ޚަބަރު

އެންމެ ހަލުވިކަމާއެކު ކޯވިޑް-19 ފެތުރޭ ސަރަޙައްދަކީ ދެކުނު އެމެރިކާ، އެފްރިކާގެ ޙާލަތު ރަނގަޅު: ޑަބްލިއުއެޗުއޯ

އެންމެ ހަލުވިކަމާއެކު ކޯވިޑް-19 ފެތުރޭ ސަރަޙައްދަކީ ދެކުނު އެމެރިކާކަމަށާއި އެ ސަރަޙައްދުގެ ޤައުމުތަކުގެ ތެރެއިން އެންމެ ބޮޑަށް ޙާލަތު ގޯސްވެފައިވަނީ ބްރެޒިލުގައިކަމަށް ދުނިޔޭގެ ޞިއްޙަތު ޖަމްއިއްޔާ، ޑަބްލިއުއެޗުއޯއިން ބުނެފިއެވެ. ބްރެޒިލްގައި ކޯވިޑް-19 ޖެހިފައިވާ މީހުންގެ ޢަދަދުވަނީ 332،382އަށް އިތުރުވެފައެވެ. އަދި އެ ބަލީގައި މަރުވި މީހުންގެ ޢަދަދުވަނީ 21،100އަށްވުރެ އިތުރުވެފައެވެ.

ޑަބްލިއުއެޗުއޯގެ ކުއްލި ޙާލަތާބެހޭ ޑިރެކްޓަރު ޑރ. މައިކް ރަޔާން ވިދާޅުވީ ދުނިޔޭގެ ސަރަޙައްދުތަކުގެ ތެރެއިން ކޯވިޑް-19ގެ ސަބަބުން ކުރިމަތިވެފައިވާ ޙާލަތު އެންމެ ގޯހީ ދެކުނު އެމެރިކާގައިކަމަށެވެ. މައިކް ރަޔާން ވިދާޅުވީ މެލޭރިއާއަށް ފަރުވާ ދިނުމަށް ބޭނުންކުރާ ހައިޑްރޮކްސީކޮލޮރޮކީން ކޯވިޑް-19އަށް ފަރުވާދިނުމަށް ބޭނުންނުކުރަން ޞިއްޙީ މާހިރުން ލަފާދެމުން ދަނިކޮށް ބްރެޒިލްގެ ރަސްމީ އިދާރާތަކުން އެ ބޭސް ބޭނުންކުރުމުގެ ހުއްދަ ދީފައިވާކަމަށެވެ. އެ ބޭސް ބޭނުންކޮށްގެން ކޯވިޑް-19އަށް އެދެވޭ ފަރުވާއެއް ދެވޭނެކަމުގެ އެއްވެސް ހެއްކެއް މިހާތަނަށް ލިބިފައިނުވާކަމަށާއި ބޭސް ބޭނުންކުރުމުން ލިބޭ ގެއްލުންތައް ބޮޑުކަމަށް އޭނާ ވިދާޅުވިއެވެ.

ޑަބްލިއުއެޗުއޯއިން ބުނީ އެފްރިކާގެ ހުރިހާ ޤައުމަކަށް ކޯވިޑް-19 ފޯރާފައިވާކަމަށާއި އެ ސަރަޙައްދުގައި ބަލިޖެހިފައިވާ މީހުންގެ ޢަދަދު 100،000އަށްވުރެ އިތުރުވެފައިވާކަމަށެވެ. ނަމަވެސް އެ ޤައުމުގައި ބަލިޖެހުނު މީހުންގެ ޢަދަދާ އަޅާބަލައިއިރު ބަލީގައި މަރުވާ މީހުންގެ ޢަދަދު ނިސްބަތުން ދަށްކަމަށް އެ އިދާރާއިންވަނީ ފާހަގަކޮށްފައެވެ. ކޯވިޑް-19ގެ ސަބަބުން އެފްރިކާ ސަރަޙައްދުގައި މިހާތަނަށް މަރުވެފައިވަނީ 3،100 މީހުންނެވެ. ރަޔާން ވިދާޅުވީ އެފްރިކާގައި ކޯވިޑް-19 ޖެހިގެން މީހުން މަރުވާ ޢަދަދު ދަށްވުމުގެ ސަބަބަކަށް އާބާދީގެ ދެބައި ކުޅަ އެއްބަޔަކީ 18 އަހަރުން ދަށުގެ ކުޑަކުދިން ކަމަށްވުން އެކަށީގެންވާކަމަށެވެ. ނަމަވެސް އެފްރިކާގެ ހުރިހާ ޤައުމެއްގައި ލިބެންހުރި ޞިއްޙީ ވަޞީލަތްތައް ތަފާތުވުމުގެ ސަބަބުން އެ ސަރަޙައްދުގައި ބަލި އިތުރަށް ފެތުރުމުގެ ބިރު އެބައޮތްކަމަށް އޭނާ ވިދާޅުވިއެވެ.

ޑަބްލިއުއެޗުއޯގެ އެފްރިކާ ސަރަޙައްދުގެ ޑިރެކްޓަރު ޑރ. މަޗިޑިސޯ މޯޓީ ވިދާޅުވީ އެފްރިކާގެ ޙާލަތު ރަނގަޅު ނަމަވެސް ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމުގައި ފަރުވާކުޑަކޮށްގެން ނުވާނެކަމަށެވެ. އަދި އެ ސަރަޙައްދުގެ ޞިއްޙީ ނިޒާމު އެހާ ވަރުގަދަ ނޫންކަމަށާއި ބަލިޖެހޭ މީހުންގެ މިންވަރު ކުއްލިއަކަށް އިތުރުވެއްޖެނަމަ ޞިއްޙީ ނިޒާމަށް ހިފަހައްޓާނުލެވޭނެކަމަށް އޭނާ ވިދާޅުވިއެވެ.