ޚަބަރު

ސީއައިއޭއާއެކު އޮންނަ ސަލާމަތީ ގުޅުން ފަލަސްޠީނުން ކަނޑާލައިފި


އެމެރިކާގެ ޖާސޫސީ އިދާރާ، ސީއައިއޭއާއެކު ޤާއިމްކޮށްފައިވާ ސަލާމަތީ ގުޅުންތައް ފަލަސްޠީނުން ކަނޑާލައިފިއެވެ.

އިސްރާއީލުން އިސްތިޢުމާރުކޮށްފައިވާ ފަލަސްޠީނުގެ ހުޅަނގު އައްސޭރީގެ ބިންތަކަކީ އިސްރާއީލުގެ ބައެއްކަމަށް ކަނޑައަޅުއްވަން ބޮޑުވަޒީރު ބެންޔަމިން ނަތަންޔާހޫ ނިންމެވުމުން ފަލަސްޠީނުންވަނީ އިސްރާއީލާއި އެމެރިކާއާއެކުވެފައިވާ ހުރިހާ އެއްބަސްވުމެއް އުވާލާފައެވެ. އޭގެ ތެރޭގައި ސަލާމަތީ ކަންކަން ހިމެނެއެވެ. ފަލަސްޠީނާއި ސީއައިއޭއާ ދެމެދު އޮންނަ ގުޅުން މެދުކަނޑާލާފައިވަނީ އެނިންމުމާ ގުޅިގެންނެވެ.

2017ވަނަ އަހަރުން ފެށިގެން ފަލަސްޠީނުންދަނީ އެމެރިކާ ބޮއިކޮޓުކުރަމުންނެވެ. ނަމަވެސް ސީއައިއޭއާ ގުޅިގެން ކުރަމުންދިޔަ މަސައްކަތްތަކަށް އޭގެ ސަބަބުން އަސަރުކޮށްފައެއް ނުވެއެވެ. ސަލާމަތީ ގުޅުން ކަނޑާލާނެކަމުގެ އިންޒާރު މީގެ ކުރިންވެސް ފަލަސްޠީނުން ދިންނަމަވެސް އެގޮތަށް ޢަމަލުކޮށްފައެއް ނުވެއެވެ. އިސްރާއީލުން ބުނީ ހަމާޞް ޖަމާޢަތުން ދޭ ޙަމަލާތަކާ ދެކޮޅަށް ފަލަސްޠީނަށް އެ ޤައުމުގެ އެހީތެރިކަން ބެނުންވާނެކަމަށެވެ.

ފަލަސްޠީން ލިބަރޭޝަން އޯގަނައިޒޭޝަންގެ ސެކެޓްރީ ޖެނެރަލް ޞާއިބު ޢުރައިޤާތު ވިދާޅުވީ އެ ދުވަސް ފަހަނައަޅައި ގޮސްފައިވާކަމަށާއި ބަދަލެއް ގެންނަންވީ ވަގުތު އައިސް ޖެހިއްޖެކަމަށެވެ. ފަލަސްޠީނުން އިސްރާއީލާއި އެމެރިކާއާއެކު އޮތް ސަލާމަތީ ގުޅުންތައް އުވާލާފައިވާކަމަށާއި ޤައުމުގެ ސަލާމަތީ ކަންކަމާއި ޤާނޫނުތައް ތަންފީޒުކުރުމުގައި އެހެން ބައެއްގެ އެހީތެރިކަން ނުހޯދާނެކަމަށް ޢުރައިޤާތު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ފަލަސްޠީނުގެ ރައީސް މަޙުމޫދު ޢައްބާސް އިސްރާއިލާއި އެމެރިކާއާއެކުވެފައިވާ އެއްބަސްވުންތައް އުވާލާފައިވާކަން އިޢުލާނުކުރެއްވުމުން ސީއައިއޭއާއެކު ޤާއިމްކޮށްފައިވާ ސަލާމަތީ ގުޅުންތައް މެދުކެނޑިފައިވާކަމަށާއި އެކަން އެޤައުމަށް އަންގާފައިވާކަމަށެވެ