ޚަބަރު

މާލެއާއި އިތުރު 25 ރަށެއް ފިޔަވައި އެހެން ހުރިހާ ރަށެއްގައި ޖަމާޢަތުގައި ނަމާދު ކުރަން ހުއްދަދީފި


މާލެއާއި އިތުރު 25 ރަށެއް ފިޔަވައި އެހެން ހުރިހާ ރަށެއްގައި ޖަމާޢަތުގައި ނަމާދު ކުރުމުގެ ހުއްދަ ދީފިއެވެ. އިސްލާމިކް މިނިސްޓްރީން ވަނީ މިކަން ކައުންސިލްތަކަށް އަންގަވައި ސަރކިއުލާއެއް ނެރުއްވާފައެވެ.

އިސްލާމިކް މިނިސްޓްރީން ކައުންސިލްތަކަށް ފޮނުއްވި ސަރކިއުލަރގައި ވިދާޅުވެފައިވަނީ އިއްޔެ އިލްމްވެރިންނާއި ކަމާބެހޭ ސިއްހީ އިދާރާތަކާއެކު ބޭއްވި ބައްދަލުވުމުގައި މިއަދުގެ ހުކުރު ނަމާދުން ފެށިގެން މިވަގުތު ރާއްޖޭގައި ފުރަބަންދު ހާލަތުގައި ހުރި ރަށްރަށާއި މޮނިޓަރިންގެ ހާލަތުގައި ހުރި ރަށްރަށާއި އެރަށެއްގައި މީހަކު ކަރަންޓީނުކޮށްފައިވާ ރަށްތައް ފިޔަވާ އެހެން ރަށްރަށުގެ މިސްކިތްތަކުގައި ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ޖަމާއަތުގައި ނަމާދުކުރަން ހުއްދަ ދިނުން އެންމެ ރަނގަޅުކަމަށް ނިންމަވާފައިވާ ކަމަށެވެ.

އެގޮތުން އެ ސަކިއުލަރގައި ވަނީ ހެލްތް ޕްރޮޓެކްޝަން އެޖެންސީން ފުރަބަންދު ހާލަތަށް ގެނެސްފައިވާ ރަށްތަކާއި މޮނިޓަރިންގެ ހާލަތުގައި ހުރި ރަށްރަށާއި އެރަށެއްގައި ކަރަންޓީނުކޮށްފައިވާ ރަށްތަކުގެ ގޮތުގައި ކަނޑައަޅާފައިވާ ރަށްތަކުގެ ލިސްޓެއްވެސް ހިމަނާފައެވެ.

އެ ލިސްޓްގައި 25 ރަށެއް ވަނީ ހިމަނާފައެވެ.

ޖަމާޢަތުގައި ނަމާދުކުރުމަށް މިސްކިތްތައް ހުޅުވާލާއިރު މިސްކިތްތަކުގެ ކާޕެޓުތައް ނެގުމާއި ކޮންމެ ނަމާދެއް ފެށުމުގެ ކުރިން މިސްކިތުގައި މޮޕުލައި ސާފު ކުރުމާއި މިސްކިތުގައި ސައިބޯނި ލައިގެން އަތް ދޮވެވޭނެ އިންތިޒާމު ހަމަޖައްސާފައި ހުންނަންޖެހޭނެ ކަމަށް އިސްލާމިކް މިނިސްޓްރީން ކައުންސިލްތަކަށް ފޮނުއްވި ސަރކިއުލާގައި ވަނީ ވިދާޅުވެފައެވެ. އަދި ކޮންމެހެން ބޭނުންކުރަންޖެހިއްޖެ ޙާލަތެއްގައި ނޫނީ މިސްކިތުގެ އެއަރކޯނު ބޭނުން ނުކުރުމަށާއި، އެއަރކޯން ބޭނުންކުރާ ނަމަވެސް ދޭތެރެ ދޭތެރެއިން މިސްކިތުގެ ދޮރުތައް ހުޅުވައި ވައި ބަދަލުވާނޭ ގޮތް ހެދުމަށްވެސް ވަނީ އަންގަވާފައެވެ.

