ވިޔަފާރި

އެމިރޭޓްސްގެ ދަތުރުތައް 9 މަންޒިލަކަށް ފަށައިފި


ކޯވިޑްއާ ގުޅިގެން ދަތުރުތައް ހުއްޓާލާފައި އޮތުމަށްފަހު އެމިރޭޓްސް އެއަރލައިނުން ބައިނަލްއަޤްވާމީ ބައެއް މަންޒިލްތަކަށް ދަތުރުތައް ފަށައިފިއެވެ. އެމިރޭޓްސް އެއަރލައިނުން ބުނީ ބައިނަލްއަޤްވާމީ 9 މަންޒިލަކަށް އެ އެއަރލައިންގެ ޕެސެންޖަރ ދަތުރުތައް ފަށާފައިވާކަމަށެވެ.

އެމިރޭޓްސްއިން އަލުން ދަތުރުތައް ފެށި މަންޒިލްތަކުގެ ތެރޭގައި ހިމެނެނީ އިނގިރޭސިވިލާތުގެ ލަންޑަން، ޖަރުމަންވިލާތުގެ ފްރެންކްފަރޓް، ފްރާންސްގެ ޕެރިސް، އިޓަލީގެ މިލާން، ސްޕެއިންގެ މެޑްރިޑް، އެމެރިކާގެ ޗިކާގޯއާއި ޓޮރޮންޓޯ އަދި އޮސްޓްރޭލިއާގެ ސިޑްނީ، އަދި މެލްބަރންއެވެ. މި ދަތުތުތައް ކުރަނީ ދުބާއީ އިންޓަނޭޝަނަލް އެއަރޕޯޓުންނެވެ.

ކޯވިޑް19 ގެ ސަބަބުން ދަތުރުތައް ހުއްޓާލާފައި އޮތުމަށްފަހު އެމިރޭޓްސް އެއަރލައިނުން އަލުން ދަތުރުތައް ފެށިއިރު ފަސިންޖަރުންނާއި އަދި ކުރޫއިންގެ ސަލާމަތާއި ރައްކާތެރިކަމަށް ގިނަ ފިޔަވަޅުތަކެއް އަޅާފައިވާނެކަމަށް އެ އެއަރލައިނުން ބުނެއެވެ. އެ އެއަރލައިނުން ދަތުރުކުރާ ކޮންމެ ފަސިންޖަރަކަށް ހިލޭ ހައިޖީން ކިޓެއް ދޭނެކަމަށް އެއަރލައިނުން ބުނެއެވެ. މި ކިޓްގައި ހިމެނެނީ ފޭސް މާސްކާއި، އަންގިއާއި، އެންޓިބެކްޓީރިއަލް ވައިޕްސްއާއި، ހޭންޑް ސެނިޓައިޒަރއެވެ.

އަންގިއާއި ފޭސްމާސްކު އެއަރޕޯޓުގެ ތެރޭގައި ބޭނުންކުރަން ޖެހޭއިރު ފުލައިޓްގެ ތެރޭގައި ފޭސް މާސްކު ކޮންމެހެންވެސް ބޭނުންކުރަންޖެހޭނެކަމަށް އެމިރޭޓްސްއިން ބުނެއެވެ.

ދުބާއީ އިންޓަނޭޝަނަލް އެއަރޕޯޓްގައި މިހާރު ވަނީ ސަލާމަތާއި ރައްކާތެރިކަމުގެ ގިނަ ފިޔަވަޅުތަކެއް އަޅާފައެވެ. އޭގެތެރޭގައި ހަށިގަނޑުގެ ފިނިހޫނުމިން ބެލުމަށް ތާމަލް ކެމެރާ ވަނީ ބަހައްޓާފައެވެ.

އެމިރޭޓްސްގެ އިތުރުން ބައިނަލްއަޤްވާމީ އެހެން އެއަރލައިންތަކުންވެސް އަންނަނީ ސަލާމަތީ ފިޔަވަޅުތަކާއެކު އަލުން ދަތުރުތައް ފަށަމުންނެވެ.