ޚަބަރު

ކޯވިޑް-19 : ބަލިޖެހޭ މީހުން މިހާރު ފެންނަ ޢަދަދު ހުރީ ބޭސްލައިންގައިކަމަށް ބެލެވޭ - ޑރ. އަފްޒަލް


ރާއްޖޭގައި ކޯވިޑް-19އަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދު މިހާރު ފެންނަ މިންވަރު ހުރީ މިފަދަ ބަލިތަކާ އަޅާބަލާއިރު ދަށް މިންވަރެއްކަމަށް އެޗް.ޕީ.އޭގެ އެޕިޑެމިލޮޖިސްޓް ޑރ.އިބްރާހީމް އަފްޒަލް ވިދާޅުވެއްޖެއެވެ.

ނޭޝަނަލް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ޑރ.އަފްޒަލް ވިދާޅުވީ ރާއްޖޭގައި ކޯވިޑް-19އަށް ޕޮޒިޓޮވާ ބިދޭސީންނާއި ދިވެހިންގެ ޢަދަދުވެސް ދަނީ މަދުވަމުންކަމަށެވެ. އެގޮތުން މިހާރު ދުވާލަކު ޕޮޒިޓިވްވާ މީހުންގެ ޢަދަދު 30އާއި 50އާ ދެމެދު ހުރިއިރު މިއީ މިފަދަ ބަލިމަޑުކަމެއްގެ ޙާލަތުގައި ގިނަ ޢަދަދެއް ނޫންކަމަށް ޑޮކްޓަރ ވިދާޅުވިއެވެ.

މިހާރުގެ ޙާލަތު ތަފްސީލުކޮށްދެއްވަމުން ޑރ.އަފްޒަލް ވިދާޅުވީ މިފަދަ ބައްޔެއް ރާއްޖޭގައި ފެތުރެން ފެށިތާ 2 މަހެއްހައި ދުވަސްވެފައިވާއިރު، އެއްވެސް މީހަކު ޕޮޒިޓިވް ނުވުމަކީ އެންމެ އެދޭގޮތަށް ވީނަމަވެސް ފަރުވާއެއްނެތް ބައްޔެއް މުޅިން ނައްތާލުމަކީ ކުރެވޭނެކަމެއްވެސް ނޫންކަމަށެވެ. މިހާރު ރާއްޖޭގައި ބަލިޖެހޭ މިންވަރުހުރީ ގާތްގަނޑަކަށް 30އާއި 50އާ ދޭތެރޭގައިކަމަށް ވަރަށް ބޮޑަށް ލަފާކުރެވޭކަމަށާ، އެހެން ބަލިތައްވެސް އުޅެނީ މިފަދަ މިންވަރެއްގައިކަމަށް ޑރ.އަފްޒަލް ވިދާޅުވިއެވެ.

"ހަޤީގަތުގައި ޤައުމެއްގެ ތެރޭގައި މިފަދަ ބަލިމަޑުކަމެއް ފެތުރިގެންދިޔައިމަ އޭގެފަހުން އެޔަށްކިޔާނީ އެޤުމެއްގެ އެންޑިމިކް ބައްޔެކޭ. އެހެންވީމަ އެންޑަމިކްގައި ހުންނަކީ ބައްޔަކީ ހަޤީގަތުގައި ކޮންމެވެސް ވަރެއްގެ ބޭސްލައިންއެއް ހުންނަ ބަލި. އެހެންވީމަ އެކަށީގެންވޭ މިބަލީގައިވެސް ނިމިގެންދާއިރު ކުރިއަށް އޮތް އަހަރުތަކުގައިވެސް ބޭސްލައިންއެއް އުފެދިގެން ދިއުން" ޑރ. އަފްޒަލް ވިދާޅުވިއެވެ.

ރާއްޖޭގައި ކޯވިޑް-19އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު މިމަހުގެ ނިޔަލަށް ސަރޖަކަށްދާނެކަމަށް ޑޮކްޓަރުްނ ލަފާކޮށްފައިވާއިރު، ބަލިން ރައްކާތެރިވުމަށް އެޅިފިޔަވަޅުތަކާއެކު އަންދާޒާކުރި މިންވަރަށްވުރެ ބަލިޖެހޭ މީހުންގެ އަދަދު މަދުކަން އެންއީއޯސީން ފާހަގަކުރެއެވެ.

މިހާފްތާ ތެެރޭގައި ރާއްޖެއިން ޕޮޒިޓިވްވާ މީހުންގެ އެވްރެޖް އަދަދު އުޅެނީ ދުވަލަކު 30 އާއި 50 ދެމެދުގެ އަދަދެއްގައެވެ.