ޚަބަރު

ސާނަވީ އިމްތިހާނު އަންނަ އަހަރުގެ މެއި/ޖޫންގައި - ދިރާސީ އަހަރު ދެން ފަށާނީ އަހަރުގެ މެދުތެރޭގައި


ޖީސީއީ އޯލެވެލް އިމްތިހާން އަންނަ އަހަރުގެ މެއި/ޖޫން ގައި ބޭއްވުމަށް އެޑިއުކޭޝަން މިނިސްޓްރީން ނިންމަވައިފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިރޭ ޢާންމުކުރި ބަޔާންުގައި ވިދާޅުވެފައިވަނީ މިއަހަރުގެ އޮކްޓޯބަރު/ނޮވެންބަރު ގައި ބޭއްވުމަށް ކުރިން ތާވަލުކުރި ސާނަވީ ނިންމާ އިމްތިޙާނުތައް އަންނަ އަހަރުގެ މެއި/ޖޫންގައި ބޭއްވުމަށް ނިންމަވާފައިވާކަމަށެވެ. އަދި މިބަދަލާއި އެކު އަލް މަދްރަސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާގެ ދަރިވަރުން ހަދާ ޝަހާދާ ސާނަވިއްޔާ އިމްތިހާންތައްވެސް މިއަހަރު ނޯންނާނެކަމަށާއި، ދެން އެ އިމްތިހާންތައްވެސް އޮންނާނީ އަންނަ އަހަރުގެ މޭ/ޖޫން ގައި ކަމަށް އެޑިއުކޭޗަން މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.

އެހެންކަމުން މިހާރު ގްރޭޑް 10 ގައި ކިޔަވާދަރިވަރުންނާއި އަލް މަދްރަސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާގެ މިއަހަރު ޝަހާދަސާނަވިއްޔާ ހަދަން ހަމަޖެހިފައިވާ ދަރިވަރުން އަންނަ އަހަރުގެ މޭ/ޖޫން އިމްތިޙާނުތައް ނިމެންދެން އެ ދަރިވަރަކު މިހާރު ކިޔަވަމުންދާ ސްކޫލެއްގެ ދަރިވަރެއްގެ ގޮތުގައި ދެމިތިބޭނެކަމަށްވެސް އެޑިއުކޭޝަން މިނިސްޓްރީގެ ބަޔާނުގައިވެއެވެ.

މީގެ އިތުރުން މިބަދަލުގެ ސަބަބުން ސްކޫލްތަކަށް ދިމާވާނެ ޖާގައިގެ ދަތިކަމުންނާއި، މުދައްރިސުންނާއި އެހެނިހެން ވަޞީލަތްތަކުގެ ދަތިކަމުން އަރައިގަތުމަށް އަންނަ އަހަރުގެ ދިރާސީ އަހަރު، އަހަރުގެ މެދުތެރޭ ފެށުމަށް ސޯޝަލް ކައުންސިލްގެ ލަފަޔާއެކު މިހާރު ނިންމާފައިވާކަމަށްވެސް މި ބަޔާނުގައިވެއެވެ. އަދި މި ބަދަލު ދާއިމީ ބަދަލަކަށް ހަދަން ފެނޭތޯ ކަމާގުޅުންހުރި ފަރާތްތަކުގެ ޚިޔާލު ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށާއި، މިމަޝްވަރާތަކަށްފަހު އެކަޑަމިކް ކަލަންޑަރަށްގެނެވޭ ބަދަލުތައް ވަރަށް އަވަހަށް ހާމަކުރައްވާނެކަމަށްވެސް އެޑިއުކޭޝަން މިނިސްޓްރީގެ ބަޔާނުގައިވެއެވެ.

މޭއި ޖޫންގައި އޮންނަ ކެމްބްރިޖް އިމްތިޙާނުގައި ރާއްޖޭގެ ފަނަރަސަތޭކަ ނަވާވީސް ކުދިން މިއަހަރު އިށީންނާނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން މަޢުލޫމާތުދެއެވެ. މި އިމްތިޙާނުގައި ރާއްޖެއިން ބައިވެރިވާ ކުދިންގެ ޢަދަދު މަދުވިނަމަވެސް ރާއްޖޭގެ ދަރިވަރުންގެ އާބާދީގެ ބޮޑު ބައެއް ކޮންމެ އަހަރެއްގެވެސް ކެމްބްރިޖްގެ އޮކްޓޯބަރ ނޮވެމްބަރގައި އޮންނަ އިމްތިޙާނުގައި ބައިވެރިވެއެވެ. އެހެންކަމުން ކޯވިޑް ނަވާރައާއި ގުޅިގެން އަންނަ މި ބަދަލާއެކު ތައުލީމީ ދާއިރާއަށް ބޮޑު ބަދަލެއް އަންނާނެއެވެ. އަދި މިއީ މުޅި ދުނިޔޭގެ ތަޢުލީމީ ދާއިރާއަށްވެސް އަންނާނެ ބޮޑު ބަދަލެކެވެ.