ޚަބަރު

ކޯވިޑް-19އާ ގުޅިގެން ފުވައްމުލަކު ސިޓީގައި އަޅާފައިވާ ފިޔަވަޅުތަކަށް ލުޔެއް


ކޯވިޑް-19އާ ގުޅިގެން ފުވައްމުލަކު ސިޓީގައި އަޅާފައިވާ ފިޔަވަޅުތަކަށް ލުޔެއް ދިނުމަށް ސިޓީ ކައުންސިލުން ނިންމައިފިއެވެ.

ކޯވިޑް-19ގެ ސިއްޙީ ކުއްލި ނުރައްކަލުގެ ހާލަތާއި ގުޅުވައިގެން އެސިޓީގައި ގިނަ ފިޔަވަޅުތަކެއް ވަނީ އަޅާފައެވެ. އެގޮތުން އާއްމު ވިޔަފާރި މަނާކުރެވި ޑެލިވަރީ ނިޒާމެއްގެ ތެރެއިން ވިޔަފާރިއަށް ވަނީ ހުޅުވާލެވިފައެވެ. މީގެއިތުރުން އެސިޓީގެ މައި މަގު ކަމުގައިވާ، ނައިބު ތުއްތު މަގު، ހަވީރު 4:00 އިން ރޭގަނޑު 12:00 އާއި ހަމަޔަށް ބޭނުން ކުރުން އެއްކޮށްހެން ވަނީ މަނާ ކުރެވިފައެވެ.

ނަމަވެސް ފުވައްމުލަކު ސިޓީގައި މިހާރު އާންމު ވިޔަފާރި ކުރުމުގެ ހުއްދަ ވަނީ ދީފައެވެ. އެގޮތުން ކާބޯތަކެތި ވިއްކާތަންތަނާއި، ފިހާރަތާކާއި، ސެލޫންއާއި ބޯކޮށާ ތަންތަނާއި، ގަރާޖު ވަޑާންގެ ފަދަ ތަންތަން ހުޅުވުމުގެ ހުއްދަ ވަނީ ދޫކޮށްފައެވެ. މީގެ އިތުރުން ނައިބުތުއްތު މަގު ވަކި ވަގުތެއްގައި، ބަނދު ކޮށްފައި ބޭއްވުން ވަނީ އުވާލާފައެވެ.

ފުވައްމުލަކު ސިޓީ ކައުންސިލުން ނެރެފައިވާ އިއުލާނާއެކު، އަޅާފައިވާ ފިޔަވަޅުތަކަށް ލުޔެއް ދިންނަމަވެސް، ޖިސްމާނީ ގައިދުރުކަން ބެހެއްޓުމާއި، އަދި އާންމު ވިޔަފާރިއަށް ފަހު ޑިސްއިންފެކްޓު ކުރުން ފަދަ ކަންކަން އުސޫލެއްގެ ގޮތުން ވަނީ ކަނޑައަޅާފައެވެ. މީގެ އިތުރުން ޓޭކް އަވޭއަށް އިސްކަން ދިނުމާއި، ޙިދުމަތް ދިނުމުގައި އަންގި އާއި މާސްކު ބޭނުން ކުރުމަށް ކައުންސިލުން ވަނީ އަންގާފައެވެ.