ޚަބަރު

ދެ ބިލަކަށް ޢާންމުންގެ ޚިޔާލުހޯދަން މަޖިލީހުން ހުޅުވާލައިފި


މުދާ ގަންނަ ފަރާތްތަކާއި ޚިދުމަތް ލިބިގަންނަ ފަރާތްތައް ޙިމާޔަތް ކުރުމުގެ ބިލާއި، ވިޔަފާރީގެ ދާއިރާގައި ވާދަވެރިކަން އުފައްދައި ދެމެހެއްޓުމުގެ ބިލަށް ޢާންމުންގެ ޚިޔާލު ހޯދުމަށް ރައްޔިތުންގެ މަޖިލީހުން ހުޅުވާލައިފިއެވެ.

މި 2 ބިލަކީވެސް ރައްޔިތުންގެ މަޖިލީހުގެ އިޤްތިޞާދީ ކޮމިޓީގައި ދިރާސާކުރައްވަމުން ގެންދަވާ ބިލްތަކެެވެ. "ވިޔަފާރީގެ ދާއިރާގައި ވާދަވެރިކަން އުފައްދައި ދެމެހެއްޓުމުގެ ބިލް" އަދި "މުދާ ގަންނަ ފަރާތްތަކާއި ޚިދުމަތް ލިބިގަންނަ ފަރާތްތައް ހިމާޔަތް ކުރުމުގެ ބިލް" އަށް ޢާންމުންގެ ޚިޔާލު ހޯދުމަށް މިއަދުން ފެށިގެން ހުޅުވާލާފައިވެއެވެ. މި ދެބިލަށް އެއްވެސް ފަރާތެއްގެ ޚިޔާލެއް ނުވަތަ ކޮމެންޓެއް އޮތްނަމަ އަންނަ ޖޫން މަހުގެ 7 ވާ އާދީއްތަ ދުވަހުގެ 12:00 ގެ ކުރިން ކޮމިޓީގެ މެއިލް އެޑްރެސް [email protected] އަށް ނުވަތަ ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ލިޔުމުން ފޮނުއްވައި ދެއްވުމަށް މަޖިލީހުގެ އިދާރާއިންވަނީ އިއުލާންކޮށްފައެވެ.

ސަރުކާރުގެ ފަރާތުން ކުޅުދުއްފުށި ދެކުނު ދާއިރާގެ މެންބަރު ޖަމްޝީދު މުޙައްމަދު ހުށަހަޅުއްވާފައިވާ މުދާ ގަންނަ ފަރާތްތަކާއި ޚިދުމަތް ލިބިގަންނަ ފަރާތްތައް ހިމާޔަތް ކުރުމުގެ ބިލުގެ ބޭނުންމަކީ މުދާ ގަންނަ ފަރާތްތަކާއި ހިދުމަތް ލިބިގަންނަ ފަރާތްތަކުގެ ހައްގުތައް ކަނޑައެޅުމާއި ވިއްކާ މުދަލެއްގައި ނުވަތަ ދެވޭ ހިދުމަތެއްގައި ހުންނަންޖެހޭ ޝަރުތުތައް ކަނޑައެޅުމާއި މުދާ ވިއްކާ ފަރާތްތަކާއި ހިދުމަތްދޭ ފަރާތްތަކުން އަމަލު ކުރަންޖެހޭ އުސޫލުތައް ބަޔާންކުރުމެވެ.

އަދި ސަރުކާރުގެ ފަރާތުން، މަކުނުދޫ ދާއިރާގެ މެންބަރު މުޙައްމަދު ރާޢީ ހުށަހަޅުއްވާފައިވާ، ވިޔަފާރީގެ ދާއިރާގައި ވާދަވެރިކަން އުފައްދައި ދެމެހެއްޓުމުގެ ބިލުގެ ބޭނުމަކީ ވިޔަފާރި ތަކުގެ މެދުގައި ވާދަވެރިކަން ހަނިވާ ގޮތަށް ހިންގާ ވިޔަފާރީގެ އަމަަލުތަކުގެ ސަބަބުން ގައުމުގެ އިގްތިސާދީ ކުރިއެރުމަށް ނޭދެވޭ އަސަރު ކުރުން ހުއްޓުވުމެވެ.