ޚަބަރު

ޕެންޝަން ފަންޑުން ކުރި އިންވެސްޓްމަންޓްތަކަށް 3.9 ބިލިއަން ރުފިޔާ


ޕެންޝަން ފަންޑުގައިހުރި ފައިސާއިން އިންވެސްޓްކޮށްގެން މިހާތަނަށް 3.9 ބިލިއަން ރުފިޔާ ލިބިފައިވާކަމަށް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުން ހާމަކުރައްވައިފިއެވެ.

ނޭޝަނަލް އެމެޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ޕްރެސްކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުން ޕެންޝަން އޮފީހުގެ އެކްޓިންގ ސީއީއޯ ފާޠިމަތު ސުޖާތާ ޙަލީމް ވިދާޅުވީ، 2009 ވަނަ އަހަރުން ފެށިގެން 2019 ވަނަ އަހަރާއި ހަމައަށް ޕެންޝަން ފަންޑްގައި ހުރި ފައިސާ އިންވެސްޓްކޮށްގެން 3.9 ބިލިއަން ރުފިޔާ ލިބިފައިވާކަމަށެވެ.

ޕެންޝަން އޮފީހުން މި ފައިސާ އިންވެސްޓްކޮށްފައިވަނީ ޓީބިލާއި، ޓީބޮންޑާއި، އިކުއިޓީ އާއި ބޭންކް ޑިޕޮޒިޓްގެ އިތުރުން ސުކޫކް އަދި ކޯޕަރޭޓް ބޮންޑު ގަތުމަށެވެ.

2010 ވަނަ އަހަރު އުފަންވި ޕެންޝަން ޤާނޫނުގެ ދަށުން ދައުލަތުގެ ހުރިހާ މުވައްޒަފުން ޕެންޝަން ފަންޑަށް ފައިސާ ޖަމާކުރަންޖެހޭއިރު، 2011 ވަނަ އަހަރު އަމިއްލަ ވަޒީފާ އަދާކުރާ ފަރާތްތަކުންވެސް ފައިސާ ޖަމާކުރަންޖެހެއެވެ.

ސުޖާތާ ވިދާޅުވީ، އަމިއްލަ ފަރުދުންގެ ތެރެއިން ދިހަ ހާސް ރުފިޔާއިން ދަށުގައި އެކައުންޓް ބެލެލެންސް ހުރީ 19 އިންސައްތަ މީހުންގެ ކަމަށެވެ. އަދި 450،000 ރުފިޔާއިން މަތީގެ ފައިސާ ހުރީ އެންމެ 2 އިންސައްތަ މީހުންގެކަމަށެވެ.

ދިވެހިރާއްޖޭގައި ޕެންޝަނާބެހޭ ގާނޫނު ވުޖޫދުވެގެން އައިސްފައިވަނީ 2009 ވަނަ އަހަރުއެވެ. މިގާނޫނު ވުޖޫދުވެ، 2011 ވަނަ އަހަރު ޕެންޝަން އޮފީސް އުފެދި، ޕެންޝަނާއި ބެހޭ ފުރިހަމަ ނިޒާމެއް ރާއްޖޭގައި ގާއިމްވެގެން އައީ ވާލްޑް ބޭންކުގެ މާލީ އެހީތެރިކަމާއި އެކު 5 އަހަރު ދުވަހުގެ މުއްދަތަށް ރާއްޖޭގައި ހިންގުނު މޯލްޑިވްސް ރިޓަޔަރމަންޓް ޕެންޝަން އެޑްމިނިސްޓްރޭޝަން ޕްރޮޖެކްޓުގެ އެހީތެރިކަމާއެކުއެވެ. ޕެންޝަން އޮފީސް ވުޖޫދުވެ، ރިޓަޔަރމަންޓް ޕެންޝަން ސްކީމު އުފެދި ހިގައިގަންނަށް ފެށުމާއިއެކު، ޕެންޝަންގެ ނަމުގައި ދައުލަތުން ދެމުން އައި އިނާޔަތްތައް އެއްކުޑައެއްގެ ދަށަށް ގެނައުމަށްޓަކާ، ޕެންޝަންގެ އިނާޔަތުގެ ނަމުގައި އޭގެކުރިން ދައުލަތުން ދެމުން އައި ގިނަ މާލީ އިނާޔަތްތައް ދިނުން ދައުލަތުން ވަނީ ހުއްޓުމަކަށް ގެނެސްފައެވެ.

ދިވެހި ރާއްޖޭގައި އެކަށައެޅިފަ އޮތް ޕެންޝަން ސްކީމުން ރިޓަޔަރމަންޓް ޕެންޝަން ފޯރުކޮށްދިނުމަށް ހަމަޖެހިފައިވަނީ އުމުރުން 65 އަހަރު ވުމަށްފަހުއެވެ. އެހެންނަމަވެސް، އުމުރުން 65 އަހަރު ވުމުގެ ކުރިންވެސް މި ސްކީމުން ޒަރޫރީ ބައެއް ހާލަތްތަކުގައި މިހާރުވެސް ފައިސާ ނެގޭނެ ބައެއް އުސޫލުތައް ހަމަޖެހިފައިވެއެވެ. މިގޮތުން ޕެންޝަނާ ބެހޭ ގާނޫނުގައި ވާގޮތުގެ މަތިން އެމީހެއްގެ ޕެންޝަން އެކައުންޓަށް، ކަނޑައެޅިފައިވާ ވަކިއަދަދަކަށް ފައިސާ ޖަމާ ކުރެވިފައިވާނަމަ އުމުރުން 55 އަހަރު ވުމަށްފަހު ޕެންޝަން ފަންޑުން ފައިސާ ނެގުމަށް ޕެންޝަން ފަންޑުގެ ބައިވެރިންނަށް އެދެވިދާނެއެވެ.