އައިޔޫއެމުން މައުލޫމާތުދެއްވިއެވެ.

މިއާއެކު އެޔުނިވަރސިޓީން މަސައްކަތް ކުރަމުންދަނީ މިހާރު ކުރިއަށްދާ މިއަހަރުގެ ފުރަތަމަ ސެމިސްޓަރގެ ކިޔެވުން ޖުލައިމަހުގެ ނިޔަލަށް އެއްކޮށް ނިންމާލުމަށެވެ.