މުނިފޫހިފިލުވުން

އަޖޭގެ "ބުޖް - ދަ ޕްރައިޑް އޮފް އިންޑިއާ" ރިލީޒްކުރުން ޑިސެމްބަރަށް ފަސްކޮށްފި


އަޖޭ ދޭވްގަންގެ ކުރިއަށްއޮތް ފިލްމް "ބުޖް - ދަ ޕްރައިޑް އޮފް އިންޑިއާ" ރިލީޒްކުރުން މިއަހަރުގެ ޑިސެމްބަރުމަހަށް ފަސްކޮށްފިއެވެ.

ކުރިން މި ފިލްމް ރިލީޒްކުރާގޮތަށް ހަމަޖެހިފައިއޮތީ އިންޑިއާގެ މިނިވަންދުވަހާ ދިމާކޮށް އޯގަސްޓްމަހުގެ 14 ވަނަ ދުވަހުއެވެ. ނަމަވެސް ފިލްމް ރިލީޒްކުރުން ޑިސެމްބަރު 16 އަށް ފަސްކުރުމަށް ފިލްމުގެ ޕްރޮޑަކްޝަން ޓީމުން މިހާރު ނިންމާފައިވާކަމަށް ބޮލީވުޑްގެ ޚަބަރުތައް ގެނެސްދޭ ބައެއް ވެބްސައިޓްތަކުން ވަނީ ފާހަގަކޮށްފައެވެ. ކޮންމެ އަހަރެއްގެވެސް ޑިސެމްބަރުމަހުގެ 16 ވަނަ ދުވަސް އިންޑިއާގައި ފާހަގަކުރަނީ "ވިޖޭ ދިވާސް" ނުވަތަ ނަޞްރުގެ ދުވަހުގެގޮތުގައެވެ. މިއީ 1971 ވަނަ އަހަރު ހިނގާދިޔަ އިންޑޯ-ޕާކިސްތާން ހަނގުރާމައިގައި އިންޑިއާއަށް ލިބުނު ކާމިޔާބީ ފާހަގަކުރާ ދުވަހެވެ. މި ހަނގުރާމަ ހިނގިތާ މިއަހަރަށް 49 އަހަރު ފުރޭނެއެވެ.

އަބީޝެކް ދުދައިއްޔާ ޑައިރެކްޓް ކޮށްފައިވާ މި ފިލްމުގައި ދައްކުވައިދެނީ އިންޑޯ-ޕާކިސްތާން ހަނގުރާމައިގައި ހިނގާދިޔަ ބައެއް މުހިއްމު ޙާދިސާތަކެކެވެ. އެގޮތުން އެދުވަސްވަރު އިންޑިއަން އެއަރފޯސްގައި މަސައްކަތް ކުރި ސްކޮޑްރަން ލީޑަރެއްގެކަމަށްވާ "ވިޖޭ ކާރްނިކް" އިންޑިއާގެ ގުޖުރާތު ސިޓީގެ އަވަށެއްކަމަށްވާ ބުޖްގައި ހުރި އިންޑިއަން އެއަރފޯސްގެ އެއަރބޭސް މަރަމާތުކުރުމަށް ކުރި މަސައްކަތް މި ފިލްމުގައި ފެނިގެންދާނެއެވެ. މި އެއަރބޭސްއަކީ ހަނގުރާމައިގައި ޕާކިސްތާން ސިފައިން ހަލާކުކޮށްލާފައިވާ ތަނެކެވެ.

ފިލްމުގައި ވިޖޭ ކާރްނިކްގެ ރޯލުން އަޖޭ ފެނިގެންދާއިރު، އަޖޭގެ އިތުރުން ދެން މި ފިލްމުގެ މުހިއްމު ރޯލުތަކުން ފެނިގެންދާ ތަރިންގެ ތެރޭގައި ސޮނާކްޝީ ސިންހާ، ސަންޖޭދަތު، އަމީ ވިރްކް، ޕަރިނީތާ ސުބްހާޝް އަދި ނޯރާ ފަތޭހީ ހިމެނެއެވެ.

މި ފިލްމް ރިލީޒްކުރުން ފަސްކުރި ސީދާ ސަބަބެއް ސާފުނުވިނަމަވެސް، ބޮޑަށް ޤަބޫލުކުރެވެނީ ފިލްމް ނެރުން ފަސްކުރީ ކޯވިޑް-19ގެ ސަބަބުން އިންޑިއާގެ ފިލްމް އިންޑަސްޓްރީގެ މަސައްކަތްތައް މަޑުޖެހިފައި އޮތުމުގެ ސަބަބުން ޕޯސްޓް ޕްރޮޑަކްޝަންގެ މަސައްކަތްތަަކަށް ބުރުއެރުމުންކަމަށް ބޮލީވުޑްގެ ބައެއް ޚަބަރުތައް ގެނެސްދޭ ވެބްސައިޓުތަކުގައި ބުނެފައިވެއެވެ.

"ބުޖް - ދަ ޕްރައިޑް އޮފް އިންޑިއާ"ގެ އިތުރުން އަޖޭ މެއިން ރޯލުތަކުން ފެނިގެންދާ އިތުރު 3 ފިލްމެއް މިއަހަރު ރިލީޒްކުރާނެއެވެ. އެއީ "ސޫރިޔަވަންޝީ" އާއި "މައިދާން" އަދި "ދަ ބިގް ބުލް" އެވެ. ހަމައެހެންމެ އަޖޭ ޕްރޮޑިއުސްކޮށްފައިވާ ފިލްމެއްކަމަށްވާ "ޗަލާންގް" ވެސް މިއަހަރު ރިލީޒްކުރާގޮތަށް ވަނީ ހަމަޖެހިފައެވެ.