ޕާކިސްތާނުގެ ކަރާޗީގެ ޖިނާހް އިންޓަރނޭޝަނަލް އެއަރޕޯޓް ކައިރިއަށް އެގައުމުގެ މަތިންދާބޯޓެއް ވެއްޓި، އެއިން ދަތުރުކުރި މީހުން މަރުވުމާ ގުޅިގެން ރާއްޖޭގެ ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު، ޕާކިސްތާނުގެ ފޮރިން މިނިސްޓަރ މަޚްދޫމް ޝާހް މަހްމޫދު ޤުރޭޝީއަށް ތައުޒިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.
މިނިސްޓަރ ޝާޙިދުގެ މެސެޖްގައި ވިދާޅުވީ މަތިންދާބޯޓު ވެއްޓުނު ޚަބަރު އެއްސެވީ ފުން ހިތާމަޔާއެކުގައި ކަމަށާއި، ހިތާމައިގެ މިދަނޑިވަޅުގައި ޕާކިސްތާނު ސަރުކާރާއި ރައްޔިތުންނަށް ދިވެހި ސަރުކާރާ ރައްޔިތުންގެ ނަމުގައި ތައުޒިޔާ ދަންނަވާ ކަމަށެވެ. އަދި މަރުވި މީހުންގެ އާއިލާތަކަށް ތައުޒިޔާ ރައްދު ކޮށްދެއްވުމަށްވެސް މިނިސްޓަރ ޝާހިދު އެދިވަޑައިގަތެވެ.