ޚަބަރު

24 ކިލޯގެ މަސްތުވާތަކެތި އެތެރެކުރި ކަމަށް އެކަކު އެއްބަސްވެއްޖެ


މިދިޔަ އަހަރުގެ ކުރީކޮޅު ރާއްޖެއަށް 24 ކިލޯގެ މަސްތުވާތަކެތި އެތެރެކުރިކަމަށް ތުހުމަތުކުރެވޭ ދެމީހުންގެ
މައްސަލާގައި ދެ ފުލުހަކު ހެކިބަސް ދީފިއެވެ.



ހެކިބަސްދިން ފުލުހުންގެ އެކަކުބުނެފައިވަނީ
މަސްތުވާތަކެތި އެތެރެކުރިކަމަށް ތުހުމަތުކުރެވޭ އެކަކު އެމީހުން އެ މަސްތުވާތަކެތި
އެތެރެކުރި ބޭނުންކިޔައިދީފައިވާކަމަށެވެ.



ހޮރުމޯޒު ނަމަކަށްކިޔާ އިރާނުގެ
ބޯޓަކުން ގެނައި ޑީންގީއެއްގެ ތެރޭގައި ރައްކާކޮށްގެން ރާއްޖެއަށް 24 ކިލޯގެ މަސްތުވާތަކެތި
އެތެރެކުރި މައްސަލާގައި ދައުލަތުން ދައުވާކުރަނީ ހ.އެވަރޕީސް އަބްދުﷲ ސޮއްފަތާއި
ގ.ޓްރަސްޓްހޯމް އިސްމާއިލް މޫސާގެ މައްޗަށެވެ.



މި މައްސަލާގައި ހިމެނޭ އަބްދުﷲ
ސައްފަތާއި ދެކޮޅަށް ކޯޓްގައި ހެކިބަސްދީފައިވަނީ އެމީހުން ގެނައިކަމަށް ބުނާ
މަސްތުވާތަކެތި އަތުލައިގަތުމަށް ހިންގި ހާއްސަ އޮޕާރޭޝަންގައި ހަރަކާތެރިވި ދެ
ފުލުހެކެވެ. އެމީޙުން ބުނީ ހުޅުމާލޭ ޖެޓީމަތިން ފުލުހުންގެ ބެލުމުގެ ދަށަށް
ސޮއްފަތު ގެންގޮސް ސުވާލްކުރުމުން ގިނަ އަދަދަކަށް މަސްތުވާތަކެތި އެތެރެކުރިކަމަށް
ބުނެ އެއްބަސްވެފައިވާކަމަށެވެ. އަދި އެ ޑިންގީއަކީ މަހަށް ގޮސްއުޅެނިކޮށް
ކަނޑުމަތިން ހޮވި އެއްޗެއްކަމަށް ސޮއްފަތު ބުނިކަމަށާއި އެހެންމަވެސް މި
މައްސަލާގައި ހިމެނޭ އިސްމާއިލް މޫސާގެ ހާޒިރުގައި ސުވާލްކުރުމުން ޑިންގީ އަކީ
އެމީޙުންގެ ގެނައި އެއްޗެއްކަމަށް 
އެއްބަސްވެފައިނުވާކަމަށްވެސް ހެކިބަސްދިން ފުލުހުން ބުނެފައިވެއެވެ.



މި މައްސަލާގައި އިއްޔެއާއި ރޭ ބޭއްވި
ޝަރީއަތުގައި 6 މީހެއްގެ ހެކިބަސް ނަގާފައިވާއިރު އިއްޔެގެ އަޑުއެހުން
ގާތްގަޑަކަށް 6 ގަޑިއިރަށްވުރެ ގިނައިރަށް ދެމިގެންގޮސްފައިވެއެވެ.



އިއްޔެ ގިނަ ބައެއްގެ ހެކިބަސް ނަގަން
ކޯޓުން ތާވަލްކޮށްފައި އޮތްނަމަވެސް ޝަރީއަތް ދިގުދެމިގެންދިޔުމުން 6 މީހެއްގެ
ހެކިބަސްނެގުމަށްފަހު ބާކީ ތިބި މީހުން ހެކިބަސް ފަހުން ނަގަން ކޯޓުން
ނިންމާފައިވެއެވެ.



މިދިޔަ އަހަރުގެ މާރޗްމަހުގެ ތެރޭގައި
ރާއްޖެއަށް ސައްވިސް ކިލޯގެ މަސްތުވާތަކެތި އެތެރެކުރި މީހުން ފުލުހުން  އަތުލައިގެންފައިވަނީ ކަނޑުމަތީގައި ހިންގި
ހާއްސަ އޮޕަރޭޝަނެއްގައެވެ.