މީގެ އިތުރުން މިސްކިތަށް ނަމާދަށް ދާ މީހުންވެސް ވަކި ކަންތައްތަކަކަށް ސަމާލުކަން ދިނުމަށް އިސްލާމިކް މިނިސްޓްރީން ވަނީ އަންގަވާފައެވެ.

ނަމާދަށްދާ މީހުން ސަމާލުކަންދޭންވީ ކަންތައްތައް:

- ގެއިން ވުޟޫ ކޮށްގެން މިސްކިތަށް ދިއުން
- ކުޑަ މުސައްލައެއް ގެންދިއުން
- މާސްކު އެޅުން
- ރޯގާ ޖެހިފައި ނުވަތަ ހުން އައިސްފައި ނުވަތަ ކެއްސާ ނަމަ މިސްކިތަށް ނުދިއުން
- ނަމާދު ނިމުމަށް ފަހު މިސްކިތުގައި ގިނައިރުވަންދެން މަޑު ނުކުރުން
- ފުއްޕާމޭގެ ބަލި ހުންނަ މީހުންނާއި ޢުމުރުން ދުވަސް ވެފައިވާ މީހުން މިސްކިތަށް ނުދިއުން
- އަތާ އަތް ޖޯދުކޮށް ސަލާމް ކުރުން ފަދަ ކަންކަން ކުރުމުން ދުރުހެލިވުން
- ޖަމާޢަތުގެ ސަފު ހެދުމުގައި ގައިދުރުކަން ބެހެއްޓުން.

އިސްލާމިކް މިނިސްޓްރީން ވިދާޅުވީ މިހާރު ފުރަބަންދުކުރުން ނުވަތަ މޮނިޓަރިންގ ފަދަ ޙާލަތެއް މިހާރު ނެތް ރަށެއްވެސް އެޙާލަތައް އަތުވެއްޖެނަމަ އެރަށެއްގައި މިސްކިތުގެ ޖަމާޢަތް ހެދުން ވަގުތުން ހުއްޓާލަން ޖެހޭނެ ކަމަށެވެ. އަދި މިސްކިތްތައް ހުޅުވާލުމުގައި ސަމާލުކަން ދިނުމަށް ފާހަގަ ކޮށްފައިވާ ކަންކަމަކީ މިހާރުގެ ޙާލަތަށް ރިޢާޔަތް ކުރެވިގެން، ބަޔާންކޮށްފައިވާ ކަންތައްތަކަށްވުމުން މިހާރުގެ ޙާލަތު ރަގަޅުވަމުންދާކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީއިން ކަޑައަޅައިފިނަމަ ޖަމާއަތުގައި ނަމާދުކުރުމާއި ގުޅޭގޮތުން އިތުރު ލުއިތައް ދެމުންދާނެ ކަމަށްވެސް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ.

ކޯވިޑް-19އިން ރައްކާތެރިވުމަށް ރާއްޖެއިން އެޅި ފިޔަވަޅުތަކުގެ ދަށުން ގިނަ މީހުން އެއްތަނަކަށް ޖަމާވުން ހުއްޓުވުމުގެ ގޮތުން ރާއްޖޭގެ ހުރިހާ ރަށެއްގައި ޖަމާޢަތުގައި ނަމާދުކުރުން ހުއްޓާލުމަށް އަންގަވާފައިވަނީ މިދިޔަ އޭޕްރީލް މަހުގެ 28 ވަނަ ދުވަހުގެ އަޞްރު ނަމާދަށްފަހުގައެވެ.

ކޯވިޑް-19އަކީ ވަރަށް ފަސޭހައިން ގައިންގަޔަށް އަރާ ބައްޔެއްކަމުން އެ ބަލި ރާއްޖޭގައި ފެތުރެން ފެށުމާއެކު ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ހެލްތު ޕްރޮޓެކްޝަން އެޖެންސީން ވަނީ ގިނަ ފިޔަވަޅުތަކެއް އަޅުއްވާފައެވެ. އެގޮތުން ރާޢްޖޭގައި އާންމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކޮށް އާންމުން އެެއްތަނަކަށް ގިނައިން ޖަމާވުން ހުއްޓުވުމަށްވެސް ވަނީ ފިޔަވަޅުތަކެއް އަޅުއްވާފައެވެ.