ޚަބަރު

ފުރަބަންދަށްފަހު ދިމާވާނެ މީހުން މިހާރު ކަނޑައެޅުން މުހިންމު


ފުރަބަންދުގެ ހާލަތުން ލުއިލިބިގެންދާއިރު ކޮންމެ މީހަކުވެސް އެމީހެއްގެ އަމިއްލަ "މައިކްރޯ ކްލަސްޓަރ"އެއް ނުވަތަ އެމީހަކު ދިމާވާ މީހުން ދެނެގަތުން މުހިންމުކަމަށް ނޭޝަނަލް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.

ކޯވިޑް-19ގެ ޙާލަތާއި ގުޅިގެން އިއުލާންކޮށްފައިވާ ފުރަބަންދަށް ލުއިތަކެއްދިނުމަށް ސަރުކާރުން ވަނީ މަސައްކަތްފަށްޓަވާފައެވެ. މިރޭ ބޭއްވި އެންއީއޯސީގެ ނޫސްވެރިންގެ ބައްދަލުވުން ނިންމަވާލައްވަމުން އެސެންޓަރުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ ފުރަބަންދަށްފަހުދޭ ލުއިތަކާއެކު ހުރިހާ ފަރާތްތަކުންވެސް ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުން މުހިއްމުކަމަށެވެ.

އެގޮތުން ކޮންމެ މީހަކުވެސް ފުރަބަންދުން ލުއިލިބުމުން ބޭރަށް ނިކުންނައިރު ދިމާވާނީ ކޮންބަޔަކާކަން މިހާރުންފެށިގެންވެސް ނިންމެވުން މުހިއްމުކަމަށާއި، އެގޮތަށް ދިމާވާނެ 5 ނުވަތަ 6 މީހުންނަށްވެސް ތިމާ ދިމާވާނީ އެމީހުނާއިކަން އެނގިފައިއޮތުން މުހިއްމުކަމަށް މަބްރޫކް ވިދާޅުވިއެވެ.

"އަމިއްލައަށް ތިމާ ދިމާވާން ނިންމާ ފަސް ހަ މިހުން ފިޔަވާ އެހެންމީހުންނާއި ބައްދަލުނުކުރަންވީ. މިސާލަކަށް އާއިލާގެ ތެރޭގައި އުޅޭ ފަސް ހައެއްކަ މީހަކާ، ނުވަތަ ކޮންމެހެން ދިމާވާންޖެހޭ ގާތް ރައްޓެއްސެއް. ރަށްޓެހިވެގެން އުޅޭ ކުއްޖެއް. މިގޮތަށް ދިމާވާނީ ވަކި ބަޔަކާއޭ ނިންމުމަށްފަހުގައި. އެމީހުންނާއި އެކަނި ބައްދަލުކުރާނީ. އޭރުން ކޮންޓެކްޓްވާ މީހުން ވަރަށް ބޮޑުތަނުން މަދުވެގެންދާނެ" މަބްރޫކް ވިދާޅުވިއެވެ.

ފުރަބަންދަށްފަހު ބޭރަށް ނިކުންނަ ކޮންމެ މީހަކުވެސް މާސްކުއަޅައިގެން އުޅުން މުހިއްމުކަމަށާއި ފިހާރައިން ނުލިބޭނަމަ ފޮތި މާސްކް ފަހައިގެންވެސް އަޅުއްވަން އެންއީއޯސީން ވަނީ ބާރު އަޅުއްވާފައެވެ. އަދި މާސްކް ބޭނުންކުރުމަށްފަހު ފޮތި މާސްކްތައް ދޮވެގެންވެސް ބޭނުންކުރަން އާދަކުރެއްވުމަށް އެފަރާތުންވަނީ އިލްތިމާސްކުރައްވާފައެވެ.

މީގެ އތުރުން ފިހާރަތަކަށް މީހުންދާއިރު، އެފިހާރައަކަށް ވައްދާނެ މީހުންގެ އަދަދާއި، މާސްކް އަޅައިގެން ނޫނީ ފިހާރައަށް ނުވެއްދުންފަދަ ނިންމުންތައް ވިޔަފާރިތަކުން ނިންމައި އެގޮތަށް ކަންކަން އިންތިޒާމުކުރެވޭނެކަމަށް އެންއީއޯސީންވަނީ ވިދާޅުވެފައެވެ.