ޚަބަރު

ކޯވިޑް-19 : ރަނގަޅުވި މީހުންގެ އަދަދު 127 އަށް

ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން އިތުރު 18 މީހަކު ބަލިން ރަނގަޅުވެއްޖެއެވެ. މިއާއެކު ރާއްޖެއިން މި ބަލިން ރަނގަޅުވި މީހުންގެ ޢަދަދު ވަނީ 127އަށް އިތުރުވެފައެވެ.

ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުންވިދާޅުވީ އިއްޔެ 5 މީހަކު މި ބަލިން ރަނގަޅުވި ކަމަށާއި އަދި މިއަދު 18 މީހަކު ރަނގަޅުވެފައިވާކަމަށެވެ.

ކޯވިޑް-19އަށް ޕޮޒިޓިވްވި 1313 މީހުންގެ ތެރެއިން މިވަގުތު ފަރުވާދެމުންދަނީ 1164 މީހުންނަށެވެ. ރާއްޖޭގައި ބަލިން ރަނގަޅުވާ މުއްދަތު ނިސްބަތުން ދިގުކަމަށް ޑޮކްޓަރުންވަނީ ކުރިން ވިދާޅުވެފައެވެ. ނަމަވެސް މިހަފްތާ ތެރޭގައި ބަލިން ރަނގަޅުވާ މީހުންގެ ޢަދަދު އިތުރުވާނެކަމަށްވެސް ޑޮކްޓަރުންވަނީ ލަފާކުރައްވާފައެވެ.

ކޯވިޑް-19އިން ރަނގަޅުވިކަމަށް ޑޮކްޓަރުން ނިންމަނީ ޢަލާމާތްތައް ރަނގަޅުވެ ދެފަހަރަށް ޓެސްޓްކޮށް ނަތީޖާ ނެގެޓިވްވުމުންނެވެ.