ވިޔަފާރި

ސޮވަރިން ޑިވެލޮޕްމަންޓް ފަންޑުގައި 190 މިލިއަން ޑޮލަރު އެބަހުރި - ފިނޭންސް މިނިސްޓަރ


ސޮވަރިން ޑިވެލޮޕްމަންޓް ފަންޑުގައި މިހާރު 190 މިލިއަން ޑޮލަރު އެބަހުރިކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން ފިނޭންސް މިނިސްޓަރ އަމީރު ވިދާޅުވީ، މި ސަރުކާރު ވެރިކަމާއި ހަވާލުވިއިރު ސޮވަރިން ޑިވެލޮޕްމްންޓް ފަންޑުގައި ހުރީ 98 މިލިއަން ޑޮލަރު ކަމަށެވެ. ނަމަވެސް މިހާރު މި ފަންޑުގައި ގާތްގަނޑަކަށް 190 މިލިއަން ޑޮލަރު ހުންނާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މި ސަރުކާރު ވެރިކަމާއި ހަވާލުވިފަހުން މި ފަންޑަށް ބަޖެޓްގެ ތެރެއިންވެސް ފައިސާ ޖަމާކުރަމުން އައިސްފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

"ސޮވަރިން ޑިވެލޮޕްމަންޓް ފަންޑުގައި އަޅުގަނޑުމެން ސަރުކާރާއި ހަވާލުވިއިރު ގާތްގަނޑަކަށް 98 މިލިއަން ޑޮލަރު ހުރި. އެ ފަންޑުން އެއިރުވެސް އެކިއެކި ކަންކަމަށް އިންވެސްޓްކުރަމުންއައީ. މިހާރު ސޮވަރިން ޑިވެލޮޕްމަންޓް ފަންޑުގައި ގާތްގަނޑަކަށް 190 މިލިއަން ޑޮލަރު ހުންނާނެ. އަޅުގަނޑުމެން ސަރުކާރާއި ހަވާލުވި ފަހުން ބަޖެޓްގެ ތެރެއިންވެސް މި ފަންޑަށް ފައިސާ ޖަމާކުރަމުން އައީ. އެއީ 2022 ވަނަ އަހަރަށް ދާންވާއިރަށް އަޅުގަނޑުމެންގެ ބޮންޑަށް ފައިސާ ދެއްކޭވަރަށް އިންވެސްޓްކުރެވެމުންދަނީ." މިނިސްޓަރ އަމީރު ވިދާޅުވިއެވެ.

2022 ވަނަ އަހަރު މެޗުއަރވާ 250 މިލިއަން ޑޮލަރުގެ ބޮންޑަކާއި، 2023 ވަނަ އަހަރު މެޗުއަރވާ 100 މިލިއަން ޑޮލަރުގެ ޕްރައިވެޓް ޕްލޭސްޓް ބޮންޑެއް އޮތްތަން މިނިސްޓަރ އަމީރު ވަނީ ވިދާޅުވެފައެވެ. ނަމަވެސް 2023 ވަނަ އަހަރު މެޗުއަރވާ ބޮންޑު އިތުރު 3 އަހަރަށް އިތުރުކޮށްފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެހެންކަމުން މި ބޮންޑުގެ މުއްދަތު ހަމަވާނީ 2026 ވަނަ އަހަރުއެވެ.

ސޮވަރިން ފަންޑަކީ ކުއްލި ހާލަތުގައި ކުރިމަތިވެދާނެ ކަމަކަށްޓަކައި އަދި ތަރައްގީގެ ތަފާތު މަޝްރޫއުތައް ހިންގަން ނަގާ ބޮޑެތި ލޯނުތައް އަނބުރާ ދެއްކުމާއި އިގުތިސާދަށް އައިސްދާނެ ލޮޅުމަކުން ލިބޭ ގެއްލުން ފޫބެއްދުމަށް ބޭނުން ކުރަން، އުފެއްދި ފަންޑެކެވެ. މިއީ ސެންޓްރަލް ބޭންކް، އެމްއެމްއޭގެ ރިޒާވްއާ މުޅިން ތަފާތު ފަންޑެކެވެ.